އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ފެށުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސްގެ އިރުޝާދާއިއެކު ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމު ހަމަޖައްސަމުންދަނީ ޒަމާނީ ޓެކްނޮލަޖީގެ ފަސޭހަކަމާއި ވެސް އެކު ކަމަށެވެ.
ޓަޗް އެންޑް ގޯ އަދި ކިއުއާރް ކޯޑުން ޓިކެޓު ކަނޑައިގެން ބަހުގެ ދަތުރުކޮށްލުމުގެ ފަސޭހަކަން މިއަހަރު ނިމުމުގެ ކުރިން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ސީދާ އެކަން ހަމަޖެހޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އާޒިމް ވިދާޅުވީ، އެ ނިޒާމު ގާއިމުކުރުމަށް ބީއެމްއެލް އަދި މާސްޓަކާޑުގެ އެހީތެރިކަން ލިބުނު ކަމަށެވެ.
މި ރަސްމިޔާތުގައި އާޒިމް ވަނީ ޖުލައި މަހު މާލޭގައި މިނީ ބަހުގެ ހިދުމަތްވެސް ފެށޭނެ ކަމުގެ އުފާވެރި ހަބަރު ވެސް ދެއްވާފަ އެވެ.