
އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އަނބުގެ ތޮށީގައި، މޭވާގައި ހިމެނޭ މިންވަރަށް ވުރެ ގިނައިން ނިއުޓްރިޝަން އެކުލެވިގެން ވުމަކީ އެކަށީގެންވާ ކަމެކެވެ. ޔުނިވާސިޓީ އޮފް ކުއީންސްލޭންޑް ސްކޫލް އޮފް ފާމަސީގެ ދިރާސާއަކުން ދައްކާ ގޮތުގައި އަނބުގެ ތޮށްޓަކީ ފެޓް ސެލްތައް އުފެދުން މަދުކޮށްދޭ އެއްޗަކަށް ވުމުގެ ސަބަބުން އެއީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ބައެއް ދިރާސާތަކުން ކެންސަރުގެ ސެލްތައް މަދުކުރުމުގައި ނުވަތަ ހަކުރު ބަލި ކޮންޓްރޯލް ކުރުމުގައި ވެސް އޭގެ ދައުރެއް ވާކަމަށް އިޝާރާތްކޮށްފައި ވެއެވެ.
އަނބުގެ ތޮއްޓަކީ ގަސްގަހާގެހީގެ ކޮމްޕައުންޑްސް، ފައިބާ އަދި އެންޓި އޮކްސިޑެންޓްތަކުން ފުރިފައިވާ، ބަލިތަކުން ދުރުވުމަށާއި ޒުވާންކަންމަތީގައި ގިނަ ދުވަހު ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން އަނބުގެ ތޮށްޓަކީ ވިޓަމިން އޭ، ސީ، ކޭ، ފޮލޭޓް، މެގްނީޒިއަމް، ކޮލީން، ޕޮޓޭސިއަމް ފަދަ ނިއުޓްރިއެންޓްތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ.
މެންގިފެރިން، ނޫރަތިރިއޯލް، އަދި ރެސްވެރެޓްރޯލް ފަދަ ބާރުގަދަ އެންޓިއޮކްސިޑެންޓްތައް ވެސް އަނބުގެ ތޮށީގައި ހުރެ އެވެ. މިއެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ބައެއް ވައްތަރުގެ ކެންސަރުތަކުން ރައްކާތެރިވެވިދާނެ އެވެ.
އަނބުގެ ތޮއްޓަކީ ވެސް ވަރަށް ފައިބްރަސް ތޮއްޓަކަށް ވެފައި ހާވާޑް އިން ފިރިހެނުން ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އަނބުގެ ތޮށި ކައި އުޅުނު މީހުންނަށް ކާޑިއޯވަސްކިއުލާ ބަލިތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު 40 ޕަސެންޓް ކުޑައެވެ. ފައިބަރުން މުއްސަނދިވެފައި ހުރުމުގެ ސަބަބުން އަނބުގެ ތޮށްޓަކީ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ރަނގަޅު އެއްޗެކެވެ.
އަނބުގެ ތޮށި ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދެ އެވެ. އަނބާ ހިލާފަށް އަނބުގެ ތޮށި ކެއުމަކީ ހަކުރު ބަލި ހުންނަ މީހުންނަށް ވަރަށް ރަނގަޅު އަދި ފައިދާ ހުރި އެއްޗެކެވެ.
އަނބުގެ ތޮށިތައް ހިއްކައިގެން ފޭޝަލް ޕްރޮޑަކްޓެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ. ހިއްކާފައި ހުންނަ އަނބުގެ ތޮށިގަނޑު ޕައުޑާކޮށްލުމަށް ފަހު އޭގެ ތެރެއަށް ފޭސް ޕެކެއް ހެދުމަށް ޔޯގަޓް ކޮޅެއް އެއްކޮށްލާށެވެ. މި ފޭސް ޕެކްގެ ސަބަބުން ހޫނު މޫސުމަށް ހާއްސަ ފުރިހަމަ އަލިގަދަ އުފާވެރި މޫނެއް ލިބިގެންދާނެއެވެ. އަދި މިއީ މަޑު ހަންގަނޑަށް ވެސް ގުދުރަތީ ހައްލަކަށް ވުމުގެ އިތުރުން ބްލެމިޝްތަކާއި އަނދިރި ސްޕޮޓްތައް ބޭރުކުރުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން އަނބުގެ ތޮށީގައި ހިމެނޭ ވިޓަމިން އީ އަދި ސީ ގެ ސަބަބުން މިއީ އެންޓި ޓެނިން އަށް ރަނގަޅު އޭޖެންޓަކަށް ވެގެން ދެއެވެ.
އަނބުގެ ތޮށި ނޮޅުމުގެ ބަދަލުގައި ތޮށްޓާ އެކު އަނބު ކާން ފަށާށެވެ. މި ގޮތަށް ކާން އުނދަގޫ ނަމަ އަނބުގެ ތޮށްޓާ އެކު މިކްސަރަށް އަޅައި ސްމޫތީއެއް ހަދައިލައިގެން ބޯލާށެވެ. ކޮންމެ ގޮތަކަށް އަނބު ކޭ ނަމަވެސް އަނބުގެ އެންމެ ފައިދާ ހުރި ގޮތަށް ކެވޭތޯ އަބަދުވެސް ބަލާށެވެ.