ދަރަބޫދޫ ނަރުދަމާގެ މަސައްކަތް ކުރަން އައިސްފަތިބި ބިދޭސީ މަސައްކަތްތެރިންތަކެއް އެ ރަށު މިސްކިތުގައި ނިދާ ހަދާ މައްސަލައެއް ފެންމަތިވެ، އަމާޒުވަމުންދާ ފާޑުކިއުންތަކާއި ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ދަރަބޫދޫގައި އަލަށް އިމާރާތްކުރި މިސްކިތުގައި 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއިއެކު ކުރީގެ މިސްކިތް ބަންދުކުރި ކަމަށެވެ.
އަދި އެމިސްކިތް ފަހުން ކައުންސިލާއި ހަވާލުކުރީ އެތަން ބޭނުން ނުކޮށް ހުންނާތީ، ގުރުއާން ކްލާހެެއް ހިންގުމަށް އެތަން ދިނުމަށް ކައުންސިލުން އެދުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއީ ގުރުއާން ކްލާހެެއް ހިންގަން ދިން ތަނެއްކަމަށް މިނިސްޓްރީން ބުނިއިރު، ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުން އާސާރީ މިސްކިތެއްގެ ބޭރުގައި ރޯނުދަމައިގެން އެމީހުންގެ އެއްޗެހިވެސް ހިއްކަން އަޅާފައިވާއިރު، މިސްކިތު އެތެރޭގައި އެއްބަޔަކު ތުވާލި އަދެގެން އަނެއްބަޔަކު ތަންމަތި އަޅައިގެން އޮށޯވެގެން ތިއްބެވެ.
އާއްމުވެގެން އުޅޭ ވީޑިއޯއާއި ގުޅިގެން “ސީއެންއެމް” އިން އެ ރަށު ކައުންސިލް ރައީސްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
ނަމަވެސް ކައުންސިލުން ވާހަކަދެއްކި މެމްބަރަކު ވިދާޅުވިގޮތުގައި، އެ މިސްކިތަކީ 1900ގެ އަހަރުތަކުގައި ބޭނުންކުރި މިސްކިތެއް ކަމަަށާއި އަދި ގަބުރުކަށި ފެނިގެން ފަހުން ބޭނުންކުރުން ހުއްޓާލާފަ ހުރި މިސްކިތެއް ކަމަށެވެ. އަދި އެއީ މިހާރު މިސްކިތުގެ ދަފްތަރުގަވެސް ނުހިމެނޭ މިސްކިތެކެވެ.
އަދި އެތަނުގައި ބިދޭސީ މަސައްކަތްތެރިން ބަހައްޓަމުން އައީ މިހާރު އެކަނި ނޫންކަމަށާއި، ބަނދަރުގެ މަސައްކަތައް މީގެ ކުރިން އައި ބިދޭސީ މަސައްކަތްތެރިން ވެސް ތިބީ އެތަނުގަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެތަނަކީ ރަސްމީކޮށް ކައުންސިލުން ދޫކޮށްފަ ހުންނަތަނެއް ނޫންކަމަށާއި، މީގެ ކުރިންވެސް އެކަން ކުރަމުން އައީ އެހެންކަމަށް ވުމުން އެތަން ދޫކޮށްފަ ހުރީ ރަށުގައި އެމީހުން ބޭތިއްބޭނެ އިތުރުތަނެއް އެވަގުތު ނެތުމުން ކަމަށް ވިދާޅުވި އެވެ.
އާއްމުވެފައިވާ ވީޑިއޯގައި ސައްހަ ނޫން މައުލޫމާތު ހުރިކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެތަނުގައި 200 މީހުން ނުތިބޭނެ ކަމަށާއި، މަސައްކަތް ކުރުމަށް އައިސް އުޅެނީ 23 މީހުން ކަމަށެވެ. އަދި އެތަނުގައި ބުދު ހުރިކަމަށާއި، އެހެން ގޭގެ ލިބެން ހުއްޓާ އެތަނުގައި ބައިތިއްބަނީ ކަމަށް ވީޑިއޯގައި ބުނާ ވާހަކަވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ.
ބިދޭސީ މަސައްކަތްތެރިން ބެހެއްޓުމަށް ގެއެއް ހޯދުމަށް އޭރު ކުރެވުނު އިއުލާނަަށްވެސް އެއްވެސް ބަޔަކު އިޖާބަދީފަ ނުވާކަމަށާއި، އެމީހުން އެތަނުގައި ބައިތިއްބަން ޖެހުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުރުވެގެން އުޅޭ ވީޑިއޯއާއި ގުޅިގެން އުފެދިގެން އުޅޭ ކަންބޮޑުވުންތަކަށް ކައުންސިލުން ވަކި އެއްޗެއް ރަސްމީކޮށް ފަހުން އާއްމުކުރާނެ ކަމަށް ބުންޏެވެ.