ads
އިނާމު ދިނުމުގެ ޖަލްސާގައި ސަރާ----
އެންމެން ހައިރާންކޮށްލާ، ފެންކަޅިކޮށްލި ސަރާގެ ސްޕީޗު: ކެރުމާއި ހިތްވަރުގެ މިސާލެއް!
"ކާމިޔާބީގެ ފަހަތުގައި ނުހަނު ގިނަ ގޮންޖެހުންތައް ވާކަން އެންމެނަށްވެސް އެނގޭ. އެކަމަކު މަދު ފަހަރެއްގަ ނޫނީ މިފަދަ ސްޕީޗެއްގަ އެ ވާހަކަތަކެއް ނުގެނެ"، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ "ބެސްޓް އޯލް ރައުންޑް"ގެ ސޭޝް އަޅައިގެން ހުރެ، ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ހައިސިއްޔަތުން، އެމަރުކަޒުގެ "ޕްރައިޒް ޑޭ" ހަފްލާގައި ސްޓޭޖް މައްޗަށް އަރައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި އައިޝަތު ސަރާ އަހުމަދު، މިއަދު އެހުރި މަގާމަށް އައުމަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުގެ ވާހަކަ އަސަރާއިއެކު ކިޔައިދެން ފެށީ މިގޮތަށެވެ.

ތައުލީމުގެ އެންމެ މަތީ ހަރުފަތްތަކަށް ހިތުގައި ފުން އަޒުމެއް އޮވެގެން މީގެ 10 އަހަރުކުރިން އޭނާ ނ. އަތޮޅު ތައުލީމީ މަރުކަޒުން ފެށި އެދަތުރުގައި، ދޯނި ބަންޑުން ޖަހާލަން އެކި ދިމަދިމާލުން އައި ބިޔަ ރާޅުތަކުގެ ހަނދާން ނައްތާލުމަށްފަހު، ހިތުގައި މަލަން އަޅައިގެން "ސްކޫލުން ނުދިން އެހީތެރިކެމެއްގެ ވާހަކަ ދައްކާ، ދޮގުވެރި ޝުކުރާއި ތައުރީފުގެ ބަސްތަކެއް" އިއްވާކަށް ސަރާ ބޭނުމެއް ނުވި އެވެ. 

އޭނާ ވާހަކަ ދެއްކީ ހަގީގަތަށެވެ. ބުނެ އިއްވީ އެކަމުގެ ސަބަބުން ކުޑަކުޑަ ހިތަށް ކުރި އެތައް އަސަރުތަކެއްގެ ވާހަކަ އެވެ. ތެދެކެވެ. އެފަދަ ސްޕީޗެއްގައި ކުއްޖަކު އާއްމުކޮށް ނުދައްކާނެ އެތައް ވާހަކަތަކެއް އޭނާ ދެއްކީ ކެރިހުރެގެން ނެވެ. ވަކި ހިސާބަކުން ގިސްލަމުން ނެވެ. 2019 ،2020 އަދި 2021 ވަނަ އަހަރުގެ އިނާމު ދޭން މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސަރާ ދިނީ އަސަރުގަދަ އެހެނަސް "ބޯލްޑް" ސްޕީޗެކެވެ. 

ލިބުނު ފަހުރާއި ޝަރަފަށް މާތްﷲ އަށް ހަމްދުކުރުމުން، ފެށި އެ ސްޕީޗުދޭން ސަރާ އާއި ސްކޫލުން ހަވާލުކޮށްފަވަނީ ހަގީގަތުގައި އިނގިރޭސި ބަހުން ނެވެ. ނަމަވެސް ލިބުނު ޝަރަފާއި، ފަހުރުގެ އެންމެ ހައްގުވެރި ފަރާތްކަމަށްވާ ސާރާގެ އެންމެ ލޯބިވާ އޭނާގެ ކާމިޔާބީގެ ހިތުގެ ލޭނާރު ކަމުގައިވާ މާމައަށް ފަހުމުނުވާނެ ގޮތަކުން އެ ސްޕީޗުދޭކަށް ސަރާގެ ހިތެއް ނޭދުނެވެ. ސްޕީޗު ދިނީ ދިވެހި ބަހުން ނެވެ. 

ދެހާސް ނުވަވަނަ އަހަރު، ބޮޑުޗުއްޓީގައި އެންމެ ހަ އަހަރުގައި ސަރާގެ ހަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމީ އޭނާ އަމިއްލަ އަށެވެ. އެއީ ގްރޭޑު-1 ކިޔެވުމަށް މާމަ ކައިރިއަށް، ނ. އަތޮޅު ތައުލީމީ މަރުކަޒު، ވެލިދޫ ސްކޫލަށް ކިޔަވަން އައުމަށެވެ. އެއީ އޭރުވެސް ތައުލީމު އުނގެނުމަށްހުރި ލޯތްބަކަށްޓަކައި، އޭނާ ނިންމި ނިންމުމެކެވެ.

މިއަދު ސަރާ އެހުރި ހިސާބަށް ވާސިލުވުމަށް އޭނާ އެންމެ ފުރަަތަމަ އަޒުމު ކަނޑައެޅީ، އެންމެ ފުރަތަމަ އެ ސްކޫލުގައި ސަރާ ބައިވެރިވި އެސެމްބްލީއެއްގެ ތެރެއިން ނެވެ. އެއީ ޝަރަފާއި ހައިބަތު ރަމްޒުކޮށްދޭ ދަރިވަރުންތަކެއް ފެނި އެ ކުދިން ތިބި ހިސާބަށް ދިއުމަށް އޭނާގެ ހިތުގައި އެންމެ ހަ އަހަރުގައި އަށަގެން އަޒުމެކެވެ. 

"ގްރޭޑު އެކެއްގެ އެސެމްބްލީއަކުން ވަރަށް ރީތި ޓައީއެއް އަޅާ، ބޮޑުބޮޑުކޮށް ފަށް އަޅާފަ ހުރި ކުދިންތަކެއް އަޅުގަނޑު ދެކުނިން. އެއީ ޕްރިފެކްޓުން ކަމާއި، އެއީ ޝަަރަފުވެރި މަގާމެއްކަން އަޅުގަނޑަށް އެގުނު. އެދުވަހު ވަރަށް ވަރުގަދަ އަޒުމެއް ހިތުގައި ލީން. "އަޅުގަނޑުވެސް ކޮންމެވެސް ދުވަހަކަށް އެމަގާމަށް އަންނާނަމޭ" ތައުލީމީ ދައުރު ފެށިގެން ނިމެންދެން ފަހުރުވެރި ވަނަތަކެއް ހާސިލުކުރުމަށް އަޒުމުކަނޑައެޅިގެން ދިޔަގޮތް ކިޔާދެމުން ސަރާ ބުންޏެވެ.

ހިތުގަލީ އަޒުމާއިއެކު އެސްކޫލުގައި އޭނާ ހޭދަކުރި 10 އަހަރު ދުވަސްތެރޭ، ފަހަތަކަށް ނުބަލަ އެެވެ. ހިނގީ ކުރިއަށެވެ. ޝަރަފާއި ފަހުރަށް ފެން ބޮވައިގަނެގެން ހުރެ، ސްކޫލަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމެއްގަ އެވެ. ސްކޫލު ދައުރު ނިންމާލީ އޭނާގެ ހިތުގައި ލީ ކޮންމެ އަޒުމެއް ހާސިލުކޮށް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި އަމިއްލަ ނަފްސަށާއި، އާއިލާ އަދި ސްކޫލަށް ފަހުރުވެރި ނަން ހޯދާދީފަ އެވެ. 

ޕްރިފެކްޓުން ހޮވާ އަހަރުކަމުގައިވާ ގްރޭޑު ހައެއްގައި ގްރޭޑު އެކެއްގެ އެސެމްބްލީ ތެެރެއިން އޭނާ ހިތުގައި ލީ ޕްރިފެކްޓުކަމުގެ ހުވަފެނުގައި ސަރާ ކުލަޖެއްސި އެވެ. ގްރޭޑު ހަޔަކުން ފެށިގެން 10 އަކަށް ޕްރިފެކްޓުގެ މަގާމުގައި ދެމިހުއްޓެވެ. ހަމަ އެ އެސެމްބްލީގައި ދެން ފެނުނީ ވަރަށް ރީތި ރަންކުލައިގެ ސޭޝް އެއް އަޅާފަހުރި ކުއްޖެކެވެ. އެއީ ސްކޫލު ކެޕްޓަނެވެ. އެ މަގާމުގެ ފަހުރުވެރިކާމާ ހައިބަތު ހަ އަހަރުގެ ސަރާގެ ހިތަށް އިހުސާސް ކުރެވި ކޮންމެވެސް ދުވަހަކުން އެމަގާމުވެސް ހޯދާނެ ދަރިވަރަކަށް ވުމަށް ހިތުން އަޒުމު ކަނޑައެޅި އެވެ. އަދި ގްރޭޑު ނުވައެއްގައި އެ ހުވަފެން ވެސް ހަގީގަތަކަށް ހަދާ، ޑެޕިއުޓީ ކެޕްޓަން ކަމުގެ މަގާމު ހޯދާ، ގްރޭޑު 10 އެއްގައި ސްކޫލު ކެޕްޓަން ކަމުގެ މަގާމު ސަރާ ހޯދި އެވެ. 

އެއަށްފަހު، 2013 ވަނަ އަހަރު ގައުމީ ގަދަ ދިހައެއްގައި އެ ސްކޫލުން ވަނަ ހާސިލުކުރި ދަރިވަރުން ރަތްދޫލާގައި ރަށަށް ގެނެވުނު ދުވަހުވެސް ސަރާ އަޒުމެއް ކަނޑައެޅި އެވެ. "އެ ރަތްދޫލާގައި ހިނގާލެވޭނެ ވަރުގެ ވަނެއް ހޯދާނަމޭ" އެވެ. މާމަ އާއެކު ޓޮޕްޓެން ޖަލްސާގެ އެންމެ ޖަލްސާއެއްވެސް ދޫނުކޮށްލާ ބަލާ ހެދި އެވެ. ނަތީޖާއެއްގެ ގޮތުން، އެ ޓޮޕްޓެންގެ ހުވަފެން ވެސް ސަރާ ހަގީގަތަކަށް ހެދި އެވެ. ހޯދި ފުރިހަަަމަ ކާމިޔާބީއަށް ފަހުވެސް، އެ ރަތް ދޫލާގައި ހިނގާލުމުގެ ފަހުރެއް އަދި ނަސީބެއްވެސް ނުލިބުނެ އެވެ. ނުދިނީ އެވެ. އެއީ އޭނާ އަކީ ބީރަށްޓެއްސަކަށް ވުމުން ނެވެ. އަމިއްލަ ނަފްސަށާއި، އާއިލާއަށް ހޯދަދިން ކޮންމެ ރީތި ނަމެއްގެ ފަހަތުގައި އޭނާގެ އުންމީދު އޮތީ ސްކޫލަށާއި ރަށަށްވެސް ރީތި ނަން ހޯދަދިނުމަށް ނަމަވެސް، ސަރާއަށް އޭރު ނޭނގި އޮތްކަމަކީ، ރަށުންނާއި، ސްކޫލުން އޭނާ ބަަލައި ނުގަންނަ ކަމެވެ. ބީރަށްޓެއްސެއްކަމުގެ ޓެގު މުޖުތަމައުގެ ބޯދާ ހިޔާލުތަކާއި، ނާތަހުޒީބު ބައެއް މީހުންގެ ސިކުޑިތަކުން ނުދާ ކަމެވެ. 

your imageސަރާ ވަނީ ބެސްޓް އޯލް ރައުންޑްގެ ޝަރަފުވެސް ހޯދާފަ---

ގްރޭޑް-2ގެ "ޕްރައިޒް ޑޭ" އެވެ. އެއީ ސަރާގެ އެންމެ ފުރަތަމަ ޕްރައިޒް ޑޭ އެވެ. އެރޭ ސަރާގެ ލޮލުގައި އަޅައިގަތީ، ޖަލްސާ އެބަޔަކަށް ހާއްސަކޮށްފަވާ "ބެސްޓް އޯލް ދަރިވަރުން" އެވެ. އެރޭވެސް އެމަގާމު ހޯދާނެ ދަރިވަރަކަށް ވެސް ވާނަމޭ އަޒުމުކަނޑަ އެޅި އެވެ. އެ ޝަރަފާއި ފަހުރު އަމިއްލަ ނަފްސަށާއި، އާއިލާއަށް ހޯދައިދިނުމަށް އަޒުމު ވަރުގަދަކުރި އެވެ. އަދި އެ ސްޕީޗު ދޭން އޭނާ މިއަދު އަރާ ހުރީ، އެ ހުވަފެންވެސް މާތްﷲގެ އިރާދަފުޅާއެކު ހަގީގަތަކަށް ހަދާފަ އެވެ.

ނަމަވެސް 10 އަހަރުތެރޭ ކުރި އެތައް ބުރަ މަސައްކަތަކުން އޭނާ ހޯދި އެތައް ކާމިޔާބީއަކާއި ޝަރަފަކުން ލިބެންޖެހޭ ހިތްހަމަޖެހުން ސަރާގެ ހިތަކަށް ނުލިބެ އެވެ. އެއީ އެ ހަފްލާގެ ތެރެއިންވެސް ފެނިގެންދިޔަ ބާކީ ކޮށްލުމާއި، ތަފާތުކުރުމުގެ ސަބަބުންނެވެ.

"މިހުރީ ހުވަފެނެއްގައިވެސް ކުލަ ޖެހުމުން ލިބެންޖެހޭ އުފާވެރިކަން އަޅުގަނޑުގެ ހިތަކަށް މިރޭ ނުލިބޭ. ގްރޭޑް އެކަކުން 10 އަށް އުޅުނު ސްކޫލަށް މި ހުރިހާ ޝަރަފެއް ގެނެސްދެވުނު ނަމަވެސް އަޅުގަނޑަށް ލިބުނީ ހުސް އަތްތިލަ ބަނޑިއެއް. އެއްވެސް ކަމެއް އަޅުގަނޑުގެ ނަމާއިއެކު މިރޭ މިތަނުން ފާހަގަކޮށް ނުލެވުނުތާގައި، އެކަމުގެ އަގުވަޒަންވެސް ނުކޮށްލެވުނު. އަޅުގަނޑުގެ 10 އަހަރުކުރީގެ ހުވަފެންތައް އެއީ އެއްވެސް އަގެއްނެތް އެއްޗެއްގެ ގޮތުގައި އަޅުގަނޑަށް މިރޭ ހަފްލާއިން އިހްސާސްވި" ތުރުތުރު އަޅާ، ކުރެހިފައިވާ އަޑަކުން، މަޑުމަޑުން ގިސްލަމުން ހިތްވަރާއިއެކު ސަރާ ވާހަކަދައްކަމުން ބުންޏެވެ.

your imageސަރާއަކީ އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރު---

ގްރޭޑް ހަތަރެއްގައި ސެމިސްޓަ އެގްޒާމުހެދި އަހަރު، ވަަރަށް މަސައްކަތްކޮށްގެން މުޅި ކުލާހުން ދެވަނަ އަދި އޮނަލިސްޓެޑް ޕްރައިޒް ސާރާ ހޯދި އެވެ. ދެވަނަ ސެމިސްޓާގައި އެއަށްވުރެ މަސައްކަތްކޮށްގެން އެކުލާހުން އެއްވަނަ ހޯދާ އޮނަލިސްޓެޑް ޕްރައިޒް ހޯދި އެވެ. މި މަގާމާއި އެވަނަ ގްރޭޑު-4 ގެ ފަހު ސެމިސްޓާއިން ފެށިގެން ގްރޭޑް-10 އެއްގެ ފަހު ސެމިސްޓާއާއި ހަމަޔަށް ސަރާ ދެމެހެއްޓި އެވެ. 

ތައުލީމީ ގޮތުން މިހުރިހާ ރީތި ނަމެއް ހޯދާ، އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވި އެވެ. އެގޮތުން ގްރުއާން މުބާރާތްތަކުގައި އާއި އަދަބީ ހަރަކާތްތަކުގެ އިތުރުން، ކުޅިވަރުގެ ހަރަކާތްތަކުގައި ގްރޭޑް-1 އަކުން ފެށިގެން 10 އަކަށް ބައިވެރިވެ، ކޮންމެ އަހަރުކުވެސް ކޮންމެވެސް ވަނައެއް ސަރާ ހޯދި އެވެ. އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައިވެސް ރަށް ތަމްސީލުކޮށްދިނެވެ. 

މިއިން ކޮންމެ ކަމަކީ މިއަދު ސަރާއަށް ލިބުނު ކާމިޔާބީ ހޯދުމަށް މީގެ 10 އަހަރު ކުރިން ދެކުނު ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ކުރި މަސައްކަތެވެ. އެ ޝަރަފު ލިިބިގެން ސްކޫލަށާއި، މެނޭޖުމެންޓަށް ތައުރީފާއި ޝުކުރުގެ ބަސްތައް ބަރުތީލަ ކުރުމަށް ސްކޫލުގެ ހަފްލާއިން ދިން ފުރުސަތުގައި، ސަރާ ޝަކުވާ ކުރަންޖެހުނީ، މިއަދު އެއިން އެއްވެސް ކަމެއްގެ އަގު އެ ސްކޫލުން އަދާ ނުކުރުމުން ކޮށްފައިވާ ފުން އަސަރަކުން ނެވެ. 

އަމިއްލަ ރަށާއި، މައިންބަފައިން ދޫކޮށް ބީރަށްޓެހި ރަށަކަށް ފަހުރާއި ޝަރަފު ހޯދައިދިނުމަށް އޭނާ 10 އަހަރުތެރޭ ކުރި ބުރަ އެތައް މަސައްކަތަކަށް ފަހު ވެސް، އަމިއްލަ ރަށެއްގެ ގޮތުގައި ދެކުނު، އަދި އަމިއްލަ ސްކޫލެއްގެ ގޮތުގައި ދެކުނު ސްކޫލުންވެސް، ރަށުގެ މުޖުތަމައުންވެސް އޭނާ ބީރަށްޓެހި ކޮށްލާ، ސްކަންޑަރީ އަހަރުތަކުން ސުރެ ތަހަންމަލު ކުރަންޖެހުނު ތަފާތުކުރުންތަކާ ބޭއިންސާފު ހިތުން ފިލައިގެން ނުދާތީ އެވެ.

"ޅަ އުމުރެއްގައި މައިންބަފައިންނާއި ވަކިވުމަކީ ފަސޭހަ ކަމެއް ނޫން. މަންމަ އާއި ބައްޕަ އަދި ކޮއްކޮ މަތިން ހަނދާން ވާ ދުވަސްތަކަކީ އަޅުގަނޑަށް ވަރަށް އުނދަގޫ ދުވަސްތަކެއް. އެހެންނަމަވެސް މާމައާއި ތުއްތަ ދިން ހިތްހެޔޮކަން ވެގެން ދިޔައީ އެ ހިތްހިޔޮކަން ފިލާދިޔަ ސަބަބަކަށް. ކުޑައިރު މިފަދަ ހިތްދަތިތަކާއި ކުރިމަތިލުމަށްފަހު ދެވަނަ ބޮޑު ހަނގުރާމެއް ކުރަންޖެހުނީ ރާއްޖޭގައި އަދި ދުނިޔޭގަވެސް އާލަމީ ބައްޔެއްކަމަށް ވެފަވާ ތަފާތުކުރުން މިބައްޔަށް. ސްކަންޑަރީ އަހަރުތަކުގައި ތަހަންމަލު ކުރަންޖެހުނު ތަފާތުކުރުންތަކާ ބޭއިންސާފަކީ އަޅުގަނޑުގެ ހަޔާތުން ދުވަހުކުވެސް ފިލާއިގެން ދާނެ ކަމެއް ނޫން، އަމިއްލަ ރަށް ދޫކޮށް ބީރަށްޓެހި ރަށަކަށް ކިޔަވަން އައީ އެފަދަ ނާތަހުޒީބު ކަންކަމާއި ކުރިމަތިލާން ޖެހިދާނެ ކަމަކަށް ނޫން،"

your imageސަރާގެ މާމަ، ތުއްތަ، އަދި ސާރާ-----

ގްރޭޑް-10 އެއްގެ ފަހު އަހަރު، ދެމަސްދުވަސްވަންދެން ބައިއޮލަޖީ ޓީޗަރެއް ނެތިގެން، އެ ކްލާސް ކޮންމެެވެސް ގޮތަކުން ގެންދެވޭނެ ކަމުގެ ހިޔާލު، ސްކޫލު ކެޕްޓަނެއްގެ ހައިސިއްޔަތުން ސާރާ ހުށަހެޅުމުންވެސް، ޕްރިންސިޕަލުގެ ފަރާތުން ލިބުނީ އެއްބާރުލުމެއް ނޫނެވެ. ހިތްވަރެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ލިބުނީ ނުރުހުމާއި، އަޅާލުން ކުޑަކަމެވެ.

"އެއީ އަޅުގަނޑުގެ ހަޔާތުން ފިލާއިގެން ދާނެ ދުވަހެއް ނޫން. އަޅުގަނޑު އެކުވެރިޔާ ތަހަންމަލު ކުރުމުން އައި ދަތިހައްލުކުރުމަށް ކެޕްޓެނެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް އެދި ޕްރިންސިޕަލަށް ދެންނެވުމުން، އޭގެ ރައްދު ވެގެންދިޔައީ ކެޕްޓަނަކަށްވެ ހުރެ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ފެއިލްއަ އަށް. ސްކޫލު ދައުރުގައި މިނޫނަސް އެތައް ގޮތަކުން އޭރުގެ މެނޭޖްމެންޓު އޮތީ އިހުމާލުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ، މިހެން މިބުނަނީ ހެއްކާވެސް އެކު. މިކަމަށް އަޅުގަނޑާއިއެކު ކިޔެވި ނުވަ ދަރިވަރުން ހެކި ވާނެ" ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެ ޖަލްސާގައި ބައިވެރިވެ އިން އޭރުގެ ޕްރިންސިޕަލް ކުރިމަތީ ހުރެގެން، ލޮލުން ކަރުނަ އަންނަމުންދިޔަ ހާލު ވެސް ސަރާ ވާހަކަދައްކަމުން ދިޔައީ ކެރުމާއި، ހިތްވަރުގެ މިސާލެއް މުޅި ސްކޫލަށް ދައްކަމުން ނެވެ.

މިއަދު އޭނާ އަކީ ކުރިއަށް އޮތް މަރުހަލާތަކުގައި އަދިވެސް އިތުރު ކާމިޔާބީތައް ހޯދުމަށް ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގައި ކިޔަވަމުންދާ ފަހުރުވެރި އުފާވެރި ދަރިވަރެކެވެ. ސާރާ ބުނިގޮތުން އެ ޖަލްސާގައި އޭނާގެ ވާހަކަތައް ބަލައިނުގަންނާނެ، އެވާހަކަތަކުގެ ސަބަބުން ނުރުހޭނެ އެތައް ބައެއްގެ ކުރިމަތީގައި ވެސް، އެފަދަ ސްޕީޗެއް ތެދުވެރިކަމާއި، ހިތްވަރާއިއެކު ދެވުނީ، މީގެ ކުރިން ދުވަހަކުވެސް އަމިއްލަ ނަފްސަށް ނުދެވޭ އިތުބާރެއް ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އޭނާއަށް ލިބިފައިވާތީ އެވެ. އެކިކުލަ ކުލައިގެ ނަލަ ހެދުންތަކުގައި އެންމެން އެ ޖަލްސާއަށް ހާޒިރުވި އިރު، ސާރާ ޖަލްސާއަށް ހާޒިރުވީވެސް އޭނާ މިހާރު ކިޔަވަމުންދާ ވިލާ ހައިސްކޫލުގެ ޔޫނީފޯމުގަ އެވެ. 

ސަރާގެ ވާހަކަތައް އެތަނުގައި އަޑުއަހަންތިބި ދަރިވަރުންނަށް ވެސް ސަރާ ދިނީ "ބޯލްޑް" ނަސޭހަތެކެެވެ. އެއީ ކިޔެވުމުގެ އިތުރުން އަމަލީ ގޮތުން ނަފްސު ކުރިއަރުވާ، އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ސްކޫލުތަކުން ކުދިންނަށް ކުރާ ޕްރެޝަރަށް ގޮންޖަހާ، ދިން ވަރުގަދަ ނަސޭހަތެކެވެ. އެކަން ކުރުމުގައި ސްކޫލުގެ ހަޔާތް ބޭކާރުކޮށްނުލުމަށް ސަރާ އެދުނެވެ. ބަދަލުގައި އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކަމެއް ކުރުމަށް އަޒުުމުކަނޑައެޅުމަށް ސަރާ ނަސޭހަތްތެރިވި އެެވެ.

ދެން އޭނާގެ ނަސޭހަތް އަމާޒުކުރީ މުޖުތަމައުއާއި ބެލެނިވެރިންގެ އިތުުރުން ސްކޫލުގެ މެނޭޖްމެންޓަށެވެ. ސަރާ ބުނީ އުފަން ރަށާއި އާއިލާ ދޫކޮށް އޭނާ ވެލިދުއަށް ކިޔަވަން ދިޔައީ، ތައުލީމީ ގޮތުން ކުރިއަށް ދާނެ ފުރުސަތުތައް ހޯދަން "ސަލާން ޖަހަން" ޖެހޭނެ ކަމަށް އުއްމީދުކޮށްގެން ނޫން ކަމަށެވެ. އަދި އޭނާއަށް ލިބުނު ކޮންމެ ކާމިޔާބީއެއް ރަމްޒުކޮށްދެނީ އޭނާ ތަމްސީލުކުރި ވެލިދޫ ސްކޫލުކަމުން އެއީ ސްކޫލަށާއި ރަށަށްވެސް ލިބޭ ފަހުރެއް ކަަމަށް ބުންޏެވެ. އެކަމަށް ހަސަދަވެރިވެ، ނަފްރަތު ކުރުމުގެ ބަދަލުގައި އޭނާ އެދުނީ ކޮންމެ ދަރިވަރަކު ހޯދިކާމިޔާބީއަކަސް އެކަމަށް ހިތްވަރުދީ، އުފަލުގައި ބައިވެރިވާ ބަޔަކަށް، ރަށުގެ މުޅި މުޖުތައުވުމަށެވެ.

މުޖުތަމައު އަށާއި ސްކޫލަށް ދިން ފުރިހަމަ ނަސޭހަަތަކަށްފަހު، ސަރާގެ 10 އަހަރު ދުވަހުގެ ތައުލީމީ ހަޔާތުގައި އެހީތެރިވި އެންމެންނަށް ޝުކުރުއަދާކުރަން ފެށިއިރު، އަޑުދިޔައީ ކުރެހެމުން، ތުރުތުރު އަޅަމުން ނެވެ. 2017 ވަނަ އަހަރު އެ ސްކޫލު ދޫކޮށް ދާން ނިންމި ނިންމުން ހުއްޓުވާ، ހިތްވަރު ދިން ޓީޗަރުންނާއި ގާތްމީހުންނަށް ޝުކުރު އަދާކުރަމުންދިޔައީ ވެސް ގިސްލަމުން ނެވެ. ޑިޕްރެޝަންއާއި އެންޒައިޓީ ތަހަންމަލުކުރިއިރު އެންމެ ގާތުގައި ހިތްވަރުދޭން ތިބި ޓީޗަރުންގެ ނަންތައް ކިޔާ ޝުކުރު އަދާކުރަމުންދިޔައިރު، ކިޔާ އެއްޗެއް އަޑުއިވެނީ ކިރިޔަ ކިރިޔާ އެވެ. އެކަމަކުވެސް ސްޕީޗު ނިންމާލީ ލޯބިވާ އާއިލާ އާއި، މަންމައާއި ބައްޕަގެ ހަަނދާންވެސް އާކުރަމުން ނެވެ.

ވަރަށް ދުރުގައި ހުރެގެން ދަތި ހާލުގައިވެސް ސަރާ ބޭނުންވި ކޮންމެ ކަމެއް ޝަކުވާއަކާއި ނުލާ ކޮށްދެމުންދިޔަ މައިންބަފައިންނާއި، 10 އަހަރުގެ ތައުލީމީ ހަޔާތުގައި އަގުނުކުރެވޭ، އެތައް އެހީތެރިކަމެއް ވެދެން އެންމެ ކައިރީ ތިބި ސަރާގެ ލޯބިވާ މާމަ އާއި ތުއްތައަށް ޝުކުރު އަދާކުރުމާއި ހަމަޔަށް ދިޔައިރު، ސަރާގެ ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ. 

ފުންކޮށް ނޭވާލަމުން، ނުހަނު އުނދަގުލާއިއެކު ގިސްލަމުން ވާހަކަދެއްކިއިރު، އެތަނުގައި ތިބި ބައެއް މީހުންގެ ލޮލުންވެސް ކަރުނަ ހިލިއްޖެ އެވެ. ވެހޭހާއާއި ވާރެޔާ، ދޭހާ އަތްވެއްގައި އެންމެ ދުވަހެއްވެސް ވައްޓާނުލާ ސްކޫލުގެ ކޮންމެ ކަމެއް ކުރުމަށް ގެންގޮސްދީ ބަލައިގޮސް، މުޖުތަމައުން ސަރާއަށް ލިބެމުންދިޔަ ރުޅިވެރިކަމާއި ނަފްރަތާއި، ހަސަދަވެރިކަމުން ސަލާމަތްކޮށްދޭން ސަރާގެ ދިފާއުގައި ކުޑަ ހަނގުރާމައެއް ކުރަމުންދިޔަ މާމައަށް، ސަރާގެ މުޅި އުމުރު ހުސްވިޔަސް ޝުކުރު އަދާނުކުރެވޭނެ ކަމަށް ސާރާ ބުންޏެވެ. 

ގިސްލަމުން މާމައަށް ހާއްސަކުރި މުޅި ޅެން ބައިތުގައިވެސް ޝުކުރު އަދާކުރެވޭނެ ގޮތެއް ނެތްކަމަށް ބުނަމުން "ވަރުގަދަ އެ ސްޕީޗު" ނިންމާލީ، މުޅި އެ ހަފްލާވެސް ހައިރާން ކޮށްލާފަ އެވެ. އަދި އެ ސްޕީޗު އަޑުއެެހި ކޮންމެ ދަރިވަރަކާއި، މީހެއްގެ ލޯ ކަރުންނުން ތެންމާލަމުން، ސްކޫލުތަކުގެ އެފަދަ ހަފްލާތަކުގައި ދެލިގަނޑަކުން ލިޔެވި އޮތް "ފޭކް ޝުކުރު ސްޕީޗް" ކޮންމެ ކުއްޖަކު އިއްވަން ނުޖެހޭކަން މުޅި ރާއްޖެއަށް ކިޔައިދެމުން އެ ހިތްވަރު ދެމުން ނެވެ. 

91%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް