
ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ގުރައިދޫ ވެޓަރަންސް ޓީމާ ދެކޮޅަށް ކުޅުނު ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ނާއިބް ރައީސް ފައިސަލްއެވެ. ފައިސަލްއާއެކު ދެން މި ޓީމުގައި މުޅިންވެސް ހިމެނުނީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ކްލަބުތަކުގައި އަދި ގައުމީ ޓީމުގައި ކުރިން ކުޅެފައިވާ ތަރިންނެވެ.
ނާއިބް ރައީސް ޓީމުގައި ގޯލް ކީޕަރަކަށް ކުޅުނީ، ރާއްޖޭގެ އެއްވަނަ ގޯލް ކީޕަރުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެއް ގައުމީ ޓީމަށް ކުޅުނު އިމްރާން މުހައްމަދެވެ. ޓީމުގެ އެންމެ ފަހަތުގައި ތިބީ ކުރީގެ ގައުމީ ކެޕްޓަން އިބްރާހީމް ރަޝީދު – އަންދަރޭ، މުހައްމަދު ޖަމީލް- ޖަމްބޭ، ޔޫސުފް އަޒީމް- ޔޫއްޓޭއެވެ. ޓީމުގެ މެދު ތެރޭގައި ކުރީގެ ގައުމީ ކެޕްޓަން އަސްއަދު އަބްދުލްޣަނީ ކުޅުނު އިރު، ދެން ތިބި ކުރީގެ ތަރިންގެ ތެރޭގައި ފޯވާޑު ލައިނަށް ކުޅުނު ޝާހް އިސްމާއީލް – ސާޔާ، އާދަމް އަބްދުއްލަތީފް- ލައްޗޭ އަދި އިސްމާއިލް މުހައްމަދާއި އިސްމާއިލް އަނިލް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިންގެ ތެރޭގައި ބިންމާ އައްލޮ، ނިހާން ނަސީރު، އަންވަރު އަބްދުލްޣަނީ، މުހައްމަދު އިބްރާހީމް ކައްޕި ހިމެނެއެވެ.
އެކުވެރިކަމުގެ މެޗަކުން ގުރައިދޫ ދަނޑު މިއަދު ހުޅުވުނުއިރު، މި ދަނޑުގައި އެންމެ ފުރަތަމަ ކުޅެވޭނެ މުބާރާތަކަށް ވެގެންދާނީ، އެ ރަށުގައި ބާއްވާ ރައްޒާޤުބެ މެމޯރިއަލް ކަޕެވެ.