
ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައްޖު ކޯޕަރޭޝަންގެ އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެވެ.
އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު އެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އެވެ.
އަށް ފަންގިފިލާގެ މި އިމާރާތް އެޅުމަށް ހައްޖު ކޯޕަރޭޝަނަށް އެޗްޑީސީން ދީފައި ވަނީ އަމީން އެވެނިއު އޯކް ކުރިމަތިން އޮންނަ 5،000 އެއްހާ އަކަފޫޓުގެ ބިމެކެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިސްމާއިލް ހަމީދު ވިދާޅުވީ އެ ކުންފުނިން ހަދާ އަށް ބުރީގެ އިމާރާތުން އެ ކުންފުނީގެ އޮފީސް ހިންގުމަށް ޖާގަ ނެގުމަށް ފަހު ދެން ހުރި ބައިތައް ދޫކުރާނީ ކުއްޔަށް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.