
ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮންމެ އަހަރަކު ކަނޑައެޅޭ ފަސް ރަށެއްގެ ތެރެއިން ކޮންމެ ރަށެއްގައި 10،000 ގަސް އިންދުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތްތައް ބޭނުންވާ ގަސްތައް ހޯދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހިންގަމުން އަންނަ ނާސަރީ ތަކުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ރަށްރަށުގެ ފެހިކަން އިތުރަށް ގެނައުމަށް އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށާއި، ރާއްޖޭގެ ރަށްތައް ގިރުން ހުއްޓުމަށް ވެސް އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ ހޫނު މިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ޕްރޮޖެކްޓް އާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސް އިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެ، ކާބަން ޕުޓް ޕްރިން ދަށްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް އިތުރަށް ފެހިވާނެ ކަމަށެވެ.
މިއީ ނޮވެމްބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ، މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެކެވެ.