
ދެހާސް ސަތާރަ އަދި އަށާރަވަނަ އަހަރު ނިއުއަށް ކުޅުނު ބައެއް ކުޅުންތެރިންނާއި ނިއުއަށް ކޯޗުކޮށްދިން ބިދޭސީ ކޯޗަކަށް ދައްކަން ޖެހޭ ފައިސާގެ މައްސަލައިގައި ފީފާއިންވަނީ ނިއުއަށް ފިޔަވަޅު އަޅާފައެވެ. ނިއު ހާލުގައި ޖެހުމުން އޭރު ނިއުގެ ޗެއަރމަނަކަށް ހުރި ކާނަލް ޒިޔާދުވަނީ ޓީމު ދޫކޮށްލާފައެވެ. ޒިޔާދު ޓީމު ދޫކޮށްލިއިރު ނިއު އޮތީ އެތައް މިލިއަން ރުފިޔާއަކުން ދަރުވާލާފައެވެ.
ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާގެ މައްސަލައިގައި ނިއު ދަރާފައިވަނިކޮށް އިތުރު ގޮން ޖެހުންތައް މެދުވެރިވީ އެފްއޭއެމުން ނިއު ސަސްޕެންޑް ކުރުމުންނެވެ. ނިއު ސަސްޕެންޑް ކުރުމުން އެކަމުގައި ކޮޅެއް މެދެއް ނުފެނި އުޅެނިކޮށް ނިއު އަލުން ކޮޅަށް ޖެހުމުގައި އިސް ދައުރެއް އަދާ ކުރެއްވީ ރައީސް އިބްރާޙީމް މުހައްމަދު ސާލިހުއެވެ. ރައީސްގެ ބެއްލެވުމުގެ ދަށުން އަލުން ނިއު ފުޓްބޯޅައިގެ ތެރެއަށް އައުމުގެ ދަތުރުގައި އެ ކްލަބުންވަނީ ބިދޭސީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ދައްކާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބިދޭސީ ކުޅުންތެރިންގެ ޕޭމަންޓްތައް ނިންމުމަށް ފަހު މިހާރު މަސައްކަތް ކުރަމުންދަނީ ދިވެހި ކުޅުންތެރިންގެ ދަރަނި ހަލާސް ކުރުމަށެވެ. އަދި އެއަށް ފަހު އަންނަ މަހު ފެށޭ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ނިއުއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.