ads
ހެލްތު މިނިސްޓަރު އަދި ސްޓޭޓް މިނިސްޓަރު މިއަދުގެ ޖަލްސާގައި
ޑޮކްޓަރުންނާއި ނަރުހުން މަދުވީމަ އެނގޭނީ އަޅުގަނޑަށް: ނަސީމް
ހެލްތު ސެންޓަރުތަކާއި، ހޮސްޕިޓަލުތަކުގައި ޑޮކްޓަރުން މަދުކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ރައްދުދެއްވައިފި އެވެ.
Advertisement

މިއަދު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ނަސީމް ހާޒިރުކުރުމުން، މެމްބަރުންނަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލް ހަކީމް ވަނީ، ރާއްޖޭގެ ހެލްތު ސެންޓަރުތަކުގައިވެސް ޑޮކްޓަރުންނާއި، ނަރުހުން މަދުކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެކަން ހައްލުކުރުމަށް މިނިސްޓްރީން ގެންގުޅޭ ސިޔާސަތުތަކާއި ބެހޭގޮތުން މެމްބަރު ސުވާލުކުރައްވާފަ ވެއެވެ. 

އެކަމަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުގައި ޑޮކްޓަރުންވެސް، އަދި ނަރުހުންވެސް މަދުކަމަށާއި، އެކަމަކީ ހުދު އެމަނިކުފާނުވެސް "ވަރަށް ކަންބޮޑުވާ ކަމެއް" ކަމަށެވެ. 

ޑޮކްޓަރުންނާއި، ނަރުހުން މަދުކަން ގަބޫލުކުރެއްވިނަމަވެސް މެމްބަރުގެ ސުވާލުގައި، އެކަން ހައްލުކުރުމަށް ގެންގުޅޭ ސިޔާސަތާއި ބެހޭގޮތުން ހިމެނޭ ބަޔަށް މިނިސްޓަރު އެއްވެސް ޖަވާބެެއް ނުދެއްވައެވެ. ހަމައެކަނި ވިދާޅުވީ ޑޮކްޓަރުންނާއި، ނަރުހުން މަދުވުމުން އެކަން އެގޭނީ ހުދު އެމަނިކުފާނަށް ކަމަށާއި، އިތުރު އެހެން އެއްވެސް މުވައްސަސާއަކަށް އިތުރު އެހެން އެއްވެސް މުވައްސަސާއަކަށް ނޭގޭނެ ކަމަށެވެ. 

"އެކަމަކު އަޅުގަނޑުމެންނަށް އެގޭނީދޯ އަޅުގަނޑުމެން ބޭނުންވަނީ ކިތައް ނަރުހުންތޯ، ކިތައް ޑޮކްޓަރުން ކަން. އެއީ އަޅުގަނޑަށް އެގޭނީ. އަޅުގަނޑަށް އެގޭ ސަބަބަކީ ޕްރޮފެޝަނަލް ބޭފުޅުން އަޅުގަނޑަށް އެ މައުލޫމާތު ދެއްވާތީ. އެހެންވީމަ އަޅުގަނޑަށް އެގޭނީ އެކަންތައް ކުރަން. ކިތައް ޑޮކްޓަރުންތޯ ބޭނުންވަނީ، ކިތައް ނަރުހުންތޯ ބޭނުންވަނީ، އެ ޕްރޮފެޝަނަލް ލަފާގެ މަތިން. އެހެން އެއްވެސް ތަނަކަަށް ނޫން އިގޭނީކީ. އެހެން އެއްވެސ ވުޒާރާއަކަށް ނޫން އެގޭނީ" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގެ ހޮސްޕިޓަލުތަކާއި، ހެލްތު ސެންޓަރުތަކުގައި ޑޮކްޓަރުންނާއި، ނަރުހުންގެ ދަތިކަން  ވަރަށް ބޮޑަށް އޮތްކަމުގެ ޝަކުވާ އެ ރަށްރަށުން ދަނީ ކުރަމުންނެވެ. އެކަމުގެ ސަބަބުން އަވަސް އަދި އެކަށީގެންވާ ސިއްހީ ފަރުވާއެއް ނުލިބި ހިތާމަވެރި ހާދިސާތައްވެސް ބައެއް ރަށްރަށުގައި ވަނީ ހިނގާފަ އެވެ. މިނިސްޓްރީން މީގެ ކުރިންވެސް ވަނީ އެފަދަ ކަންބޮޑުވުންތަކާއިއެކު އެކަމަށް މަސައްކަތް ކުރާކަމަށް ބުނެފަ އެވެ. ނަމަވެސް އެދެވޭ ހައްލެއް އަދި ނުލިބެ އެވެ.

ޑޮކްޓަރުންނަށް ލިބޭ މުސާރަތައް ކުޑަވުމުގެ ސަބަބުން ޑޮކްޓަރުން ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައި ވާކަމަށް ހެލްތު މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ސީއެންއެމް އަށް މީގެކުރިން ވިދާޅުވީ ރާއްޖޭގައި މިހާރު ޑޮކްޓަރުންނަށް ދޭ މުސާރަ އާ އަޅާބަލާއިރު މި ސަރަހައްދުގެ އެހެން ގައުމުތަކުން އެއަށްވުރެ އެކަށީގެންވާ މުސާރަ ލިބޭތީ ކައިރި ގައުމު ތަކުން ޑޮކްޓަރުން ހޯދަން ވަރަށް އުނދަގޫ ކަމަށެވެ. 

އާދިލް ވިދާޅުވީ ޑޮކްޓަރުން ލިބުމުގައި ދަތިކަން ހުރި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މުސާރައިގެ މައްސަލަ އާއި، ކޮވިޑްގައި ޗުއްޓީ ނުނަގާ ތިބި ޑޮކްޓަރުންނަށް ޗުއްޓީ ދޭން ޖެހުމާއި، ކައިރި ގައުމުތަކުން ޑޮކްޓަރުން ހޯދަން އުނދަގޫވުން ހިމެނޭ ކަމަށެވެ. 

"ކޮވިޑް ހާލަތުގައި ވަރަށް ގިނަ ޑޮކްޓަރުން ޗުއްޓީ ނުނަގައި މަސައްކަތް ކުރެއްވީ. ދެން ޗުއްޓީ ނުދީވެސް ނުހިފެހެއްޓޭނެ. ނުދީފިއްޔާ ވަޒީފާ ދޫކޮށްފައި ދަނީ. އެހެންވީމަ ޑޮކްޓަރުންގެ ދަތިކަން ވަރަށްބޮޑަށް އެބަހުރި،" އާދިލް ވިދާޅުވި އެވެ.

އާދިލް އޭރު ވިދާޅުވިގޮތުން ކިއުބާ ސަރުކާރުގެ އެހޯތެރިކަމާއެކު މިނިސްޓަރު އިސްވެ ހުންނަވައިގެން އެމަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. އަދި މިހާރު މިއޮތް ތާށިކަމަށް ހައްލެއް ގެނައުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ ޑޮކްޓަރުން ގެނައުމާއި ޑޮކްޓަރުންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށް އޭރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް