ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
5 މަހަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭސް ހުންނާނެ: އަމީރު
ކުރިއަށް އޮތް ފަސްމަސް ދުވަހަށް ފުދޭ މިންވަރަށް ކާޑާއި، ތެލާއި، ބޭހުގެ ޔޫޒަބްލު ރިޒާވް ރާއްޖޭގައި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ވަނީ، ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގައި، ކާޑުގެ، ތެލުގެ، އަދި ބޭހުގެ ފައިސާ ހުންނާނެތޯ ސާފުކުރަން ފިނޭންސް މިނިސްޓަރަށް ސުވާލު ހުށަހަޅާފަ އެވެ. 

އީވާގެ އެސުވާލުގައި ވަނީ، މިދިޔަ ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވުގެ ތެރެއިން ސަރުކާރަށް ބޭނުންވާ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލުރުކަން ފާހަގަކުރައްވާ، މި ހިނގާ ޖޫން މަހާއި، ކުރިއަށް އޮތް ޖުލައިމަހު 130 މިލިއަނަށްވުރެ ގިނަ އަދަދުގެ މިލިއަން ޑޮލަރުގެ ދަރަނި އަބުރާ ދައްކަންޖެހޭކަން ފާހަގަކުރައްވާފަ އެވެ. 

އަދި އެ 130 މިލިއަން ޑޮލަރުގެ އިތުރުން އެ ދެމަހުގެ ބަޖެޓުކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއްކަންވެސް ފާހަގަކުރެއްވި އެވެ.

ލިއުމުން ޖަވާބު ހޯދަން އީވާ ހުށަހެޅި މި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒަވް މެނޭޖްކުރުން ގާނޫނީ ގޮތުން ހަވާލުކުރެވިފައިވަނީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އަށް ކަމަށާއި، ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރުކުރުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.

އަދި ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ ނުވަތަ ޔޫސަބުލް ރިޒާވް މިވަގުތު އެމްއެމްއޭއިން ޝާއިއު ނުކުރާ ކަންވެސް އަމީރު ފާހަގަކުރެއްވި އެވެ. 

"ނަމަވެސް ލިބެން ހުރި މައުލޫމާތައް ބަލާ މި މިނިސްޓްރީއަށް އަންދާޒާކުރެވޭ ގޮތުގައި، ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭހުގެ އިމްޕޯޓު ގާތްގަނޑަކަށް ފަސް މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަވް ހުންނާނެ އެވެ." މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭއިން ސާފުކުރުމަށް މިނިސްޓަރު ވަނީ އެދިފައެވެ. މީގެ އިތުރުން ރިޒާވް މެނޭޖުކުރުމަށް ދައުލަތުން ބޭނުންވާ އެއްބާރުލުން އެމްއެމްއޭއަށް އަބަދުވެސް ދެމުންދާނެކަމަށްވެސް އަމީރު ވިދާޅުވި އެވެ. 

މި ޖާވުބު މަޖިލީހުގެ އަމީން އާއްމު އިއްވާ ނިންމަވާލެއްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެޖަވާބާއި މެދު ހިތްހަމަ ޖެހިވަޑައިނުގަތް، އެ ޖަވާބު އިސްލާހުކޮށް އަލުން ފޮނުވުމަށް އަމީރަށް ދަންނަވާފަ އެވެ. 

ނަޝީދު ވިދާޅުވީ، މާލީ ކަންކަމަކީ މާލީ ވަޒީރާއި ހަވާލުވެފަ ނުވާކަމެކޭ އަމީރަށް ވިދާޅުނުވެވޭނެ ކަމަށެވެ.

"މި ޖަވާބުގައި އުނިކަމެއް އެބަވޭ، ވަޒީރަށް ވިދާޅެއް ނުވެވޭނެ މާލީ އެއީ ވަޒީރަށް ހަވާލުވެފަ ނުވާ ކަމެކޭ. އަޅުގަނޑު ވަޒީރުގެ އަރިހުން އެދެން ސިޓީފުޅު އަލުން އިސްލާހުކުރައްވާ އަލުން މި މަޖިލީހަށް ފޮނުވާދެއްވުމަށް" ނަޝީދު ވިދާޅުވި އެވެ.

ދައުަލަތުގެ ރިޒާވްގައި ފައިސާ ހުރިތޯ ބެލުމަށް އީވާ އަމީރު އާއި ސުވާލު ހުށަހަޅުއްވާފަވަނީ، އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާ ވަރަށް ދަށްވެދާނެ ކަމާއި، ދައުލަތުގެ ރިޒާވް ހުސްވެދާނެ ކަމުގެ ކަންބޮޑުވުން ނަޝީދު ފާޅުކުރައްވާފަ ވަނިކޮށެވެެ. 

ނަމަވެސް މިނިސްޓަރު މީގެ ކުރިންވެސް ވިދާޅުވެފަ ވަނީ މިއަހަރު އެއްވެސް ދަތިކަމެއްނެތި ރާއްޖޭގެ ރިޒާވް މެނޭޖުކުރެވޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް