ads
މަރަދޫ ފޭދޫއަށް އުދައަރަނީ
މަރަދޫފޭދޫއަށް އަަރަނީ ރާޅު، އާންމުން ތިބީ ބިރުން، އެއްވެސް އެހީތެރިކަމެއް އަދި ނުލިބޭ!
މިއަދު ރާއްޖޭގެ އެކި ރަށްރަށަށް ދަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުން ނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އުދައަރަމުންދާ ރަށްރަށުގެ ތެރޭގައި އައްޑޫސިޓީގެ މަރަދޫ ފޭދޫ ހިމެނެ އެވެ.

އެރަށު ކައުންސިލް މެމްބަރު ހާލިދާ މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވީ، ރަށުގެ އެއްފަޅިއަށް އެއްކޮށް އުދައަރާ، ވަރަށް ބޮޑު ގެއްލުންތަކެއް ވެފަވާ ކަމަށެވެ. 

ހާލިދާ ބުނިގޮތުން، މީގެ ކުރިންވެސް މަރަދޫފޭދޫއަށް އުދައަރަ އެވެ. ނަމަވެސް މިއަދު އުދައަރަމުން ދަނީ، ކުދިކުދި ރާޅުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އާއްމުން ތިބީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްގެ ތެރޭގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. 

"އެހެންޏާވެސް އުދައަރާ މިރަށަށް. އެކަމަކު މިއަދު ކުޑަކޮށް އުސްކޮށް ރާޅުތައް ރަށާދިމާލަށް އަންނަތަން ފެންނަނީ، އެއީ ރާޅު އައިސް ހަމަ ރަށަށް ބިންދާލަނީ. ކުޑަކޮށް ބިރުވެރިކަމެއްގަ ތިބީ އާއްމުންވެސް އެއީ އިރުއިރުކޮޅުން އަރަނީ މި. އެއްފަހަރު އަރާފަ އަނެއްކާވެސް އެހެން އޮވެލާފަ ހަމަ އަރަން ފަށާ އެބަ،" ހާލިދާ ވިދާޅުވި އެވެ.

އެރަށަށް މިވަގުތު އުދައެރުން ހުއްޓިފައިވީނަމަވެސް ދޭތެރެދޭތެރެއިން އުދައަރަން ފަށާތީއާއި، އެއީ ކޮން ވަގުތެއްގައި ކަން ނޭނގޭނެތީ ރަށުގައި ބިރުވެރިކަމެއް ވަނީ އުފެދިފަ އެވެ. 

ހާލިދާ ވިދާޅުވީ، ރަށަށް އުދައަރާފައިވާތީ، ގާތްގަނޑަކަށް ދެފޫޓަށް ފެންބޮޑުވެފައިވާ ކަަމަށެވެ. އަދި ގިނަ ގެތަކަކަށް ގެއްލުންތަކެއް ވެފަވާ ކަމަށެވެ. ރަށުގައި އުދައަރާފައިވާ ސަރަހައްދުގައި ހިކިފަސްތަންކޮޅެއްވެސް ނެތުމުން ވެލިއެޅުމަށް ވެސް ދަތިވެފަވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑިސާސްޓަމެނޭޖްމެންޓުގައި އެހީތެރިކަމަށް އެދިފަވާނެކަން ފާހަގަކުރި އެވެ.

" އެހީތެރިކަމަށް އެދިފަވާނީ، އަދި އެއްވެސް އެހީތެރިކަމެއް އެއްވެސް ފަރާތަކުން ނުލިބޭ،" ހާލިދާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ، ސ.މަރަދޫ ސ.ހިތަދޫއަށް ޓީމްތައް ފޮނުވައިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ ކަމަށެވެ. އުދައިގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ގެތެކަށް ވެސް ލޮނު ވަދެފައިވާއިރު، އައްޑޫ ސިޓީއަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ވެސް މިހާރު ފަށާފަވާކަމަށް ބުންޏެވެ. 

މީގެ އިތުރުން ގދ. ކާނޑެއްދޫ ޕޯސްޓްގެ ސިފައިން ދަނީ އުދައިގެ ސަބަބުން ގދ. އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުންތައް ވެސް ބަލަމުން ކަމަށާއި، މިގޮތުން ގދ. މަޑަވެލީގައި ކާނޑެއްދޫ ޕޯސްޓްގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ބުންޏެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ދަނީ އުދައަރަމުން ނެވެ. 

މިހާތަނަށް އުދައަރާފައިވާކަމަށް އެގިފައިވާ ރަށްތައް

  1. ގދ. މަޑަވެލި،
  2. ގދ. ހޯޑެއްދޫ
  3. ގދ. ރަތަފަންދޫ
  4. ގދ. ނަޑައްލާ
  5. ގދ. ފިޔޯރީ
  6. ތ. ގާދިއްފުށި
  7. ތ. ކިނބިދޫ
  8. ލ. މާވަށު
  9. އައްޑޫ ސިޓީ މަރަދޫ ފޭދޫ
  10. ފޭދޫ
7%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
90%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް