މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަކަށް ހެއްކާއިބެހޭ ބިލް ފާސް ކުރުމުގެ ކުރިން ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި މިދިޔަ ބުރާސްފަތި ދުވަހު މި ބިލާއި ދެކޮޅަށް އަޑު އުފުލާފަ އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ގޮވާލާ ކުރި އިހުތިޖާގައި މި ބިލްގައި "މަސްދަރު ފަސޭހައި ހާމަކުރާ ގޮތަށް އޮވެގެން ނުވާނެ" ކަމަށާއި، "ޓެރަރިޒަމްގެ ކުއްތަކަކީ ކޮބައިކަން ބިލްގައި ބަޔާންކުރުމަށް" ގޮވާލާފައިވެ އެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން ބުނެފައިވަނީ އެ ބިލާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާއިދިނުމަށް މަޖިލީހުން އިހުމާލުވެފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ވަނީ އެމްޖޭއޭއިން މަޖިލީހަށް ހުށަހެޅި ލަފާތަކަށް ރިއާޔަތްކުރަން މަޖިލީހަށް ގޮވާލައިފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައިވަނީ "ގައުމީ ސަލާމަތަކީ" އިންސާނީ ހަައްގުތައް ނިގުޅައިގަތުމަށް ވަކިވަކި ފަރުދުންނާ ދެކޮޅަށް އިދާރާތަކުން ދައްކާ ބަހަނާއެއް ކަމަށެވެ. އަދި ނޫސްވެރިންގެ މަސްދަރު ހިމާޔަތް ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި މިންގަނޑުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.
ރައިޓްސް ވޮޗް" ގެ އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވީ އެ ބިލުގެ ދަށުން ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭތީ، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން އެ ޖަމިއްޔާއަށް މައުލޫމާތު ދީފައިވާ ކަމަށާއި، ނަމަވެސް ސަރުކާރުން އަމަލުކުރީ މުޅިން ހިލާފަށް ކަމަށެވެ.
މި ބިލު ފާސްކޮށްފައި ވަނީ މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މި ބިލަށް އިސްލާހު ގެންނަން އެދި މަޖިލީހުގެ ރައީސް އަށް ސިޓީއެއް ހުށަހަޅާފައި ވަނިކޮށް، އެ ސިޓީއަށާއި، އެމްޖޭއޭގެ ކަރުދާހުގައި ހުރި ކަންކަމަށް ވެސް ރިއާޔަތް ކުރުމެއް ނެތި އެވެ.
ބިލު މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުފާފާޅުކޮށް، އެކަމަށް މަޖިލީހުގެ މެމްބަރުންނަށް މަރުހަބާވެސް ދަންނަވާފަ އެވެ. ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ މަޖިލީހުން ނިންމި އެންމެ މުހިންމު އެއް ބިލު ކަމަށެވެ.