ads
ނިޒާމީ ނުކުތާ : އެއްކޮޅުން ކުއްލިނުރައްކަލުގެ ގަރާރު، އަނެއްކޮޅުން ޖައްރާފާ ބޮސްކާލިސް ކޮންނަބޯޓު!
ލިޔުނީ: ހުމައިދާ އަބްދުލް ޣަފޫރު

މި އިރުވައި މޫސުމުގައި ރާއްޖެއަށް ދިމާވެގެން އުޅޭ ރަށްގިރުމުގެ މައްސަލައިގެ އަސަރު ރައްޔިތުންގެ ގެދޮރާއި ހިސާބަށް ދިއުމުގެ ބިރު ހީވުމުން މިއަދު ރައްޔިތުންގެ މަންދޫބުންނަށް އެކަމުގެ ވާހަކަދެއްކުން ވަރަށް މުހިންމުވެއްޖެއެވެ. ރަސްމީކޮށް މަޖިލިހުގެ މަސައްކަތް މިއަހަރު ނުވެސް ފެށެނީސް މަޖިލިހުގެ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮމިޓީ (ތިމާވެށި ކޮމިޓީ) އިން އާދަޔާ ޚިލާފު ބައްދަލުވުމެއް 29 ޖަނަވަރީ 2020 ގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވިއެވެ. މިބައްދަލުވުމުގައި ބޭރު ބައެއް ޤައުމުތަކުގެ ސަފީރުން ބައިވެރިކޮށް އަދި މީޑިއާގެ ފައުޖެއް ގެނެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރަށް ގިރަމުންދާ ވާހަކަ އަޑުހަރުކޮށް ދައްކައި ރައްޔިތުންނަށް އަންގައިފިއެވެ. މީގެ ދެހަފްތާ ފަހުން، 11 ފެބްރުވަރީ  2020 ގައި ރައްޔިތުންގެ މަޖިލިހުގެ ތިމާވެށި ކޮމިޓީއިން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ކަންބޮޑުވެ މިކަމަށް ހައްލެއްހޯދަން އޮތް "ހަނިފުރުސަތު" ކުޑަވަމުންދާތީ މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރިޕޯޓެއް އެކުލަވާލިއެވެ. އަދި 13 ފެބްރުވަރީ ގައި މިރިޕޯޓު މަޖްލިހުން ފާސްކޮށް އެކަން އިއުލާނުކުރިއިރު މިރިޕޯޓަކީ ދިވެހިރާއްޖެއިން "ކްލައިމެޓް އިމަޖެންސީ" ނުވަތަ "މޫސުމާބެހޭ ކުއްލިނުރައްކަލުގެ ހާލަތު" އިއުލާނުކުރާ ޤަރާރެއްކަމަށް ވަނީ ނިންމާފައެވެ. މައްސަލައިގެ ހާލަތު އިންތިހާއަށް ބޮޑުވެއްޖެކަން ވަރަށް ސާފުވެއްޖެއެވެ.

ހަނދާނަށް އަންނަނީ 1989 ވަނައަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ކުދި ޖަޒީރާ ޤައުމުތަކުގެ ބައްދަލުވުމަކަށްފަހު އިއުލާނުކުރި "މާލޭ ޑެކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީލެވެލް ރައިސް" ނުވަތަ "ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބެހޭ މާލޭ ޤަރާރު" ގެ މަތިންނެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލުގެ ފުންމިން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި 2009 ވަނަ އަހަރު ރާއްޖޭގެ ވަޒީރުންގެ މަޖިލިހުގެ މެމްބަރުން ޑައިވިން ހެދުން އަޅުއްވައިގެން މޫދުއަޑީގައި ޖަލްސާބާއްވަވާ ފޮޓޯނަންގަވާ މިކަންތައް އަނެއްކާވެސް ބައިނަލްއަޤުވާމީ ޚަބަރަކަށް ހެއްދެވި ދުވަހެވެ. އަދި އޭރުގެ ރައީސުލް ޖުމްހޫރިއްޔާގެ ފެނުއަޑީގެ މި ޖަލްސާގެ ކާމިޔާބީ އަށް ބިނާކޮށް، ރާއްޖޭގެ ނާޒުކުހާލަތާއި ބެހޭގޮތުން "ދަ އައިލެންޑް ޕްރެޒިޑެންޓް" ނުވަތަ "ރަށްތަކުގެ ރައީސް" ގެ ނަމުގައި ޑޮކިއުމެންޓަރީ ފިލްމެއް ތައްޔާރުކުރެވި ދުނިޔެއަށް ރާއްޖެ މަޝްހޫރުވި ވާހަކައެވެ. 

ރާއްޖޭގެ ނާޒުކުތިމާވެއްޓަށާއި ރާއްޖެއަށް ދިމާވެފައިވާ ނުރައްކަލުގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރައީސުންނާއި، ވަޒީރުންގެ މަޖިލިހުންނާއި، ރައްޔިތުންގެ މަޖިލިހުންނާއި، ސަރުކާރުތަކުން ކުރަމުންދާ މަސައްކަތްތައް އަޑުހަރުކޮށް އިއްވަމުންދާއިރު ރާއްޖޭގައި ކުރަމުންދަނީ ކީއްތޯ ބަލައިލުން މުހިންމެވެ. 1989 ގެ މާލޭ ޤަރާރަށްފަހު ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ސަމާލުކަން ދެވިފައިވަނީ ކިހާމިންވަރަކަށް ހެއްޔެވެ. މާލޭގެ ހުޅަނގުގައި އޮތް "ތިލަފަޅު" "ތިލަފުށި" އަށް ހެދުމުގެ ނިންމުން ނިމިގެންދިޔައީ މާލޭ ޤަރާރު އިއްވިތާ މާގިނަ ދުވަސްތަކެއްނުވެ، 1991 ގައެވެ. އަދު ތިލަފުށްޓަކީ ތިމާވެށީގެ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ބޮޑު ދަންތުރައެކެވެ. މާލޭގެ އިރުއުތުރުގައި އޮތް ފަރުކޮޅުފުށި ހިމެނޭ މާސިންގާ ފަޅު ނައްތާލައި ހިއްކުމަށް ކަނޑައަޅާ ހުޅުމާލެ ހިއްކަންފެށީ 1997 ގައެވެ. މީގެ އިތުރުން ވޭތުވެދިޔަ ވިހިތިރީހަކަށް އަހަރު ރާއްޖޭގެ އެކި ރަށްތަކުގައި ޚަރަދުބޮޑު އަދި ރަށުގެ ވެއްޓަށް ގެއްލުންބޮޑު ބޮޑުހިލައިގެ ބަނދަރުތަކެއް ވަނީ ހަދާފައެވެ. އެކަން ކުރަމުންދިޔައިރު އޭގެ ނޭދެވޭ އަސަރުތައް ރަށްރަށަށް ފަހުގެ ތާރީޚެއްގައި ކުރާނެކަން އެންމެރަނގަޅަށް ދެނަހުންނާނީ އެމަސައްކަތް އިންތިޒާމުކުރި ސަރުކާރަށާއި، އެދާއިރާގެ މުއައްސަސާތަކަށާއި އެކަން ކުރުމުގައި އުޅެފައިވާ ފަންނީ ފަރާތްތަކަށެވެ. 

ނަމަވެސް އެފަރާތްތަކުން ގެއްލުމުގެ ވާހަކަ ދައްކާ އަޑެއް ނީވެއެވެ.

2009 ގެ މޫދުއަޑީގެ ތާރީޚީ އަދި ކާމިޔާބު ޖަލްސާ އަށްފަހު ރާއްޖެއަށް ތަޢާރަފްވެގެން ދިޔައީ ބައިނަލް އަޤުވާމީ ކޮންނަބޯޓު ކުންފުނިތަކުގެ އަގުބޮޑު އަދި ވެއްޓަށް ގެއްލުންބޮޑު "ޚިދުމަތް" ތަކެވެ. ނެދަލެންޑްސް ގެ ކުންފުނި ބޮސްކާލިސް އަށް 650 މިލިއަން ރުފިޔާއަށް ވުރެ މަތީގެ އަދަދުގެ ދަރަނި ބޯމަތިކޮށްގެން ދިވެހިސަރުކާރުން ހިންގި 5 ރަށެއްގެ (ޅ. ހިންނަވަރު، ހއ. ދިއްދޫ، ބ.ތުޅާދު، ނ.ވެލިދޫ، ހދ. ކުޅުދުށްފުށި) ބިންހިއްކުމުގެ މަޝްރޫޢު ހިންގީ 2010 ގައެވެ. އެ ހިއްކިބިންތަކުގެ މައުނަވީ ބޭނުމެއް އަދާ ހިސާބަށްވެސް ލިބިފައިނުވާ ހިނދު، އޭގެ ސަބަބުން އެރަށްތަކަށް ލިބިފައިވާ ނުވަތަ ލިބެމުންދާ ގެއްލުން ބަލާހޯދާފައިވާ ކަމެއް އެންގިފައެއް ނުވެއެވެ. ރަށުގެ ވެށްޓަށް ލިބޭ ގެއްލުން މިނެކިރަންޖެހޭނީ ހަމައެކަނި ތިމާވެށީގެ ގޮތަކުން ނޫނެވެ. އެ ގެއްލުން މިނެ ކިރަންޖެހޭނީ އިޖްތިމާއީ، އިޤްތިޞާދީ، ޞަޤާފީ އަދި ތިމާވެށީގެ ވަށާޖެހޭ ވަޒަންކުރުމަކުންނެވެ. 2016 ގައި ރާއްޖެއަށް ފާޅުވެގެން ދިޔައީ އަނެއްކާވެސް ބައިނަލް އަޤުވާމީ ކޮންނަ ކުންފުންޏެއްގެ ސިއްސައިގެން ދާވަރުގެ ބޮޑު ވެށިފަނާކުރުމުގެ މަޝްރޫޢުއެކެވެ. އެއީވެސް ނެދަލެންޑްސް ގެ ކުންފުންޏެއް ކަމަށްވާ ވެން އޫރުދު ކުންފުނީގެ"ބިޔަ" މަޝްރޫޢު އެކެވެ. މީގެ މައުލޫމާތާއި ދިޔަ ޙަރަދު ދިވެހިސަރުކާރުން ހާމަކުރިކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ވެން އޫރުދު އިސްތިހާރު ކުރި ގޮތުގައި އެމީހުންގެ ރާއްޖޭގެ މަޝްރޫޢުއަކީ 600 ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނޭ މަޝްރޫޢު އެކެވެ. ރާއްޖޭގެ އުތުރުން ދެކުނަށް 800 ކިލޯމީޓަރު ހުންނައިރު މި މަޝްރޫޢުގެ އަސަރު ފޯރާފައިވަނީ ރާއްޖޭގެ ކަނޑު ފަޅުތަކުގެ ފުދޭވަރެއްގެ ސަރަހައްދަކަށްކަން ޚިޔާލަށް ގެނެވެއެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ބޮޑު ދަރަންޏެއް ރައްޔިތުންނަށް އުފުލަންޖެހޭގޮތަށް ކޮންނަބޯޓު މަހާޖައްރާފާ ސަރުކާރުން ދަރަންޏަށް ގަނެ، އޭގެ ޒަރިއްޔާއިން އެތައްބޮޑު ގެއްލުން ތަކެއް ރާއްޖޭގެ ތިމާވެއްޓަށް ދަނީ ދެމުންނެވެ. 2010 ގައި ކަންކުރިގޮތަށް، އެތައް ރަށްތަކެއް ހިއްކައި، ބޮޑެތިޚަރަދުކޮށް، އެރަށްތަކުގައި ހިއްކި ބިންތަށް އަދުވެސް އެހިއްކިގޮތަށް އެބައޮތެވެ. ރާއްޖޭގެ ރަށްރަށުގެ ތިމާވެއްޓަށް ދިވެހިސަރުކާރުތަކުން ދެމުންދާ ބޮޑެތި ގެއްލުން ތަކުގެ އާޚިރު ނަތީޖާ ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދު މިދަނީ ފާޅުވަމުންނެވެ. މީ ދިވެހި ރައްޔިތުންނަށް ލިބެމުންދާ ގެއްލުމެވެ.  

ރައްޔިތުންގެ 19ވަނަ މަޖިލިސް "ތަފާތު" ކަމުން، އެމަޖިލިހުގެ ރައީސް 29 ޖަނަވަރީ 2020 ގެ ތިމާވެށި ކޮމިޓީގެ ޖަލްސާގައި ފަޙުރުވެރިކަމާއި އެކު ފާހަގަކުރެއްވީ ދިވެހިރާއްޖެ ފިޔަވާ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ މަޖިލިހެއްގައި މިފަދަ ތިމާވެށި ކޮމިޓީއެއް ނެތްކަމެވެ. ނަމަވެސް ފާހަގަކުރެވޭ އެހެން އެތައް ކަމެއްވެސް އެބަހުއްޓެވެ. ދިވެހިރާއްޖޭގެ 2020 ގެ ބަޖެޓު ފާސްކުރީ މިދެންނެވި ތިމާވެށި ކޮމިޓީ އޮތް އެ މަޖިލިހުންނެވެ. އެބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިންހިއްކުމަށް ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. އަދި ތިމާވެށި ކޮމިޓީގެ މުޤައްރިރަކަށް އިންނެވީ ތިމާވެށީގެ ދާއިރާ ދަންނަ، ނަމަވެސް އުފަންރަށުގެ ތިމާވެށި ސުންނާފަތިކޮށް އެއާޕޯޓެއް އެޅުމުގެ ވައުދެއްގެ މަތީގައި އެމަޖިލިހަށް ވަންނަވާފައިވާ މެންބަރެކެވެ. އެ "ތަރައްޤީ" އައުމުން އޭނާގެ ރަށްވެސް ދަނީ ގިރަމުންނެވެ. 

ރާއްޖޭގައި މިއަދު ތިމާވެށީގެ ކުއްލިހާލަތެއް އިއުލާނުކޮށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް އަނެއްކާވެސް މަސައްކަތް އެ ކުރަނީ ކުރީގައިވެސް މިކަން ކުރި ދެއުޅިއެއްނުވާ ގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. އެގޮތަކީ ރާއްޖޭގެ ސަރުކާރާއި ދައުލަތް ހިންގުމުގެ މުޅިނިޒާމުން ރާއްޖޭގެ ތިމާވެށްޓަށް ވަމުންދާ އިހުމާލާއި ދެމުންދާ ގެއްލުމަށް އަމިއްލައަށް ކަނުވެ ފުރަގަސްދީ ތިބެ އަމިއްލަ ޒިންމާއެއް ނެތްކަން ދެއްކުމެވެ. ރައްޔިތުން މިކަން ދެނެގަންނަން އެބަޖެހެއެވެ. ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރު ބޮޑުތަނުން ބޮޑުވާނެގޮތަށް ރާއްޖޭގެ ނާޒުކު ޤުދުރަތީވެށި ދައުލަތުގެ އިހުމާލުން ބަދަލުކޮށް، އިޔާދަނުކުރެވޭނެ މިންވަރަށް ވިޔަފާރިއަށް ޓަކައި ދަނީ ގެއްލުންދީ ފަނާކުރަމުންނެވެ. މިކަމުގެ ޒިންމާއިން ރާއްޖެއިން ރެކި، އިސްތިސްނާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ރައްޔިތުންނަށް ވިސްނެން ޖެހެއެވެ. މޫސުމަށް އަންނަބަދަލުތަކުގެ ނުރައްކަލަށް ރާއްޖެ އަމިއްލައަށް ހުށަހެޅިގެންދާކަން އަދު ޤަބޫލުކުރަން ޖެހެއެވެ. އަދި މިގޮތަށް މިކަން ކުރުން ހުއްޓާލަން ޖެހެއެވެ. ތަރައްޤީގެ ނަމުގައި ދެމުންދާ ބޮޑެތި ގެއްލުންތަކަކީ ފަހި މާދަމައެއް ލިބޭނެ ކަމެއްކަމަށް ހީވާ ހީވުމަކީ ވަރަށްބޮޑު ކުށް ހީއެކެވެ. ވެށިފަނާކުރުމަކީ އަދާއި މާދަމާވެސް ގެއްލޭނެ ކަމެއްކަން އަދު ޤަބޫލުކުރަން ޖެހެއެވެ. އެކަމުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ނުލިބޭނެ ކަންވެސް ވިސްނެން ޖެހެއެވެ. އަދި ފައިދާވާނީ ވެށިފަނާކުރަމުންދާ ވިޔަފާރީގެ ފަރާތްތަކަށް އެކަންޏެވެ.

ދިވެހިރާއްޖެއާއި ރާއްޖޭގެ ތިމާވެށި ސަލާމަތްކުރުމަކީ ހަމައެކަނި ބައިނަލްއަޤުވާމީ ދުނިޔޭގެ މަސްއޫލިއްޔަތެއް ނޫނެވެ. ދިވެހިރާއްޖޭގެ ތިމާވެށި ސަލާމަތްކުރުމަކީ އެންމެފުރަތަމަ ދިވެހިންގެ މަސްއޫލިއްޔަތެވެ. ފަޙުރުވެރި ދިގުތާރީޚެއް އޮންނަ އަދި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތް ކުރުމަށް ޖާނުދޭން ތައްޔާރަށް ތިބޭ ދިވެހިންނަކީ އެބައިމީހުންގެ އަމިއްލަ ނާޒުކު ތިމާވެށީގެ ރައްކާތެރިކަން އެހެންބަޔަކާ ހަވާލުކުރަން ފޫގަޅައިގެން ތިބި ބައެއް ހެއްޔެވެ؟

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް