
މިނިސްޓަރު ޒާހިރާއި، އަނބިކަބަލުން ހައްޖަށް ފުރާވަޑައިގަތީ މިއަދު އެވެ.
ރާއްޖެއިން 1443 ވަނަ އަހަރު ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރު ޒާހިރު ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސާވާފަ އެވެ. އެހެންކަމުން ރާއްޖޭގެ ހައްޖާޖީންގެ ކަންތައްތައް އެންމެ އިސްކޮށް ބަލަހައްޓަވާނީ މިނިސްޓަރު ޒާހިރު އެވެ.
މީގެ އިތުރުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް މާދަމާ ފުރާވަޑައިގަންނަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާއިރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް ފުރީ ރޭގަ އެވެ.
ރާއްޖެ ގަޑިން ރޭ 23:30 ގައި ސައުދީ އެއާލައިންއިން ރޭ ފުރި ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، މިނިސްޓްރީން ވަނީ ހަމަޖައްސާދީފަ އެވެ. އެގޮތުން ރޭވެސް ހައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބެވިއިރު، ހައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދިޔައިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުން ޓްރެފިކް ބަލަހައްޓާފައި ވެއެވެ. ހައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން ރޭ ހައްޖުވެރިން ފުރުވަން ދިޔަ އާއިލާ ފަރާތްތަކާއި ގާތްމީހުންނަށް ފަސޭހައިން އަނބުރާ އައުމަށް ހުޅުލޭ ޕާކިން އޭރިއާގައި 20:00 އިން 21:30 އަށް ބަސްދަތުރުތައް ވެސް ރޭ ވަނީ ބާއްވާފަ އެވެ.
ރޭ ވަނީ 115 ހައްޖާޖީން ފުރާފަ އެވެ. ރާއްޖެއިން ހައްޖަށް ފުރި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން ބުނެ އެވެ.