
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު ސޮއި ކުރެއްވި އިރު، ރޯޑް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
އެއްބަސްވުމުގެ ދަށުން، އަމީނީ މަގު ހެދުމުގެ މަސައްކަތް 210 ދުވަހުގެ ތެރޭ ނިންމަންޖެހޭ އިރު، 1.7 ކިލޯމީޓަރު ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މަގުގައި ފެން ހިންދާ ނިޒާމުގެ އިތުރުން މަގު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭގެ މަގުތައް ތަރައްގީ ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި އާރްޑީސީ މީގެކުރިން ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެއްބަސްވުމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އެއްބަސްވުން ބަދަލުކޮށް ސޮއިކުރިއިރު އޮތީ 16 މަގެއްގައި ތާރު އަޅާ ގޮތަށެވެ.
އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން ހިމެނެއެވެ. އަދި މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރު އެޅުން ހިމެނޭއިރު ކުރިން އޮތް މުއްދަތަށްވުރެ އަވަސް ކުރުންވެސް ހިމެނެ އެވެ. އަދި އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވެސް ހިމަނާފައިވެ އެވެ. އަދި ހަމައެއާއެކު ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުމަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.