ads
ނޫސްވެރިން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން
ހެއްކާ ބެހޭ ބިލް އިސްލާހުނުކޮށް ތަސްދީގުކޮށްފިނަމަ ކޯޓަށް ހުށަހަޅަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާގޮތަށް ފުޅާކަން ބޮޑުގޮތެއްގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ބިލް އިސްލާހު ނުކޮށް ތަސްދީގު ކޮށްފިނަމަ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މީޑިއާ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ކައުންސިލުން ވަނީ މުހިންމު ދެ ނިންމުމެއް ނިންމާފަ އެވެ. 

މީޑިއާ ކައުންސިލުން ނިންމި ނިންމުންތައް

1. މަޖިލީހުން ފާސްކޮށްފަވާ ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފިނަމަ، އެ ގާނޫނުގެ 136 ވަނަ މާއްދާ ބާތިލުކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ހުށަހެޅުން

2. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފަވާ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ބައެއް މާއްދާތައް އޮތްގޮތުން ކައުންސިލުގެ ކަންބޮޑުވުން އޮތުމުން އެމައްދާ އިތުރަށް ދިރާސާކޮށް ގޮތްތަކެއް ހުށަހެޅުމަށް މީޑިއާ ކައުންސިލުގެ އެތިކްސް އެންޑް ލީގަލް ކޮމެޓީއަށް ފޮނުވަން

މިދިޔަ އޮކްޓޫބަރު މަހު ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުގުނީ ހުށަހަޅައިފައިވާ ހެއްކާއިބެހޭ ބިލު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފަ އެވެ.

ބިލު ފާސްކުރިއިރު، އެބިލަށް ޖުޑިޝަރީ ކޮމެޓީން ގެނައި އިސްލާހުގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އެގޮތުން އެމައުލޫމާތު ދޭން ކޯޓަށް އަމުރު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.  

ބިލު ދިރާސާކޮށް މަޖިލީހުން ގެނައި އެ އިސްލާހުތަކާއިއެކު ފާސްކުރުމާއިމެދު އެދުވަހު މަޖިލީހުގައި ނެގުނު ވޯޓުން ބިލު ފާސްކޮށްފައިވަނީ، މަޖިލީހަށް ހާޒިރުވެތިބި، 58 މެމްބަރުންގެ ތެރެއިން 50 މެމްބަރުން ވޯޓުދެއްވައިގެން ނެވެ. 

ނޫސްވެެރިންގެ ދިފާއުގައި މި ބިލާއި ދެކޮޅަށް ވޯޓުދެއްވާފަވަނީ އެންމެ ފަސް މެމްބަރުންނެވެ. މި ވޯޓުގައި ބައިވެރިވެފައިވަނީ 55 މެމްބަރުންނެވެ. ވަކިގޮތަކަށް ވޯޓުނުދޭ ދެ މެމްބަރުން ތިއްބެވި އެވެ.  

މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުނުކޮށް ބިލް ފާސްނުކުރުމަށާއި، އެ އިސްލާހު ފަސް ކޮށްދެއްވުމަށް އެދި ނޫސްވެރިން އެދުވަހު މަޖިލީސް ކުރާ ގެދޮށަށް އެއްވެ ކަންބޮޑުވުންވެސް ފާޅުކޮށްފަވަނިކޮށް، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ ވަގުތު ހަމަވެފައިވަނިކޮށް ވޯޓަކަށް އަހައިގެން އިތުރުކުރި ވަގުތުގަ އެވެ.

އަދި މި ބިލު ފާސްކޮށްފައި ވަނީ މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއްޔެ ކަރުދާހަކާއި، އެ ބިލަށް އިސްލާހު ގެންނަން އެދި މަޖިލީހުގެ ރައީސް އަށް މިއަދު ސިޓީއެއްވެސް ހުށަހަޅާފައި ވަނިކޮށް، އެ ސިޓީއަށާއި، އެމްޖޭއޭގެ ކަރުދާހުގައި ހުރި ކަންކަމަށް ވެސް ރިއާޔަތް ކުރުމެއް ނެތި އެވެ. 

ބިލު މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުފާފާޅުކޮށް، އެކަމަށް މަޖިލީހުގެ މެމްބަރުންނަށް މަރުހަބާވެސް ދަންނަވާފަ އެވެ. ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ މަޖިލީހުން ނިންމި އެންމެ މުހިންމު އެއް ބިލު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް