
އެމެރިކާގެ ފުލުހުން ބަޑި ޖަހާ މަރާލާފައި ވަނީ އުމުރުން 25 އަހަރުގެ ޖޭލަން ވޯކާ ނަމަކަށް ކިޔާ އެމެރިކާގެ ކަޅު ނަސްލުގެ މީހެކެވެ.
މިކަމާއި ގުޅިގެން އެގައުމުގެ ގިނަ ހިސާބުތަކެއްގައި ފުލުހުންނާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެގައުމުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ޖޭލަން ދުއްވަން އިން ވެހިކަލް ހުއްޓުވުމަށްފަހު ބަލާ ފާސްކުރަން އުޅުމުން އޭނާ ފުލުހުންނަށް ހަމަލާ ދިން ކަމަށެވެ.
އަދި އެކަމާއި ގުޅިގެން އޭނާ ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ގަޔަށް ބަޑިޖެހުމަށް އޭނާ މަސައްކަތް ކުރި ކަމަށާއި، އެކަމާއި ގުޅިގެން ފުލުހުން ރައްދުގައި ހަމަލާދީ އޭނާ މަރާލީ ކަމަށެވެ.
ފުލުހުން ވަނީ އެ ރޭ ހިނގި ހާދިސާގެ ވީޑިއޯވެސް އާއްމު ކޮށްފަ އެވެ. އެހެން ނަމަވެސް ޖޭލަން ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި މަންޒަރު ވީޑިއޯއިން ފެނިފައިނުވެ އެވެ. އެ ވީޑީއޯ އާއްމު ކުރުމަށްފަހު ފުލުހުން ބުނީ، އޭނާގެ ކާރުގެ ތެރެއިން ފެލެޝްލައިޓް އެއް ފެނުނު ވަގުތު ބަޑިޖެހި އަޑުއިވުން ކަމަށާއި، އެހެން ނަމަވެސް ފަހުން ބެލިބެލުމުން ބަޑި ޖެހީ އޭނާ ނޫންކަން އެނގޭ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް ބަޔަކާއި މެދު ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ކުރާނެ ކަމަށްވެސް އެގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން ޖޭލަންގެ އާއިލާގެ ވަކީލު ބުނީ، މިއީ އަނެއްކާވެސް އެމެރިކާގެ ފުލުހުން ކަޅު ނަސްލުގެ މީހުންނަށް ދިން ހަމަލާއެއް ކަމަށާއި، މިއީ އަދިވެސް އެމެރިކާގައި ނަސްލީ ތަފާތުކުރުން އޮތް މިންވަރު ދައްކުވައިދޭ ހަމަލާއެއް ކަމަށެވެ. އަދި މިހާތަނަށް ފުލުހުން ހިންގި ތަހުގީގުގައި ޖޭލަންގެ ހަށިގަނޑުގެ 60 ތާކަށް ވަޒަން އަރާފައިވާކަން އެނގޭ ކަމަށެވެ.