ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު---
ދެން ކުރިމަތިވާ އިގްތިސާދީ ކާރިސާއެއްގެ ގެއްލުން މާ ބޮޑުވެދާނެ: އަމީރު
ސަރުކާރުގެ އާމްދަނީ އިތުރުނުކޮށް ގައުމު ހިންގަން އުޅެފިނަމަ ދެން ދިމާވާ އިގްތިސާދީ ކާރިސާގެ ސަބަބުން ވާ ގެއްލުން މާ ބޮޑުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުގެ އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށާއި، އެކަން މިވަގުތު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައި ވާކަމަށެވެ. 

އެގޮތުން ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް އިތުރުކުރަން ނިންމާފައި ވާކަމަށާއި، ޓީޖީއެސްޓީ، 12 އިންސައްތައިން 16 އިންސައްތަ އަށް އިތުރުކުރަން ނިންމާފައި ވާކަމަށެވެ. 

މި ކަންތައް މިގޮތަށް ނުކޮށްފިނަމަ ރާއްޖެއަށް ދެން ކުރިމަތިވާ އިގްތިސާދީ ކާރިސާގެ ސަބަބުން ދިމާވާ ގެއްލުމުގެ އަސަރު މިހާރަށް ވުރެށް ބޮޑުވާނެ ކަމަށެވެ.

"އާމްދަނީ އިތުރު ނުކޮށް ވާކަށް ނެތް. އެކަން ނުކޮށްފި ނަމަ ދެން ކުރިމަތިވާ އިގްތިސާދީ ކާރިސާއެއްގެ ގެއްލުން މާ ބޮޑުވެދާނެ." އަމީރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކުރުމަށް މަޝްވަރާތައް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން ޓެކްސް ބޮޑުކުރުން އެއް އަހަރު ނުވަތަ ދެ އަހަރު ވަންދެން ފަސް ކުރުމަށް އެދެމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުގެ ވިސްނުމަކީ، އެކަމަށް ތައްޔާރުވާން ހަ މަސް ދުވަސް ދިނުން ކަމަށެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ސަރުކާރުން ގިނަ ކަންކަން ކުރަމުން އަންނަ ކަމަށާއި، އެކަމުގެ އަސަރު ކުރިއަށް ހުރި ތަނުގައި ފެނިގެން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް