ads
އެމްޖޭއޭ ގެ ފަރާތުން މިއަދު ހުށަހެޅި ޕެޓިޝަން
ހެއްކާއި ބެހޭ ބިލު ތަސްދީގު ނުކުރުމަށް އެދި ޕެޓިޝަނެއް ރައީސް އަށް ހުށަހަޅައިފި
މަސްދަރު ހާމަ ކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ތަސްދީގު ނުކުރުމަށް އެދި ނޫސްވެރިންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަކަށް ހެއްކާއިބެހޭ ބިލް ފާސް ކުރުމުގެ ކުރިން ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީ މި ބިލާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. 

އެހެން ނަމަވެސް ނޫސްވެރިންގެ ވާހަކަތަކަށް އަޑުއެހުމެއްނެތި މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފަ އެވެ. ބިލު މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުފާފާޅުކޮށް، އެކަމަށް މަޖިލީހުގެ މެމްބަރުންނަށް މަރުހަބާވެސް ދަންނަވާފަ އެވެ. ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ މަޖިލީހުން ނިންމި އެންމެ މުހިންމު އެއް ބިލު ކަމަށެވެ.

މި ބިލު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައި ވާއިރު، މިބިލު ތަސްދީގު ނުކުރުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ގެ ފަރާތުން 158 ނޫސްވެރިންގެ ސޮޔާއި އެކު މިއަދު ވަނީ ރައީސް އޮފީހުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. 

ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭ ގޮތަށް ނޫސްވެރިކަމުގެ ހައްގު ހަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާއާއި މެދު ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރާ ކަމަށާއި، މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް މާނަ ކުރަން ހުޅުވާލެވޭ ގޮތަށް އޮތުމަކީ، ނުފޫޒާއި ބާރު ހުރި ބަޔަކަށް އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ހުޅުވާލެވޭ ދޮރެއް ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ. 

އަދި މިކަމުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާނެ ކަމަށާއި، މިއީ އާއްމުންނާއި ގުޅުންހުރި އެތައް މައްސަލަތަކެއް މުޖްތަމައުއަށް ތިލަކުރުމަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށްވެސް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ. 

"އެހެން ކަމުން ހެއްކާއި ބެހޭ ބިލު މިހާރު އެކުލަވާލާފައިވާ ވަނީ ނޫސްވެރިންނަށް ގެއްލުން ދެނެވި ގޮތަކަށް ކަމުން އެ ބިލަށް ބަދަލު ގެނައުމަށް ރައީސް ސޯލިހު ބިލު ތަސްދީގު ނުކުރައްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ގޮވާލަން."

މީގެ އިތުރުން މަޖިލީހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާ މި ބިލާއި މެދު ދެވަނަ ވިސްނުމަކަށް ގޮސް ބިލް އިސްލާހު ކުރުމަށްވެސް ޕެޓިޝަނުގައި ވަނީ ގޮވާލާފަ އެވެ. 

ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަން: https://bit.ly/3y86HpG 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް