
ހޯމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އަންނަމުންދާ މި ބިން ހެލުންތަކުގެ ބާރުމިން އުޅެނީ، 3.8 އިން ފެށިގެން 5.4 މެގްނިޓިއުޑާއި ދެމެދުގަ އެެވެ.
ނޭޝަނަލް ސެންޓަ ފޯ ސެއިސްމޮލޮޖީ އިން ދަނީ އަންޑަމަން އާއި ނިކޮބާ ޖަޒީރާތަކަށް އަންނަ ސިލްސިލާ ބިންހެލުންތަކާ ބެހޭ ގޮތުން މެދުނުކެނޑި އަޕްޑޭޓްތައް ދެމުން ނެވެ.
އެ ސެންޓަރުން ބުނީ، ހޯމަ ދުވަހުގެ ހެނދުނު 5:42 އިން ފެށިގެން އަންޑަމަން ކަނޑަށް އައި ބިންހެލުންތައް ރިޕޯޓްކޮށްފައިވާއިރު، އެންމެ ފަހުން ބިންހެލުން އައިސްފައިވަނީ ޕޯޓް ބްލޭއާގެ އިރުދެކުނު އައްސޭރިފަށަށް މިއަދު ހެނދުނު 8:05 ހާއިރު ކަމަށެވެ. މިއަދުގެ ބިން ހެލުން އައިސްފައިވަނީ 4.6 މެގްނިޓިއުޑްގެ ބާރުމިނުގައި 10 ކިލޯމީޓަރު އަޑިން ނެވެ. އަދި 5.3 މެގްނިޓިއުޑުގެ ބާރުމިނުގައި އިތުރު ބިން ހެލުމެއްވެސް އައިސްފަވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ދައްކަ އެވެ.
އެ ސެންޓަރުން ހޯމަ ދުވަހުން ފެށިގެން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު:
- ޖުލައި 4 : 5.1 މެގްނިޓިއުޑްގެ ބާރުމިނުގަ 1 ބިން ހެލުން އަދި 5.0 ބާރުމިނުގައި 3 ބިން ހެލުން
- ޖުލައި 5 : 5.4 މެގްނިޓިއުޑްގެ ބާރުމިނުގަ 1 ބިން ހެލުން އަދި 5.0 ބާރުމިނުގައި 3 ބިން ހެލުން
- ޖުލައި 6 : 5.0 ބާރުމިނުގައި 1 ބިން ހެލުން
- ޖުލައި 7 : 5.3 ބާރުމިނުގައި 1 ބިން ހެލުން
- ޖުލައި 9 : 4.6 ބާރުމިނުގައި މިއަދު އެއް ބިން ހެލުން
ހޯމަ ދުވަހުން ފެށިގެން އައިސްފަވާ ބައެއް ބިން ހެލުންތައް
މީގެ އިތުރުންވެސް އިތުރު ބިން ހެލުންތައް ރިކޯޑުކުރެވިފަވާ ކަމަށް އެ ސެންޓަރުން ބުނެ އެވެ. މި ބިންހެލުންތަކުގެ ސަބަބުން އެއްވެސް މީހަކު ފުރާނަ ގެއްލުމާއި މުދަލަށް ގެއްލުމެއް ލިބިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
އެކަމަކު، އެންމެ 24 ގަޑިއިރުގެ ތެރޭގައި މިފަދަ ބޮޑު އަދަދަކަށް ބިންހެލުން އައުމަކީ ކުރިއަށް އޮތްތަނުގައި ކަނޑަށް އަންނަ ބިންހެލުންތަކުގެ ސަބަބުން ސުނާމީ ވެސް ކުރިމަތިވެ، އެއަށްވުރެ ގިނަ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް މޫސުމާއި ބެހޭ އެގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ޖަޒީރާ ސަރަހައްދުގައި މެދުނުކެނޑި ބިންހެލުންތައް އިހުސާސް ކުރެވެނީ، އަންޑަމަން ކަނޑަށް އަންނަ ސިލްސިލާ ބިންހެލުންތަކުގެ ސަބަބުން ނެވެ. ބިންހެލުންތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބުނު ނަމަވެސް އެހާ ގިނައިން ގިނައިން އަންނަ ބިންހެލުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މެގްނިޓިއުޑް މަތިވިނަމަ ސުނާމީ ވެސް ކުރިމަތިވެދާނެ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 20 އަށް ވުރެ ގިނަ ބިންހެލުން އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ޖަޒީރާއަކަށް ވުމުން އެ ސަރަހައްދަކީ އެއަށްވުރެ މާ ބޮޑު ނުރައްކަލެއްގަ އޮތްތަނެކެވެ.
އަންޑަމަން އާއި ނިކޮބާ ޖަޒީރާތަކުގެ އިތުރުން ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:03 ހާއިރު އާސާމަށް ވެސް ބިންހެލުމެއް އައި ކަމަށް ރިޕޯޓްކޮށްފައިވާއިރު، އިތުރު ބިންހެލުމެއް މީގެ ދެތިން ދުވަސް ކުރިން ކަރްނާޓަކާއަށް އައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ކަރްނާޓަކާގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ކޮމިޝަނަރު މަނޯޖް ރަންޖަން ވިދާޅުވީ "މި ބާވަތުގެ ބިންހެލުމަކުން ލޯކަލް ކޮމިއުނިޓީއަށް އެއްވެސް ގެއްލުމެއް ނުދޭ ކަމަށާއި، ކުޑަކޮށް ބިންގަނޑު ހެލުނު ކަމަށް ވިޔަސް، ބިންހެލުން އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް އެފަދަ ބިންހެލުންތައް ތަކުރާރުވާނަމަ ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިފަދަ ގިނަގިނައިން އަންނަ ބިންހެލުމަކީ ރަނގަޅު ނިޝާނެއް ނޫން ކަމަށާއި، އެއަށްވުރެ ބާރުމިނުގައި ބިންހެލުންތަކެއް އައިސްފިނަމަ، ކުރިއަށް އޮތްތަނުގައި ގިނަ ގެއްލުންތަކެއް ލިބިދާނެކަމުގެ އިންޒާރު މީގެ ކުރިން ވެސް ތަޖުރިބާކާރުން ދީފަވާކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.