ads
މަކުނުދޫގައި ރޭ އީދު ފެށުމަށް މަގުމައްޗަށް ނެރުނު ބައެއް ތަކެތި—— ފޮޓޯ:މަކުނުދޫމީހާ/ފޭސްބުކް
މަގުމައްޗަށް "ދާނި ނެރުން" ސަގާފަތް، މަކުނުދޫގައި މިހާރު އުނދަގުލަކަށް!
އެންމެ އިހު ޒަމާނުންސުރެ ހދ. މަކުނުދޫގައި އީދު ފެށެނީ، އީދުވިލޭރޭ، ކޮންމެ ގެއެއްގެ ފެން ވަޅުގައި އޮންނަ "ދާނި މަގުމައްޗަށް" ނެރުމަކުން ނެވެ. މި ދާނި ނެރެނީ އީދުވިލޭރޭ މީހުން ނިދާފަތިއްބާ "ވަގަށް ގޭގެއަށް ދަންވަރުގެ ވަގުތުގައި ވަދެ" އެވެ. ފަތިހު ގިފިޔަށް ވަންނަ މީހާ ފުރަތަމަ ދާންޖެހެނީ ދާނި ހޯދާށެވެ. އެ ދާނި އޭރު އޮންނަނީ އެގެއްގެ ދޮރުމަތީ މަގެއްގަ އެވެ. ނުވަތަ ރަށު އޮފީހުގަވެސް އޮވެދާނެ އެވެ.
Advertisement

ފެށުނީންސުރެ "ގޯސް މެސެޖެއް ދެވޭ، އަހްލާގީ މިންގަނޑު ދަށް ސަގާފަތެ" ކެވެ. މި ސަގާފަތް މިގޮތަށް މަކުނުދޫގައި އޮންނަނީ ނުވަތަ ފެށިގެން އައީ ކީއްވެކަމެއް ނޭނގެ އެވެ. މަކުނުދޫއިން އަޅުގަނޑު ވާހަކަ ދައްކާލި އެއްވެސް މީހަކަށްވެސް މި ސަގާފަތުގެ ބޭނުމެއް ނުވަތަ ފެށުނީ ކިހިނެތް ކަމެއް ބުނެދޭކަށް ނޭގުނެވެ. 

ނަމަވެސް އެންމެންވެސް ގަބޫލުކުރަނީ "މިއީ ގޯސް މެސެޖެއް ދެވޭ، ގޯސް ސަގާފަތެއް" ކަމެވެ. އެކަން އެ ރައްޔިތުން ގަބޫލުކުރަން މަޖުބޫރުވާ ބައިވަރު ސަބަބުތައްވެސް އެބަހުއްޓެވެ. 

މިއަދު 1443ވަނަ އަހަރުގެ އުފާވެރި އީދު ފެށުނުއިރު ގިނަ ރަށްތަކުގައި ރޭ އީދު ވަނީ އެބައެއްގެ ސަގާފަތުގެ ތެރެއިން ކުރާ އެންމެ ފުރަތަމަ ކަމުން ފަށާފައެވެ. އެކި ރަށްރަށުގައި އީދު ފަށާގަންނަގޮތް ތަފާތެވެ. ބައެއް ރަށްރަށުގައި އީދު ކުޅިވަރު ފެށުމަށް އަތޮޅުގެ ވެރިކަން ކުރާ ރަށަށް ގޮސް އިޒްނަ ނެގުމަކުން ފެށިއިރު، މަކުނުދޫގައި އީދު ފެށުނީ، ދަންވަރު ގޭގެއަށް ސިއްރުން ވަދެ، އެގެއްގައި ހިފާ ގެންގުޅޭ ބޮޑެތި ބަރުތަކެތި ނަނގާ މަގުމައްޗަށް އަޅާލުމުން ނެވެ. 

ސޯޝަލްމީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކާއި، “ސީއެންއެމް” އަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުން، ބޮޑެތި ތެޔޮ ތާންގީތަކާއި، ހަރުގަނޑާއި، ޑިންގީއާއި، އެޅިގާފަދަ ތަކެތި މަގުމައްޗަށް ނެރެފަވެ އެވެ. އޭގެ ސަބަބުން ގިނަ މަގުތަކެއް ވަނީ ބަންދުވެވެސް ވެފަ އެވެ. ބައެއް ގޭގެ ތަކެތި އެރަށުގެ ބައެއް ދުރު ހިސާބުތަކަށް ވެސް ގެންގޮސްފަވާއިރު، މިހާރުވެސް އޭގެތެރެއިން ބައެއް ބަރުތަކެތި ހުރީ މަގުތަކުގަ އެވެ. 

ސަގާފަތް އޮންނަގޮތުން އެތަކެތި މަގުމައްޗަށް ނެރެނީ އެެހެން ބަޔަކު ކަމަށްވިޔަސް، އަނބުރާ ގެއަށް ވަށްދަން ޖެހެނީ އެގެއްގެ ބަޔެކެެވެ. 

your imageމަގުމައްޗަށް ނެރެފަ ހުރި ތާންގީތަކާއި، ކަޅު ހަން---ފޮޓޯ:މަކުނުދޫމީހާ/ފޭސްބުކް

your imageމިއީވެސް މި ކުޅިވަރުގެ ތެރެއިން ނެރެ އަތުރާފަ ހުރި ގާތަކެއް———ފޮޓޯ:މަކުނުދޫމީހާ/ފޭސްބުކް

ބޮޑެތި ބަރުތަކެތި މަގުމައްޗަށް ނެރެ، ހިނގާބިގާވުމަށް ދަތިވާގޮތަށް މަގުތައް ބަންދުވެފަވާއިރު، މިއީ މަކުނުދޫގައި ސަގާފީގޮތުން މިކަން ކުރިއިރު އެންމެ އިހުގައި އެކަން ކޮށް އުޅުނު ގޮތެއް ނޫނެވެ. ސިއްރުން ވަދެ އެތަކެތި ނެގުމުގެ އަހުލާގީ ދަށް މިންގަނޑުގެ ސަގާފަތެއް އޮތަސް، އޭރު ނެރެ އުޅެނީ ވަރަށް ލުއި އެއްޗިއްސެވެ. އެންމެ ކުރީ ނެރެ އުޅުނީ ގޭގެ ފެންވަޅުގައި އޮންނަ ލުއި ލުއި ދާނި އެވެ. އެހެންކަމުން އެތަކެތި ގެއަށް ވައްދާލާކަށް އެއީ މާ ބޮޑު ކަމަކަށް ނުވެއެވެ.

"އެކަމަކު މިހާރު މިހުންނަނީ ވަރަށް ބޮޑެތި ތަކެތި ނެރެފަ. އެހެންވީމަ ވަރަށް އުނދަގޫ ވާނެތާ އެގެއެއްގެ ބަޔަކަށް ވައްދަން. އަނެއްކާ ބައެއް ތަކެތި އެބަހުރޭ ގެއާ ވަރަށް ވަރަށް ދުރުގަ ބަހައްޓާފަ. މިއީ މިކަން ކޮށް އުޅުނު ގޮތެއް ނޫން. މި ޒަމާނަށް އައީމަ މިހާރު މިއޮތީ މާބޮޑުވަރުކުރާ ކަމަކަށް ހާދާފަ. ރައްޔިތުންނަށް އުނދަގުލަކަށް ވަނީ މިހާރު، މިއީ ހުއްޓަންވީ ސަގާފަތެއް،" މަކުނޫދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

your imageމަގުމަތީ ހުރި ބައެއްތަކެތީގެ ސަބަބުން މަގުމަތި ވަނީ ބްލޮކްވެފަ——ފޮޓޯ:މަކުނުދޫމީހާ/ފޭސްބުކް

your imageއިހުޒަމާނުގައި ބަރުތަކެއްޗާއި ބޮޑެތި ތަކެތި މަގުތަކަކަށް ނުނެރެ——ފޮޓޯ:މަކުނުދޫމީހާ/ފޭސްބުކް

މިކަން މިހާރު މަކުނުދޫގައި މިއޮތީ ސަގާފަތެއްގެ ގޮތުގައެއް ނޫނެވެ. ކުރާ ޖެއްސުމެއް ނުވަތަ އުނދަގުލެއްގެ ގޮތެއްގަ އެވެ. މިސަގާފަތް ގޯސްވަނީ އިސްލާމުދީނުގައި ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ އުސޫލުތަކާއި، އަހްލާގީ މިންގަނޑާއި، މުޖުތަމައުގެ އަމާން އަމާންކަމަށް ވެސް ބުރުއަރާތީ އެވެ. 

ދާނި ނެރުމަކުން ފެށިގެން އައި މިސަގާފަތް މަކުނުދޫގެ މި ޖީލާއި ހަމަޔަށް އާއިރު، ބަދަލުވެފަވާގޮތުން، އިސްލާމުދީނުގެ ރިވެތި އާދަތަކަށް ފުށޫއަރާ މިސަގާފަތުގެ ސަބަބުން އެދުވަހުގެ ޒުވާންޖީލަށް އަދި ކުޑަކުދިންނަށް ދެވުނު ގޯސް މެސެޖު ހާމައަށް އެބަ ފެނެ އެވެ. ސިއްރުން ގޭގެއަށް ވަނުމާއި، މަގުމައްޗަށް ކުނި އެޅުމަކީވެސް "އޯކޭ" ކަމެއްގެ ގޮތުގައި އެ ސިކުނޑިތަކަށް އެވަނީ ވިސްނިފަ އެވެ. 

އިސްލާމުދީނުގެ ރިވެތި އަހްލާގާއި، ރަސޫލާގެ ސުންނަތާ ވެސް ދުރު ސަގާފަތެއް

މަގުމައްޗަށް ކުނި ނޭނޅުމަށް ކަނޑައެޅިގެ ޤުރުއާނާއި ރަސޫލާގެ ސުންނަތުންވެސް ވަނީ ބާރުއަޅުއްވާފަ އެވެ. މަކުނުދޫގެ މި ސަގާފަތައް ހާއްސަ ނަމެއް ނޯވެ އެވެ. އެމީހުން މިކަމަށް ކިޔަނީ "މަގުމައްޗަށް އެއްޗެހި ނެރުން" އެވެ. އަދި ވަރަށް އިހުގައި ބައެއްމީހުން "ދާނި ނެރުން" ވެސް ކިޔަ އެވެ. 

މި ސަގާފަތުގައި ކަނޑައެޅިގެން ބާރުއަޅަނީ ގޭގޭއަށް ސިއްރުންވަދެ އެގޭގެ ހިފާގެންގުޅޭތަކެތި މަގުމައްޗަށް ނެރެ އުކާލުމަށެވެ. އޭގެ ސަބަބުން މަގުމައްޗަށް ކުނި އެޅި، މަގުތައް ހަޑިކުރުމުގެ ނުބައި އާދަ އެންމެ ކުޑަކުއްޖާއަށްވެސް އެ ދަސްކޮށްދެވެނީ އެވެ. އިސްލާމުދީން ބާރުއަޅަނީ މަގުމަތީގައި މީހުންނަށް އުނދަގޫވާތަކެތި ނެގުމަށެވެ. އެޅުމަކަށް ނޫނެވެ. މަގުމަތީ އޮންނަ މީހަކަށް އުދަގޫވާ އެއްޗެއް އެއްކައިރި ކޮށްލުމަކީވެސް ސަވާބު ލިބޭ ސުންނަތެކެވެ. ނަމަވެސް މި ސަގާފަތުގެ ސަބަބުން މިއަދު މަކުނުދޫގެ ޖީލަށް މިއީ "ނޯމަލް" ކަމަކަށް ވަނީ ވެފަ އެވެ.

your imageމަގުމަތީ ހުރި ބައެއްތަކެތި މިހާރު ވަނީ ނަގާފަ، ބައެއްތަކެތި އަދިވެސް އެބަހުރި——ފޮޓޯ:ސީއެންއެމް/މަކުނުދޫ

އަހްލާގީ މިންގަނޑުން އަދި މުޖުތަމައުގެ އަމާންކަން ނަގާލެވިގެން ދާ ވާހަކަ މި ބުނަނީ، އިސްލާމުދީނުގައި އޮންނަ ރިވެތި ސަލާމް ގޮވުމުގެ އުސޫލާއި، ގޭގެއަށް ވަންނައިރު އިޒުނަ ހޯދުމުގެ އުސޫލުވެސް މި ސަގާފަތުގެ ސަބަބުން ނެތި ދާތީ އެވެ. އިޒުނައެއް ނެތި ގޭގެއަށް ވަނުމަކީ އިސްލާމް ދީނުގައި އެކަން ނުހަނު ބޮޑަށް މަނާ ކުރައްވާފައިވާ ކަމެއްވެސް މެއެެވެ. އެއްވެސް ޖެހިލުމެއް ނެތި، ސަލާން ގޮވުމެއްނެތި ބައެއްގެ ގެދޮރަށް ވެދެ ބައެއްގެ ހިފާ ގެންގުޅޭ ތަކެތި ނެނގުމަކީ ކުޅިވަރެއް ކަމަށް ދެކޭނަމަ މިއީ ކުރަމުންދާ ވިޔާނުދާ ނާތަހުޒީބީ އަމަލެކެވެ. މިއީ ސަގާފަތެއް ނޫނެވެ. ސަގާފަތެއް ނަމަ ދިރުވަން ނުޖެހޭ ވަރުގެ ސަގާފަތެކެވެ.

ސިއްރުން ގޭގެއަށް ވަނުން އަދި އިޒުނަ ނުހޯދާ ގޭގެ އަށް ވަނުން ޤުރުއާނާއި، ރަސޫލާ ސުންނަތުންވެސް ވަރުގަދައަށް މަނާކުރެ އެވެ. ރަސޫލާ ހަދީސް ކުރައްވާފަ ވެއެވެ. “އިޒުނައަށް އެދުން ވަނީ ތިންފަހަރު އެވެ. ފަހެ، (ވަނުން އޮތީ) ތިބާއަށް އިޒުނަ ދެވިއްޖެނަމަ އެވެ. އެހެންނޫނީ އެނބުރިދާށެވެ.”

އަދި النور ސޫރަތުގެ 27-29 އާޔަތުގަ މާތްﷲ ވަހީކުރައްވާފަ ވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންގެ އިޒުނަ ހޯދައި ސަލާމްކޮށްފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް އިޛުނަ ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ތާހިރުކަންބޮޑެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ، އަދި މީހުންނޫޅޭ (ފަޅު) ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.”

އިޒުނަނުހޯދާ ގެއަކަށްވަދެ ސިއްރުން ނަނގާ ކޮންމެ އެއްޗަކީ ވައްކަން ކުރުމެކޭ އެއްފަދަ ކަމެކެވެ. މި ސަގާފަތުގެ ތެރެއިން މުޖުތަމައުތެރޭ ބޮޑުވާ އެންމެ ކުޑަކުއްޖާއަށް އެ ދަސްކޮށްދެވެނީ ވައްކަން ކުރުމަކީ ވެސް، ސިއްރުން ގޭގެއަށް ވަނުމަކީވެސް އަދި މަގުމައްޗަށް ކުނި އެޅުމަކީވެސް "އޯކޭ" ކަމެއްގެ ގޮތުގަ އެވެ. ކުއްޖާގެ ގައިގާ ހަރުލާނީ ހާދަ ނުބައި އާދަތަކެކެވެ. އެ ދެވެނީ ހާދަ ނުބައި މެސެޖެކެވެ.

މާތް ﷲ ވަޙީ ބަސްފުޅެއްގައި ވެއެވެ. ((لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا بُيُوتًا غَيْرَ‌ مَسْكُونَةٍ )) النور: 29 މާނައީ: “މީހުންނޫޅޭ (ފަޅު) ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ.”

މި އާޔަތުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ، އިޒުނަ ހޯދުމަކާނުލައި ވަދެވޭނީ ހަމައެކަނި މީހުން ދިރިނޫޅޭ ގެތަކަށް ކަމެވެ. އެއީ އިޒުނައަކާނުލައި ވަނުމުގެ ސަބަބުން މީސްތަކުންގެ އައުރަތަކާއި، ސިއްރުތަކާއި، އެހެންމީހުންނަށް ފެންނަންނޭދޭ ތަންތަނާއި ކަންކަން ފެނިގެން ހިނގައިދާނެތީ އެވެ. އެހެންކަމުން، އިޒުނަ ނުހޯދާ މީސްމީހުންގެ ގޭގެއަށް ވަނުމަކީ އިސްލާމްދީނުގައި އަންގަވާދެއްވާފައިވާ އިޖުތިމާއީ އަދަބުތަކާ ހިލާފުކަމެކެވެ.

އިސްލާމްދީނުގައި މިފަދަ ރިވެތި އަދަބުތައް ކަނޑައަޅުއްވާފައިވަނީ މިފަދަ ފިތުނަ ފަސާދަތަކުން މީސްތަކުން ދުރުހެލިކުރުމަށްޓަކައެވެ. މީސްތަކުގެ މެދުގައި ސުލްހަމަސަލަސްކަން ޤާއިމުކުރުމަށްޓަކައެވެ.

ހައްޖުގެ މާތް އަޅުކަން ނިންމާލާ މުސްލިމުންނަށް އަންނަ އުފާވެރި އީދު ފަދަ މާތް ދުވަހެއްގެ ފެށުމަކަށް "ވަގަށް ގޭގެއަށް ވަދެ، ވަގަށް އެހެން މީހެއްގެ މުދަލެއް ނަނގާ، މަގުމައްޗަށް ކުނި އެޅުމުގެ ނުބައި ސަގާފަތް" މިއީ އިސްލާމީ މިންގަނޑުން ބަލާއިރުވެސް ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް އެއްވެސް މީހެއްގެ ސިކުނޑިއަށް ވިސްނެނީ ކިހިނެތްތޯ އެވެ؟

38%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް