ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.
އެބަޔާނުގައި ވަނީ އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާއިވެސް އެކުކަމަށްވާތީ، އެކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށް ވެސް ގޮވާލާފަ އެވެ.
ހަމައެއާއެކު މިޖަރީމާ ހިންގާފައިވަނީ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތް ކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން އެކަމުގެ ހަގީގަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓރު އަބްދުﷲ ޝާހިދާއި ރައީސް ސޯލިހް ޖަވާބުދާރީވުމަށް ވަނީ ގޮވާލާފަ އެވެ.
އެބަޔާނުގައި އިތުރަށް ވަނީ ޒިންމާ ނަންގަވާ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ވެސް ގޮވާލާފަ އެވެ.
އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވުމަށްފަހު، އިއްޔެ ގައުމުދޫކޮށް ފުރަން މަސައްކަތްކުރަނިކޮށް އެގައުމުގެ އެއާޕޯޓުން ހުއްޓުވި ލަންކާގެ ރައީސް ގޮޓަބަޔާ ފިއްލަވައިގެން ރާއްޖެ އައި މައްސަލާގައި ލަންކާގެ ރައްޔިތުން މުޒާހަރަމުންދަނިކޮށް، ގައުމާއި ވަގުތީ ގޮތުން ރަނިކް ހަވާލުވުމުން މުޒާހަރާތައް ވަނީ ހޫނުވެފަ އެވެ.
"ސީއެންއެންއެން" އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފަވާ ގޮތުން ރާއްޖޭގައި އެ ބޯޓު ޖެއްސުމުގެ ހުއްދަ ނުދީވަނިކޮށް، އެ ހުއްދަ ދިނުމަށް އަންގާފަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
މިކަމާއި ބެހޭގޮތުން މިހާތަނަށް ނަޝީދުގެ ރަސްމީ ބަހެއް ނުލިބެއެވެ.