ads
ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ އިއުލާންކުރެއްވުމުން މުޒާހަރާގެ ބައިވެރިން އުފާފާޅުކުރަނީ---ފޮޓޯ: ޗަމީލާ ކަރޫނާރަތުނޭ/އީޕީއޭ
ގޮޓަބަޔާގެ އިސްތިއުފާ އިއުލާންކޮށްފި، ލަންކާގައި ދެން އޮންނާނީ އެއްބައިވަންތަ ސަރުކާރެއް
ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވިކަން ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ރަސްމީކޮށް އިއުލާންކޮށްފި އެވެ. މިހާރު ކުރަމުންދަނީ އާ ރައީސްއަކު އައްޔަންކުރުމުގެ މަސައްކަތެވެ.

ގޮޓަބަޔާ އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ މިއަދު ހެނދުނު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ އެވެ. 

މިއަދު ޓީވީން ލައިވް ބްރޮޑްކާސްޓުކުރަމުންދިޔަ އަބޭވަރްދޭނާގެ ވާހަކަފުޅުގައި، ގޮޓަބަޔާގެ އިސްތިއުފާގެ ސިޓީ ކަށަވަރުކުރެވި އިސްތިއުފާ ބަލާގަނެފައިވާކަން ހާމަކޮށް، އަބޭވަރްދޭނާ އެދިވަޑައިގަތީ އާ ރައީސަކު ހޮވުމުގެ ކަންކަން ވީހާވެސް އަމާން އޮމާންކޮށް ކުރިއަށް ގެންދެވުމަށް، ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބާރުލުން ދެއްވުމަށާއި، ޑިމޮކްރަސީ ދަމަހައްޓައި ދިނުމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލްގެ ގެކޮޅު އަދާ އަޅިއަށް ހެދުމުން، ގޮޓަބަޔާ ވަނީ މިމަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް އެދުވަހު ވިދާޅުވެފަ އެވެ. ރައީސް ގޮޓަބަޔާ އިސްތިއުފާ ދޭން ވައުދުވެފައޮތީ މިދިޔަ އަންގާރަ ދުވަހު އެވެ. 

އެކަމަށްޓަކައި ގިނަ ލަންކާ ރައްޔިތުން އިންތިޒާރުގައި ތިއްބާ، އިސްތިއުފާ ނުދެއްވާ އަންގާރަ ދުވަހު، ދެ ބޮޑީގާޑުންވެސް ހިމެނޭހެން އަސްކަރީ ޖެޓެއްގަ ސިއްރިޔާތުގައި ރާއްޖެ އަ އެވެ.

އެކަމާއި ގުޅިގެން ލަންކާގެ ރައްޔިތުން ނިކުމެ ވަގުތުުން ވަގުތަށް ގޮޓަބަޔާ އާއި ރަނިލް އިސްތިއުފާ ދިނުމަށް ގޮވާލަމުން ދަނިކޮށް ލަންކާގެ ވަގުތީ ރައީސްކަން ބޮޑުވަޒީރު ރަނިލް އާއި އެދުވަހު ހަވާލުކުރެއްވި އެވެ. އަދި އެދުވަސް ނިމުމުގެ ކުރިން އިސްތިއުފާގެ ސިޓީ ފޮނުވާނެ ކަމަށް ވައުދުވި އެވެ. ނަމަވެސް އިއްޔެ ރާއްޖެއިން ފުރާވަޑަގަތުމާއި ހަމަޔަށްވެސް ގޮޓަބަޔާގެ އިސްތިއުފާ ސިޓީ އެ ގައުމަށް ނުލިބެ އެވެ.

އޭނާ ސިންގަޕޫރަށް އިއްޔެ ފުރީ ސައުދީގެ އެސްވީ 788 ގެ ފްލައިޓުން ނެވެ. އޭރު އަޑުފެތުރިފައިވަނީ ސިންގަޕޫރަށް ވަޑައިގަތީ ހިމާޔަތް ހޯދުމަށް ކަމަށެވެ. ނަމަވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީ އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގޮޓަބަޔާ ސިންގަޕޫރަށް ވަނުމުގެ ހުއްދަ ދީފައިވަނީ އަމިއްލަ ދަތުރުފުޅެއްގަ ކަމަށާއި، ހިމަޔާތައް އެދިފަވެސް ނުވާ ކަމަށެވެ. އަދި އެފަދަ ހިމާޔަތެއް ދެއްވާފަ ވެސް ނުވާނެ ކަމަށެވެ.

މިވަގުތު ސިންގަޕޫރުގައި ހުންނެވި، ގޮޓަބަޔާގެ އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހަށް އެންމެ ފުރަތަމަ ފޮނުވާފަ ވަނީ، ސިންގަޕޫރުގައި ހުންނަވާ ރޭގެ ވަގުތެއްގައި އީމެއިލް މެދުވެރި ކޮށެވެ. އޭގެ ފަހުން ޑިޕްލޮމެޓިކް ފްލައިޓަކުން އެ ސިޓީގެ އަސްލު ފޮނުވި ނަމަވެސް، އިސްތިއުފާ ރަސްމީކޮށް އިއުލާންކުރުން މިއަދަށް ލަސްވެގެން ދިޔައީ، އުސޫލުތަކުގެ މަތިން މަޖިލީހުގެ ރައީސް އޮފީހުން އެ ސިޓީގެ ސައްހަކަން ޔަގީން ކުރަމަށް ވަގުތު ބޭނުންވާތީ އެވެ. 

"ލަންކާގައި އެކުލަވާލާނީ ހުރިހާ ޕާޓީތަށް ގުޅޭ އެއްބައިވަންތަ ސަރުކާރެއް"

ގޮޓަބަޔާގެ އިސްތިއުފާއަށްފަހު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަގުތީ ރައީސްކަމުގެ ހުވާ މިއަދު ކުރައްވާނެ އެވެ. އަންނަ ހަފްތާގައި މަޖިލީހުގެ މެމްބަރުން އާ ރައީސްއަކު ހޮވުމަށް ވޯޓެއް ބާއްވަންދެން އެ މަގާމު ރަނިލް ފުރުއްވާނެ އެވެ. 

ވަގުތީ ރައީސްއަކަށް ރަނިލް ހުންނެވި ނަމަވެސް ލަންކާގެ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނުވެއެވެ. އެ ރައްޔިތުން ބޭނުންވަނީ އޭނާވެސް އިސްތިއުފާ ދެއްވުމަށްފަހު ވަޑައިގަތުމަށެވެ. މަޖިލީހުގެ ރައީސް އަބޭވަރްދޭނާ ވިދާޅުވިގޮތުން އާ ރައީސަކު ވޯޓުން ހޮވާ، ކަށަވަރު ކުރުމަށް ހަތް ދުވަސް ނަގާނެ އެވެ. 

މާދަމާ މަޖިލީހުން އާ ރައީސްއަކު ހޮވުމަށް މަސައްކަތްފަށާއިރު، އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މަޖިލީހުގައި މާދަމާ ކުރިއަށް ދާނީ، ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތަކުން އެކުލެވޭ ހުރިހާ ޕާޓީއެއްގެ "އެއްބައިވަންތަ" އާ ސަރުކާރެއް ގާއިމް ކުރުމުގެ މަސައްކަތެވެ. 

އިދިކޮޅު ޕާޓީތަކުން ބުނީ މިއަދު ވަގުތީ ރައީސްއަކަށް ހުންނެވި ރަނިލް އާ ބައްދަލުކޮށް، ރައީސް ކަމަށް އެޕާޓީން ގެންނަން ބޭނުންވާ މީހާގެ ނަމެއް ހުށަހަޅާނެ ކަމަށެވެ. އެއީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރު ސާޖިތު ޕްރެމަދާސާ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް