ބޯނީ މިގޮތަށް ބުނެފައި ވަނީ އިންޑިއާގެ ނޫހަކަށް އޭނާގެ ދަރިންނާއި ގުޅިގެން ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ. އެގޮތުން ދަރިފުޅު އަރްޖުން ބޮލީވުޑަށް ތައާރަފު ނުކޮށްދިނީ ކީއްވެތޯ ބޯނީއާ ސުވާލުކުރުމުން އޭނާ ވަނީ އަރްޖުން އަބަދުވެސް ވާން ބޭނުންވީ ޑައިރެކްޓަރަކަށް ކަމަށައި އެހެންކަމުން އޭނާ ބޮލީވުޑަށް ނެރެދޭން ނުވެސް ވިސްނާ ކަމަށެވެ.
ނަމަވެސް އެއް ދުވަހަކު، ސަލްމާން އޭނާއަށް ގުޅާފައި އަރްޖުންގެ ކިބައިގައި އެކްޓަރަކަށް ވުމުގެ ހުރިހާ ސިފަތަކެއް ވެސް އެބަ ހުރި ކަމަށާއި އެހެންކަމުން އެކްޓްކުރަން މަސައްކަތް ކުރަން އަރްޖުން ޖެހޭ ކަމަށް ބުނި ކަމަށެވެ. އެގޮތުން އޭނާ ބޮލީވުޑަށް ސަލްމާން ނެރެދިން ކަމަށްޓަކައި ވަރަށް ބޮޑަށް ސަލްމާންއަށް ޝުކުރު އަދާކުރާކަން ފާހަގަކޮށް ބޯނީ ވަނީ އެމީހުންގެ ގުޅުން މިހާރު އެހާ ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.
އެހާ ގާތްކޮށް ކުރިން އުޅެފައި އެމީހުންގެ ގުޅުން ހީނަރުވީ ސަލްމާނުގެ ކުރީގެ ފަހަރި މަލައިކާ އަރޯރާ، ބޮނީ ކަޕޫރުގެ ހަމައެެކަނި ފިރިހެން ދަރިފުޅު، އަރްޖުން ކަޕޫރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަވާރަސަތޭކަ ނުވަދިހައަށް ވަނަ އަހަރު އަރްބާޒް އާއި މަލައިކާ ކައިވެނިކުރިއިރު އެމީހުންގެ ކައިވެނި ރޫޅާލީ 2017 ވަނަ އަހަރެވެ. އަދި އެއީ އަރްޖުން ކަޕޫރުގެ ސަބަބުން ކަމަށް ވެސް އަޑުތައް އަރާފައިވާއިރު އަރްޖުން މަލައިކާ އާއި ގުޅުމުގެ ކުރިން އަރްޖުން އުޅުނީ އަރްބާޒުގެ ކޮއްކޮ އަރްޕިތާ ހާންއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.
މަލައިކާ އާއި އަރްބާޒުގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ލިބިފައިވާއިރު މިހާތަނަށް އަރުޖުން ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އަރްޖުން އާއި މަލައިކާ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.