ads
ފޮޓޯ: ސޯޝަލް މީޑިއާ
ކުޅިވަރު "ސިޔާސީ" ވެ ބަލިކަށިވުން
އޮލިމްޕިކް ކުޅިވަރުތައް ރާއްޖެއަށް ތައާރަފްކުރީ ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައެވެ. ސަރުކާރުން ކުޅިވަރު ތައާރަފްކުރީ މަދަނީ މުޖްތަމައެއް މެދުވެރިކޮށް އަޅުގަނޑުމެންގެ އާއްމު ދިރިއުޅުން މުއްސަދިކޮށްދޭނެ އިޖްތިމާއީ ހަރަކާތެއް ގޮތުގައެވެ. ނަތީޖާއަކީ، މި ހިނގާދިޔަ ހަތްދިހަވަރަކަށް އަހަރުތެރޭ ދިވެހިން ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނަށްވެސް ނިކުތުމެވެ.

މިހިނގާދިޔަ އަހަރުތަކުގެތެރޭ ދިވެހި ކުޅިވަރުގެ ޝަގާފަތް ބައްޓަންވެފައި މިވަނީ، ވެރިކަމުގެ ތަފާތު ވައްތަރުތަކާއި، ނިޒާމްތަކުގެތެރެއިންނެވެ. މިގޮތުން 2003 ވަނަ އަހަރު ކްލަބް ޖަމިއްޔާތަކާ ބެހޭ ގާނޫނެއްވެސް ވަނީ ފާސްކޮށްފައެވެ. މިފަހަކުން، 2008 ވަނަ އަހަރު، އެއްޕާޓީ އަށްވުރެ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ވެރިކަން ބަދަލުވުމާއި ގުޅިގެން، ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމުގެ މަސައްކަތަށް ވެސް މިވަނީ ބޮޑެތި އަސަރުތަކެއް ކުރަން ފަށާފައެވެ. 2015 ވަނައަހަރު، ފުރަތަމަ ފަހަރަށް ކުޅިވަރު ގާނޫނެއްވެސް ފާސްކޮށްފައިވެއެވެ.

މިފަދަ ބަދަލުތަކުގެ ކުރިމަތީގައި ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގެންގުޅޭ ސިޔާސަތުތަކާއި، ފިކުރުތަކުގެ މައްޗަށް ނަޒަރު ހިންގާލުމަކީ ބޭނުންތެރިކަމެކެވެ. ކުޅިވަރުގެ ދާއިރާ އަކީ މާބޮޑަށްވެސް އިތުރަށް ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމުގެ ޖާގަ އޮތް ދާއިރާއަކަށް ވާތީއެވެ.

ކުރިއަށާއި ފަހަތަށް ބަލާލުން 

2005 ގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާގުޅިގެން، ކުޅިވަރުގެ ދާއިރާއަށްވެސް މިކަމުގެ ސީދާއަސަރުތައް ކުރަން ފަށިއެވެ. މިއަދު، ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތައް ތަޖްރިބާކުރަމުން މިގެންދަނީ، އެއްޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން އެއްޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ސިޔާސީ ނިޒާމަކަށް ބަދަލުވެގެންދާ އިންތިގާލީ މަރުހަލާގެ އަސަރުތަކެވެ. ވެރިކަމުގެ ނިޒާމަށް އައި މިފަދަ އަސާސީ ބަދަލުތަކާއިއެކު ކުޅިވަރުގެ ދާއިރާއިންވެސް މިވަނީ މުޅިން އައު އުސޫލްތަކެއް ތަޖްތިބާކުރަންޖެހިފައެވެ. 2008 ވަނަ އަހަރުންފެށިގެން، އައު، ޑިމޮކްރެޓިކް ގާނޫނުއަސާސީ އެއްގެ ދަށުން ވެރިކަން ބައްޓަން ކުރެވެމުންދާ ތިންވަނަ ދައުރަށް އަޅައިލިއިރު، ކުޅިވަރުގެ ޝަގާފަތަށް އައި އެންމެ ބޮޑު ބަދަލަކީ ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތައް އިންތިހާބުކުރަން ޖެހުމެވެ. ޖަމިއްޔާތަކުގެ ގާނޫނީ ސައްހަކަން ގާއިމްކުރުމެވެ. މަދަނީ މުޖްތަމައެއް ބިނާކުރުމެވެ.

your imageއައްޑޫ ފުޓުބޯޅަ ޓީމު

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މިފަދަބޮޑު އިންގިލާބީ ބަދަލުތައް އައިއިރު، ކުޅިވަރުގެ މެނެޖްމަންޓް ގެ ކަންކަން ވާރުތަވެފައި އޮތީ، ސަރުކާރުގެ އިދާރީ ހިންގުމުގެ އޮނިގަނޑު ތެރެއިން ކުރާ ކަމެއްގެ ގޮތުގައެވެ. މިސާލަކަށް، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިން ބައިނަލްއަގުވާމީ ކުޅިވަރުގެ ނިޒާމްގެތެރެއަށް ވަދެވެން އައީ ނެޝަނަލް އޮލިމްޕިކް ކޮމިޓީ އަކާއި، އެ ކޮމިޓީއާއި ގުޅިފައިވާ ވަކިވަކި ގައުމީ ކުޅިވަރު ޖަމިއްޔާތަކެއް މެދުވެރި ކޮށެވެ. ވީމާ މިކަމަށް ބޭނުންވާ "ނެޝަނަލް އެސޯސިއޭޝަން" ތައް، ސަރުކާރުން އުފެއްދީއެވެ. އެއީ 1980 ގެ އަހަރުތަކުގައެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް އުފެއްދީ ސަރުކާރުން އިސްނަގައިގެން ކަމަށް ވީތީވެ، އެއިރު، އެފަދަ އެސޯސިއޭޝަންތައް ހިންގަން ހަވާލުކުރީވެސް ސަރުކާރަށް ފެންނަ ބަޔަކާއެވެ. ވީމާ ކުޅިވަރު އެސޯސިއޭޝަންތަކަކީ އިންތިހާބުގެ ޝަގާފަތަކުން އުފެދުނު މުއައްސަސާތަކެއް ނޫނެވެ. ކުޅިވަރު އެސޯސިއޭޝަންތަކަކީ އިންތިހާބަށް ބީރައްޓެހި އެސޯސިއޭޝަންތަކެކެވެ.

your imageއޮލިމްޕިކްސް އަށް ދިޔަ ރާއްޖޭގެ ޓީމެއް

މިއަދަށް ބަލާލުން

ކުޅިވަރަކީ ދުނިޔޭގައި ފުޅާކޮށް، ބާރަށް ފެތުރެމުންދާ ސަޕޯޓަރުންގެ ބައިވެރިވުން ބޮޑު ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، އިޖްތިމާއީ ހަރަކާތެކެވެ. އަދި ކުޅިވަރުގެ އެންމެ މަތީ ފަންތި މިއަދު އޮތީ ވިޔަފާރިއުސޫލުން ހިނގާ ސިނާއަތަކަށް ބަދަލުވެފައެވެ. މިނަޒަރުން ރާއްޖޭގެ ހާލަތަށް ބަލާލާއިރު، ރާއްޖޭގައި ކުޅިވަރު އޮތީ އަދިވެސް ޅަފަތުގައެވެ. ނޫސްތަކާ، ޓީވީ ޗެނަލްތަކުން ވަރަށް ފޯރީގައި ކުޅިވަރު ހަބަރުތައް ގެނެސްދިން ނަމަވެސް، ކުޅިވަރުގެ ބިންގާ ވަރަށްވެސް ހަނިވެފައި، ބައްޔެވެ. ފެންވަރުވެސް ދަށެވެ. މިހެން މިދެންނެވީ ހުނަރުގެ ގޮތުންނާއި، ޓެކްނިކަލް ގޮތުން ކުރިނާރާ ވާހަކައެވެ. އިންތިޒާމްގެ ގޮތުން އެކަށީގެންވާ ފުޅާކޮށް، ގައުމީ ފެންވަރުގައި ލާމަރުކަޒުކޮށް، ވަކި އިންތިޒާމެއްގެ ދަށުން ފަތުރާލެވިފައި ނުވާ ވާހަކައެވެ. ކުޅިވަރު އަދިވެސް އޮތީ ކެޕިޓަލް ސިޓީ އަށް ހަނިވެފައެވެ.

your imageމާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު

މިއަދު ކުޅިވަރު ކުރިއެރުމަށް އެންމެ ބޮޑު ހުރަހަކަށްވަނީ މިދާއިރާއިން މީހުން ބިނާކުރެވިފައި ނެތުމެވެ. ސްކޫލްފެންވަރުގައި ފިޒިކަލް އެޑިޔުކޭޝަން ފުޅާކޮށް، ކުޅިވަރު މުބާރާތްތައް ގައުމީ ނިޒާމެއްގެ ތެރެއަށް މަހާލެވިފައެއް ނުވެއެވެ. ގައުމީ ނިޒާމެއް ނެތެވެ. މިހެން ވެފައި މިވަނީ އެސޯސިއޭޝަންތަކަކީ ސަރުކާރުގެ "ޕެޓްރަނޭޖް" ގެތެރޭއިން އުފެދިފައި ވާ މުއައްސަސާތަކަކަށް ވުމުންނެވެ. ނިޒާމް ބަދަލުވިނަމަވެސް، ކުޅިވަރު އެސޯސިއޭޝަންތައް އޮތީ ސަރުކާރުގެ މުށުތެރޭގައި ކަމަކަށް ވާތީވެ، އަތުގައި އޮތް އެއްޗެއް ދޫކޮށްލަން ބޭނުން ނުވާތީއެވެ. ވީމާ ކުޅިވަރުގެ ހަރަކާތްތައް މިއޮތީ ފުޅާވިޔަނުދީ ހިފެހެއްޓިފައެވެ. އެހެން ގައުމުތަކުގައި ކުޅިވަރު ކުރިއަރާފައިވަނީ، ރައްޔިތުންގެ މަދަނީ ހައްގެއްގެ ގޮތުގައި އެކަން ކުރިއަރުވަން އެހީތެރިވެ، ދޫކޮށްގެނެވެ. 

މިއަދު އަޅުގަނޑުމެނަށް ފެންނަ މަންޒަރަކީ، ކުރީގެ ވެރިކަމުގެ ނިޒާމްގެތެރޭ ހިފެހެއްޓިފައި އޮތް ކުޅިވަރު އެސޯސިއޭޝަންތަކުގެ ކޮންޓްރޯލް އައު ސަރުކާރުތަކަށް ދޫކޮށްނުލެވިގެން އުޅޭ ތަނެވެ. އަހަރަކު 50 މިލިއަނުން، 400 މިލިއަނަށް ބަޖެޓް ބޮޑުކުރި ނަމަވެސް، ނެޝަނަލް ސްޕޯޓްސް އެސޯސިއޭޝަންތަކުގެ އިންތިހާބުތަކާއި ކޮންގްރެސްތައް އޮންނަނީ ސިއްރުކޮށްފައެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެބްސައިޓް ތައް އުފެދުން އޮތީ މަޑުޖެހިފައެވެ. އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުތައް ޒަމާނީ ފެންވަރަށް އެކުލަވާލެވިފައެއް ނުވެއެވެ. ވީމާ މިގަވާއިދުތައް ވަނީ ސިއްރުކޮށްފައެވެ. ކުޅިވަރުގެ ނިޒާމް މިއަދު މަންޒަރުކުރެވެނީ ގޮނޑިކޮއްކޮ އިންތިހާބުތަކަކުން އެކުލަލައިފައިވާ އެސޯސިއޭޝަންތަކެއްގެ ލަފުގައި ހިފައިގެން، ގަންނާނެއްބާ ގޮވަމުން ވަޒީރަކު ދުވާތަނެވެ. ސަރުކާރު ހިއްސާވާ ކޮންފުންޏެއް ނޫނީ ގަންނާނެ ބަޔަކު ނުވެއެވެ.

ސަރުކާރުގެ "ކޮންޓްރޯލް" ދޫކޮށްލުން

ކުޅިވަރު އެސޯސިއޭޝަންތައް ދަރާ، ކަރަޕްޓްވެ، ހުއްޓިފައި އޮންނަ އެންމެ ބޮޑު އެއްސަބަބަކީ، އެޖަމިއްޔާތައް، ދެފުއް ފެންނަ އިންތިހާބުތަކުން ބާރުވެރިކަން ހޯދަން ދޫކޮށްލަން ސަރުކާރުން ފަސްޖެހޭތީއެވެ. މަދަނީ ހަރަކާތެއްގޮތުގައި، ރައްޔިތުންގެ ބައިވެރިވުން ފުޅާކޮށް، ކުރިއަރަން ދޫކޮށްލަން ސަރުކާރުން ފަސްޖެހޭތީއެވެ. ސުވާލަކީ، ސަރުކާރުން އެސޯސިއޭޝަންތައް ކޮންޓްރޯލްކުރަން ބޭނުންވަނީ ކީއްވެތޯއެވެ؟ ކުރު ޖަވާބަކީ، ސަރުކާރުން އަދިވެސް ދެކެނީ، ކުޅިވަރަކީ، ސިޔާސީ ބޭނުންތަކަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަމަށެވެ. ވީމާ ސިޔާސީ ހަތިޔާރެއް ގޮތުގައި ކުޅިވަރު ބޭނުންކުރަން ޖެހެނީއެވެ. އަނެއް ސަބަބަކީ، މިގޮތަށް އޮތުމުން، ސިއްރިއްޔާތުގައި، ކުޅިވަރު ބަޖެޓް، ސިޔާސީ މަގްސަދުތަކަށް ހަރަދު ކުރަން ލިބޭކަމެވެ.

އެހެންނަމަވެސް ޑިމޮކްރެޓިކް މޮޑެލްއެއްގައި، ކުޅިވަރަށް އެންމެ ފަހި ގޮތަކީ، ކުޅިވަރު ކުރިއެރުވުމަށްޓަކާ، ރައްޔިތުންގެ ހިއްސާ ބޮޑުކުރުމެވެ. ގިނަ ރައްޔިތުންގެ ބައިވެރިވުން ހޯދާ، ސަރުކާރުގެ އިތުރުން، ވިޔަފާރި އުސޫލުން ސްޕޮންސަރުންނަށް އެސޯސިއޭޝަންތަކުގެ މިނިވަންކަމާއި، ގާނޫނީ ސައްހަކަން ޔަގީންކޮށްދިނުމެވެ. މިއަދު، ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަކީ ސަރުކާރުގެ ބޮޑު ހިއްސާއަކުން ނަގާ ކޮޅަށް ޖަހާދީ، އިތުރު ކެޕިޓަލް ހޯދުމަށް ސްޕޮންސަރުންގެ ޝައުގުވެރިކަން ލިބޭ މިންވަރަށް މިނިވަންކަމާއިއެކު ހިންގަން ދޫކޮށްލަންޖެހޭ މުއައްސަސާ ތަކަކަށް ވާންޖެހެއެވެ. 

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް