
އެޗްޑީސީއިން ހުޅުމާލޭގެ މަގުތައް މަތީ ހަރުކުރާ، ޕެޑެސްޓްރިއަން ކްރޮސިން ލައިޓް ތަކަކީ، އިރުގެ އަލިން ދިއްލޭ ލައިޓް ތަކެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. އަދި މި ލައިޓްތައް ހަރުކުރަނީ، މަގުމަތީގައި ހިނގާ ފަރާތްތަކާއި ދުއްވާ ފަރާތްތަކުގެ ސަލާމަތަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
މިއަދު ހުޅުމާލޭގައި ޓްރެފިކް ލައިޓްތައް ހަރުކުރަން ފަށާފައި ވާއިރު، އެޗްޑީސީއިން އެންމެ ފުރަތަމަ ލައިޓް ހަރުކޮށްފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލް ހުންނަ މަގުގަ އެވެ.
މިކަމާއި ގުޅިގެން އެޗްޑީސީގެ އޮފިޝަލަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލެ އަކީ ހުރިހާ ފަރާތްތަކަށްވެސް އަމާން، ރައްކާތެރި ތަނަކަށް ހެދުމަކީ، އެ ކޯޕަރޭޝަނުން އެންމެ އިސްނަގައިގެން ކުރަމުން ގެންދާ އެއް މަސައްކަތް ކަމަށާއި، އެގޮތުގެ މަތިން ހުޅުމާލޭގެ ބާރުބޮޑު މަގުތަކުގައި ޓްރެފިކް ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ.
އަދި ހުޅުމާލެ އަކީ ގިނަ ބަޔަކު މިހާރު އާބާދުވަމުން އަންނަ ތަނަކަށް ވުމުން، ހުޅުމާލޭގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު މަސައްކަތް ކުރުމަށް ނިންމާފައި ވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.