
ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން ނިންމަން ޖެހޭ ކަމަށް އެމަނިކުފާނަށް ފެންނަ ބައެއް ކަންކަން ހުށައަޅުއްވާފައެވެ. އޭގެތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން އިންތިހާބު ނިންމުމާއި ރިޔާސީ އިންތިހާބާއި މަޖލީހުގެ އިންތިހާބު އެއްކޮށްލުމާއި އިންތިހާބުން ހޮވާ ފަރާތްތަކުގެ މައްޗަށް ރައްޔިތުންނަށް އިތުބާރު ނެތްނަމަ އެމީހަކު މަގާމުން ވަކިކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
ރައީސްގެ މިވާހަކަތަކާއި ގުޅިގެން ސަރުކާރުގެ ފަރާތުން މި ވަނީ ގާނުނެއް ހަދަން މަޖިލިހަށް ހުށައަޅާފައެވެ. 'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހަދަން ހުށައެޅި ބިލުގައި މިފަދަ އާންމު ވޯޓުތައް މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ނެގިދާނެކަމަށް ހިމަނާފައެވެ. އަދި މި ބިލުގައިވާ ގޮތުން މަޖިލީހުން ބޭނުންވެގެން ނުވަތަ ލާޒިމްވާ ހާލަތްތަކުގައި ނަގާ ވޯޓުތައް ނަގާނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސް ކުރާ ގަރާރަކުންނެވެ. އަދި ރައީސް ބޭނުންވެވަޑައިގަންނަވާ ވޯޓެއް ނެގުމަށްޓަކައި އެ މަނިކުފާނުގެ ހާއްސަ ގަރާރަކުން އެކަން ނިންމިދާނެކަމަށްވެސް މި ބިލުގައިވެއެވެ.
އާއްމު ވޯޓެއް ނެގިދާނެކަމަށް ބިލުގައި ހިމަނާފައިވާ ކަންކަން
ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތައް - މިއީ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެއް
ގައުމީ މުހިންމު މައްސަލަތައް - މިއީ ރައީސް ބޭނުންވެވަޑައިގަންނަވާ ހިނދެއްގައި ގައުމީ މުހިންމު މައްސަލައެއް ނިންމުމަށްޓަކައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެއް
ގާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާޔަންކޮށްފައިވާ އެންމެހާ ހާލަތްތައް - އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އުމުރު، ރައީސް އިންތިހާބު ކުރާ ގޮތް، ރައީސް ބިލް ތަސްދީގުކުރާ ގޮތް، ދިވެގި ރާއްޖޭގެ ސަރަހައްދާއި ގުޅޭ މާއްދާއަކަށް އިސްލާހު ގެނައުން ހިމެނޭ
މަޖިލީހުން ފާސް ކުރާ ގާނޫނު އަސާސީގެ އިސްލާހެއް ތަސްދީގުނުކުރާ ހާލަތުގައި އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުން
މި ބިލު ހުށައެޅި ސަބަބެއްކަމަށް ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރު އަދި ޒިންމާތައް ގާނޫނުގައި ކަނޑައެޅުންކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި އަމަލު ކުރާނެ އުސޫލުތަކާއި އެ ނޫންވެސް ވޯޓު ނެގުމާ ގުޅޭ އެންމެހާ ކަންކަން ބަޔާން ކުރުންވެސް މި ބިލް ހުށައެޅި މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލިގައިވާ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހާޅާ ތާރީހާއި އެ އިންތިހާބަކާ ދެމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހެއެވެ. އަދި ގިނަވަގެން 90 ދުވަސް ނުވަތަ ތިން މަސްދުވަހުގެ މުއްދަތެއް އޮންނަންވާނެއެވެ.
އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް
މި ބިލުގައިވާ ގޮތުން އިންތިހާބުގެ އެންމެހާ ކަންކަން މަތިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާއެވެ އެހެންކަމުން މިގޮތުން ބާއްވާ އިންތިހާބުތަކުގެ ވޯޓު ނަގާ ތާރީހު އިއުލާން ކުރުމުގެ ބާރު ދީފައިވަނީ އެ ކޮމިޝަނަށެވެ.
މީގެތެރޭގައި ރައީސްގެ ނުވަތަ މަޖިލީހުގެ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާތާ ފަސް ދުވަސް ތެރޭ ހިޔާލު ހޯދުމަށް އެދި ހުށަހަޅާފައިވާ ސުވާލުގެ ފުރިހަމަ އިބާރާތް ކޮމިޝަނުން އާންމު ކުރަން ޖެހެއެވެ. އަދި އެ ސުވާލު އާންމު ކުރާތާ ހަތް ދުވަސް ތެރޭ އިންތިހާބުގެ ތާރީހު އިއުލާން ކުރަން ޖެހޭނެކަމަށްވެސް މި ބިލުގައިވައެވެ. މީގެއިތުރުން އެއްވެސް ސަބަބާ ހުރެ ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތުގައި ވޯޓު ނުނެގޭނެ ކަމަށް ކޮމިޝަނަށް ލަފާ ކުރެވޭ ނަމަ، އެކަން ރައީސް ނުވަތަ މަޖިލީހަށް ލިޔުމުން އަންގަން ޖެހޭނެކަމަށާއި އެގޮތަށް ލިޔުމުން އަންގާއިރު، ދެން ވޯޓުލުން އޮންނާނެ ކަމަށް ލަފާ ކުރެވޭ ތާރީހު ވެސް ބަޔާން ކުރަން ޖެހޭނެކަމަށްވެސް މި ބިލުގައިވެއެވެ.