
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާ ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެކެވެ. އޭގެ ފަހުން ރައީސް ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އައިޕީއެލް ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް އިންޑިއާ އަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެހެން ކަމުން މިއަދު އިންޑިޔާއަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ދަތުރުފުޅު މިއީ ރަސްމީ ހައިސިއްޔަތެއްގައި ރައީސް އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރު ފުޅެވެ. ޖުމްލަ ތިންވަނަ ދަތުރުފުޅެވެ.
ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަންވާއިރު، މި ދަތުރުފުޅުގެ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި މީޑިއާ ތަކުގެ ފަލަ ސުރުހީގައި ފަލަ އަކުރުން ލިޔެވިފައިވަނީ، އެންމެ ވާހަކައެކެވެ. އެއީ، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ގްރޭޓާ މާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ދެމެދު އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިންޑިއާގައި ބޭއްވުމަށް ހަމެޖެހިފައި ވާހަކަ އެވެ. ރައީސް ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި އަންނަނީ ރިޕޯޓް ކުރެވެމުންނެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަ ކޮށްފަ އެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެގައުމުގެ އިސްވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައިސް އޮފީހުން ހުސްވި މަހުގެ 28 ވަނަ ދުވަހު ވަނީ ބުނެފަ އެވެ.
މި ދަތުރުފުޅަކީ، ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމުން، ރައީސް ސޯލިހު އިންޑިއާގެ އައު ރައީސް ދްރޫފަދީ މުރްމޫ އާއި ބައްދަލުކުރައްވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެއްވެސް ގައުމަކުން މިކަން ކަށަވަރު ކޮށްދީފައި ނުވެ އެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ މަންދޫބުން ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުނުމުން، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުން ފައިދާތަކެއް ވެދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ފަހަރުގައި މި ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓު ކުރުމަށް ފުރުސަތު ދިނުމަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން އާބަސް ވެސް ބުނެދާނެ އެވެ. ނޫން ނަމަ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް، އިންޑިއާގެ ބޭންކު ތަކުން ނުވަތަ އިންޑިޔާގެ ވިޔަފާރިތަކުން އެހީތެރިކަންވެސް ފޯރުކޮށްދީފާނެ އެވެ.
ކޮންމެއަކަސް މިއަދު ބައެއް ފަރާތްތަކުން އިންޑިއާ އާއި ދެކޮޅަށް ގައުމުގައި އަޑު އުފުލަމުން ދިޔަނަމަވެސް ގަބޫލުކުރަންޖެހޭ އެއް ވާހަކައަކީ، އިންޑިއާ އާއި ރާއްޖެއާއި ދެމެދުއޮތް ގުޅުން ކެނޑިގެން ނުދާނެ ކަމެވެ. އެހެން ނޫންނަމަ ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ 260 މިލިއަން ރުފިޔާ އެހީއާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 45 މަޝްރޫއުއް ކުރިއަކަށް ނުގެންދާނެ އެވެ. އެހެން ނޫންނަމަ މީގެ ތެރެއިން 17 މަޝްރޫއެއް ނިމިފައިވެސް ނޯންނާނެ އެވެ.
މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ކުރާނެ އެވެ. ސަބަބަކީ، ކުރިންވެސް ފާހަގަކުރިހެން އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން އެކޮ ގޮތްގޮތުން ފޯރުކޮށްދެމުން އަންނަ ގައުމަކަށް ވުމުންނެވެ. އިންޑިއާ އިން އަބަދުވެސް ދެކެމުން އަންނަނީ ރާއްޖެއަކީ އެކުވެރި ގައުމެއްގެ ގޮތުގައެވެ. ރާއްޖެއިންވެސް ހަމަ ދެކެނީ އެހެނެވެ. އެހެނީ އިންޑިއާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޗޮއިސް އެވެ. އިންޑިއާ ފަސްޓެވެ.