ads
އެމްޖޭއޭގެ ފަރާތުން މިއަދު ރައީސް އާއި އެކު ބޭއްވި ބައްދަލުވުން
ހެއްކާއި ބެހޭ ގާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކޮށްދެއްވާނަން: ރައީސް
ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ "ހެއްކާއި ބެހޭ ގާނޫނު" އިސްލާހު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ، ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައި ވުމާއިއެކު، އެކަމާއި މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން މިއަދު ރައީސް ސޯލިހު އާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިބައްދަލު ކުރެއްވުމުގައި، އެމްޖޭއޭގެ ފަރާތުން ވަނީ، ހެއްކާބެހޭ ގާނޫނުގައި ހުރި، ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސް އާއި ހިއްސާ ކޮށްފަ އެވެ. އެގޮތުން، ގާނޫނުގައި މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން، ގައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާއި މެދު ހުރި ކަންބޮޑުވުންތައް އެމްޖޭއޭގެ ފަރާތުން ވަނީ ހިއްސާ ކޮށްފަ އެވެ. 

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި ސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް ހުރިހާ ފަރާތްތަކަކަށްވެސް ރައްކާތެރިކަން ހޯދައިދެއްވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ހެއްކާއި ބެހޭ ގާނޫނު އިސްލާހު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. 

"ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ގައުމީ ސަލާމަތާއި ގުޅުންހުރިކުށްތައް، ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނަން. މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާއި ގުޅޭ ގޮތުންވެސް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނަން،" ރައީސް ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ، ހެއްކާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށް އަދި ހަ މަސް ދުވަސް އެބައޮތް ކަމަށެވެ. އަދި ގާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްގުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ގޮތްތައްވެސް ރިފްއަތު ވަނީ ސާފުކޮށް ދެއްވާފަ އެވެ. 

އަދި ހެއްކާއި ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ދިމިކްރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ. އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައިވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް