ads
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
ކައުންސިލް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކޯލިޝަން ނިމުމަކަށް ގެންނާނަން!
ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ރަނގަޅު ކާމިޔާބީ އެއް ލިބޭނެ ކަމަށެވެ. އަދި ކާމިޔާބީއާއި އެކު ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުގެ އުންމީދަކީ ކޯލިޝަންގެ ސަރުކާރު ނިމުމަކަށް އަންނާނެ ކަމަށް މި އިންތިހާބާއި އެކީގަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޯލިޝަން ސަރުކާރު ނިންމުމަށްޓަކައި މިކުރާ މަސައްކަތަކީ އަޅުގަނޑުމެންނަށް މިފަހަރު ލޯކަލް އިންތިހާބު ރަނގަޅަށް ލިބިއްޖިއްޔާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެ ދުވަހަކުވެސް ޤާސިމް އިބްރާހިމާއި އެކީގަ މައުމޫން އަބްދުލްގައްޔޫމާއި އެކީގަ އިމްރާން އަބްދުﷲ އާއި އެކީގަ އަޅުގަނޑުމެން އުޅޭކަށް ނެތިން."

ކޯލިޝަނާއި އެކު ސަރުކާރު ހިންގޭނެ ކަމަށް ނުފެންނަކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވަޒީރުން ތިބި ތަންތަނުން ރަނގަޅަށް މަސައްކަތް ނުކުރާކަމަށެވެ. އެގޮތުން ރައްޔިތުންގެ ކަންބޮޑުވުން މަސްވެރިކަމުގެ މައްސަލައިގައި އޮތްކަން ފާހަގަ ކުރައްވާ އަހުމަދު ހަލީމް ވިދާޅުވީ، ފިޝަރީޒް މިނިސްޓަރަށް މަސްވެރިންގެ ކަންކަމުގައި ކުރެވުނު ކަމެއް ނެތްކަމަށެވެ. އަދި ވަރަށް އަވަހަށް މިނިސްޓަރު ޒަހާ އާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.  ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަކީ އެމްއާރްއެމްގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނެވި ފަރާތެކެވެ. 

"އޭޕްރިލް ހަތަރުވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުން އުފާވެރި ދުވަހަކަށް ވާނެ. ކޯލިޝަންގެ "މޫނުއަޅާނެ" ކަމުގެ ޔަގީންކަން ރައްޔިތުންނަށް މިފުރުސަތުގައި ދެން."

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ކޯލިޝަންގެ އެހީތެރިކަމާއި އެކު އެވެ. އަދި ރައީސް ސޯލިހްގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެން ނަމަވެސް މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމުމާއި އެކު ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް