
މިފަހަކަށް އައިސް ރާއްޖޭގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު އެފަދަ ސްކޫލުތަކުގައި ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަތައްވެސް ދަނީ ފެންމަތިވަމުންނެވެ.
ދިރާސީ އާ އަހަރަށް އެޑިއުކޭޝަނުން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރާއި މިނިސްޓްރީގެ އިސް މަގާމުތަކުގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދަރިވަރުންގެ ހައްގުތައް ކަށަވަރު ކުރުމާއި ގުޅޭ ގޮތުން "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެފަދަ އަމަލެއް ހިންގާފައިވާ ފަރާތެއްވާނަމަ ސްކޫލެއްގައި ނުބަހައްޓާނެ ކަމަށެވެ.
މި މައްސަލަ އަށް ތަފްސީީ ޖަވާބެއް ހޯދުމަށް ތަކުރާރު ކުރުމުން މިނިސްޓަރު ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތެއްވިޔަސް ހާއްސަކޮށް ޖިންސީ މައްސަލައެއްގެ ތުހުމަތުގައި ވެފައިވާ ފަރާތެއް ކަމުގައި ވިނަމަވެސް އެފަރާތަކަށް އަލުން އެއްވެސް ސްކޫލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތެއްވެސް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތުހުމަތު ކުރެވޭ ފަރާތެއް ވާނަމަ އެމީހަކު އެއްވެސް ދަރިވަރަކާއި ބައްދަލުވެދާނެ ފަދަ މަސައްކަތެއް ހަވާލުކުރުމުން އެއްކިބާ ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުށުގެ ތުހުމަތު ކުރެވި ކުށްސާބިތު ވެއްޖެ ނަމަ އެމީހަކަށް އަލުން ތައުލީމީ ދާއިރާގައި ފުރުސަތުވެސް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މުދައްރިސުން ރަޖިސްޓަރކުރުމުގެ އިތުރުން, އުނގަންނައިދޭ ތަންތަން ރަޖިސްޓްރީކުރަން ނިންމާފައިވާ ކަމަށާއި، އެއީވެސް ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށެވެ.