އަބްދުއްރަޝީދުގެ ބޭފުޅުންގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް އެނގޭ ދެ ބޭފުޅުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދިމް އާޒިމް އެވެ.
އަބްދުއްރަޝީދު މިއަދު އަވަހާރަވެފައި ވަނީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.
އަބްދުއްރަޝީދު އަވަހާރަވެފައި މިވަނީ އާރްސީސީގެ ހަރަދުގައި ހުޅުމާލޭގައި 1300 މީހުންގެ ޖާގައިގެ ދެ ބުރިއަށް އިމާރާތް ކުރާ މިސްކިތެއްގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. މިސްކިތެއް އިމާރާތް ކުރުމަކީ އަބްދުއްރަޝީދު އަބަދުވެސް ކުރެއްވި އުއްމީދެއް ކަމަށް އާއިލާ އިން ބުނެ އެވެ.
އަބްދުއްރަޝީދުގެ އާންމުންގެ ތެރެއިން އެންމެފަހުން ފެނިފައިވަނީ ވެސް ހުޅުމާލޭގައި މިސްކިތުގެ ބިންގާ އެޅުމަށް މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.
އަބްދުއްރަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އަބްދުއްރަޝީދުގެ ހާލުކޮޅު ގޯސްވީ އޭނާގެ ދަރިކަލުން މުހައްމަދު ނާޒިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ޓެރަރިޒަމްގެ ތުހުމަތުކޮށް ދިގުމުއްދަތަކަށް ޖަލަށްލީ ފަހުންނެވެ.
އާރްސީސީ އަކީ 1950 ވަނަ އަހަރުގެ ތެރޭގައި އެކުންފުނީގެ ޗެއާމަން އަބްދުއްރަޝީދު "ރަޝީދު ކާޕެންޓަރީ"ގެ ނަމުގައި ފެށި ކުޑަ ވަނޑާންގެއެކެވެ. އެކުންފުނީގެ މަސައްކަތް ފުޅާވެ، މިއަދު އާރްސީސީއަކީ އިމާރާތްކުރުމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުންފުންޏެވެ.