ads
މުޒާހަރާއިން ހައްޔަރުކުރި ދެ ޒުވާނުން މުއްދަތު މަޖިލީހުގައި
ޝިމަން އަދި މަހްޒޫމްގެ ބަންދަށް 3 ދުވަސް ޖަހައިފި
މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި، އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދުގެ ބަންދަށް ކޯޓުން 3 ދުވަސް ޖަހައިފިއެވެ.
Advertisement

މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާއަކީ މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ މުޒާހަރާއެކެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުންވަނީ ރޭ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، ހައްޔަރުކުރީ ހަމަ އެކަނި އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މި ދެ ޒުވާނުންނަކީ މުޒާހަރާގައި ނަގާކިޔާ ދެ މީހުންނެވެ. މި ދެ މީހުންގެ ބަންދަށް ކޯޓުން 3 ދުވަސް ޖެހިއިރު، ދައުލަތުން އެދުނި އެ ދެ މީހުން 15 ދުވަހަށް ބަންދު ކުރާށެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީއެވެ. 

މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައި އެވެ. ދެ މީހުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފަހު، އޮންލައިންކޮށް އޮތް މުއްދަތު މަޖިލީސް ފެށީ މިއަދު މެންދުރު ފަހުއެވެ. ގިނަ އިރުތަކެއް ވަންދެން މުއްދަތު މަޖިލިސް އޮތެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި އެވެ.

ފުލުހުންގެ ތަހުގީގު ސެކްޝަން ހުންނަ އިމާރާތް، ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގު ކައިރީ މަޖީދީ މަގުގައި، "ދުލެއް ނުކުރާނަން" ނަމުގައި ކޮންމެ ރެއަކު ޒުވާނުން ކުރަމުން ގެންދާ މުޒާހަރާ ރޭ ހޫނުވީ އެ ސަރަހައްދުގެ މަގު ބަންދުކޮށް ޓޭބަލް ޓެނިސް އާއި ކެރަމް ކުޅެން މުޒާހަރާގެ ބައިވެރިން މަގު މެދުގައި އިށީނުމުން ފުލުހުން އެކަން ހުއްޓުވަން އުޅުމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވިއިރު، އެ މައްސަލަ ރައީސް އުފެއްދެވި ކޮމިޝަނަކުން އަންނަނީ ބަލަމުންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް