މުހައްމަދު އިސްމާއިލް/ ފޮޓޯ: ޓުވިޓާ
މުހައްމަދު އިސްމާއިލް ދޫކޮށްލައިފި
Share
ޔޯގާ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި، ޕީޕީއެމްގެ ހަރަކާތް ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިސްމާއިލް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
Advertisement

އޭނާ ދާދި ދެންމެއަކު ކޯޓުން ދޫކޮށްލާފައިވާކަން "ސީއެންއެމް" އަށް އެ ޕާޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އޭނާގެ ފަރާތުން ނުދެ އެެވެ. 

މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ޔޯގާ ހަަމަނުޖެހުން ހިނގި ދުވަސް ނޫން އަނެއްދުވަހު، ޖޫން މަހުގެ 22ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި އިންދަ އެވެ. އެ މައްސަލައިގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ މިިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ވަނީ ދޫކޮށްލާފަ އެވެ.

މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް އިތުރުކޮށްފައިވަނީ 30 ދުވަހެވެ. އެކަމާއި ގުޅިގެން އޭނާގެ ފަރާތުން ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. 

އެ ދުވަހު މުހައްމަދު އިސްމާއީލްގެ ފަރާތުން އޭނާގެ ބަންދު ފުރަތަމަ ދަމަހައްޓާފައި ވަނީ، (ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ) ދަށުން ކަމަށް ބުނި ނަމަވެސް، ފަހުން ބަންދުގެ މުއްދަތު އިތުރު ކުރީ، ޖިނާއީ އިޖުރާއާތުގެ ދަށުން ކަމަށް ވުމުން އެ އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށްވަނީ ބުނެފަ އެވެ. 

އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ އާއި މެދު ގޮތެއް ނިންމަމުން، ހައިކޯޓުން ވަނީ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމެއް ދިމާވެއްޖެނަމަ 15 ދުވަހަށް ވުރެއް އިތުރު ނުވާ ގޮތަށް ބަންދުގައި ބެހެއްޓިދާނެ ކަމަށް ބުނެފަ އެވެ. 

އަދި އިތުރަށް ފާހަގަކޮށްފައިވަނީ ހާއްސަ ގާނޫނަކުން މުއްދަތު އިތުރުކޮށްފައިވާ ފަރާތެއްގެ ބަންދުގެ މުއްދަތުގެ އާންމު ގާނޫނަކުން އިތުރުނުކުރެވޭނެކަމަށް މުހައްމަދު އިސްމާއީލުގެ ފަރާތުން ފާހަގަކުރި ނަމަވެސް އެކަމަށް ބާރުދޭ ގާނޫނީ ނައްސެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭ ކާނިވާ ސަރަހައްދުގައި ހުންނަ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އިސްމާއިލާއި ބެހޭގޮތުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިފް ވިދާޅުވީ، ޔޯގާ ހަރަކާތާއި ގުޅިގެން މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ އެދުވަހުގެ ހަރަކާތުގައި މުހައްމަދު އިސްމާއީލް ގަލޮޅު ދަނޑަށް ވަދެފައިވެސް ނުވާ ކަމަށާއި، ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކޮށްފައިވެސް ނުވާ ކަމަށެވެ. 

އަދި މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް ވިދާޅުވީ، މުހައްމަދު އިސްމާއިލުގެ މައްޗަށް ދީނީ ގޮތުން އަދި ސިޔާސީ ގޮތުން ކަންކަން ރާވާ ހިންގުމުގެ ތުހުމަތު  ފުލުހުން ކޮށްފަވާ ކަމަށެވެ. އެ ހުރިހާ ތުހުމަތުތަކަށްވެސް މުހައްމަދު އިންކާރުކުރެ އެވެ. 

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން 21 މީހަކު ހައްޔަރު ކުރި އެެެވެ. އަދި މިދިޔަ ހުކުރު ދުވަހުވެސް ވަނީ އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް