
ދަރިވަރުން އެއީ އަންނަން އޮތް ޖީލުގެ މުސްތަގުބަލެވެ. ގައުމުގެ ކުރިމަގާއި ގުޅިފައި ހުރި ހުރިހައި ކަމެއް ބައްޓަން ކުރަން ތިބި މިއަދުގެ ދަރިވަރުންނެވެ. އެދަރިވަރުންނަށް ރަގަޅު ތައުލީމެއް ދިނުމަށް އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެނީވެސް މިއަދުގެ ސަރުކާރެވެ.
ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އިދާރާ އަކީ ވެސް ތައުލީމީ ދާއިރާ އެވެ. ސަރުކާރުން ވަނީ ތައުލީމީ ދާއިރާ އަށް ހާއްސަކޮށް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތާ އެއްވަރުގެ އުޖޫރައެއްވެސް މިފަހަކުން ކަނޑައަޅުއްވާފަ އެވެ.
ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު މި އަދު މާލެ އާއި ރާޢްޖޭގެ އެކި ކަންކޮޅު ތަކުން ތައުލީމު ހާސިލްކުރަން 92،300 ދަރިވަރުން އެބަތިއްބެވެ. މިއީ މުޅި ޖުމްލަ ތައުލީމީ ދާއިރާގައި ސްކޫލް ތަކުގައި ކިޔަވާ ދަރިވަރުންގެ އާބާދީ އެވެ.
ދެން އޮތީ މިދާއިރާގައި އެންމެ ބުރަ މަސައްކަތެއް ކޮށްދޭ ފަރާތްތަކުގެ ވާހަކަ އެވެ. ޓީޗަރުންގެ ބުރަ މަސައްކަތާއި އަގުހުރި މަސައްކަތްތަކުގެ ވާހަކަ އެވެ.
މިފަހަރުގެ ދިރާސީ އާ އަހަރާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ތަރުހީބު ވެސް ބޮޑު ކަމަށް މިނިސްޓްރީން ހާމަކުރި އެވެ. މިދާއިރާއަށް ގާބިލް ޓީޗަރުން ވަޒީފާތަކަށް ހޮވާފައިވެ އެވެ. މިއަދު ޓީޗަރުންގެ ވަޒީފާ އަދާކުރަމުންދަނީ ހަމަ އެންމެ ހިތްހަމަ ޖެހޭ ގޮތުގައި އެއްވެސް ހާސްކަމެއް ނެތިކަން މިނިސްޓްރީން އެބަ ޔަގީން ކުރެ އެވެ.
މުޅި ރާއްޖޭގައި ޖުމްލަ ޓީޗަރުންގެ އަދަދު 8364 އެވެ. ބޮޑު މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވާ ޓީޗަރުންގެ އަދަދު 95 އިންސައްތައިން މައްޗެވެ. ދިވެހި ޓީޗަރުންނަށް ބޮޑު މުސާރަ ސަރުކާރުން ހަމަޖައްސައިދީފައިވާއިރު ދިވެހި 6006 ޓީޗަރުން އެބަތިއްބެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި ތިބީ 1693 ޓީޗަރުންނެވެ. ވަގުތީ ޓީޗަރުންގެ ގޮތުގައި ތިބީ ޖުމްލަ 665 ޓީޗަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރާއި ގުޅިގެން މިއަހަރު މުޅި ރާއްޖޭގެ ޖުމްލަ 217 ސްކޫލަކުން ތައުލީމް ހާސިލްކުރަމުން ގެންދެވޭނެ ކަމަށެވެ.
މިއަހަރު މާލެ ސަރަހައްދުން ތައުލީމް ހާސިލް ކުރަން ބައިވެރިވި ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑު ތަނުން އިތުރުވެފަިއވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ހަމަ އެކަނި މާލެ އާއި ހުޅުމާލެއިން އެކަނިވެސް 5200 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދާނެކަމަށް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ އަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ކަމުގައި ފާހަގަކުރެވެ އެވެ.
ސްކޫލް ތަކާއި ޕްރީ ސްކޫލްތައް އިމާރާތްކޮށް ތައުލީމީ ދާއިރާގެ މަސައްކަތައް ހާއްސަކޮށްގެން މިއަހަރު ވަނީ 209 ޕްރޮޖެކްޓް ހިންގަން ނިންމާފަ އެވެ. މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަނީ 4 ސްކޫލެއް އެޅުމަށް ނިންމާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހަތަރު އަހަރާއި 18 އަހަރުގެ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުންވެސް މި ހިދުމަތް ފޯރުކޮށްދޭއިރު އެފަދަ ތަންތަނުގައި ކިޔަވައިދޭ ޓީޗަރުންގެ ކޮލެޓީއަށް ބަލާނެ ކަމަށާއި، ޓީޗަރުން ރަޖިސްޓްރީ ކުރުމުގެ ގަވައިދެއްވެސް އެކުލަވާލާފައިވާ ކަމަށެވެ. މީގެ އިތުރުން މިފަދަ ތަންތަން ރަޖިސްޓްރީ ކުރުމުގެ ގަވައިދުވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
ކިޔަވާ ދަރިވަރުންގެ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންގެ ހައްގުތައް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް މިނިސްޓރްީން ވަނީ ފަށާފަ އެވެ. ދަރިވަރުންނާ ގުޅޭ ކަންކަމުގަިއ އަހުލާގީ މިންގަނޑުން ބޭރުވެއްޖެނަމަ ވެސް އެޓީޗަރަކާއި މެދު އެޅޭނެ ފިޔަވަޅުތަކެއްވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.
މިނިސްޓްރީން ބުނީ ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއް ނަމަ އެއްްވެސް ސްކޫލެއްގެ ޓީޗަރަކަށް ނުހުރެވޭނެ ކަމަށެވެ. އަދި ޖިންސީ މައްސަލައެއް ފެންމަތިވެއްޖެނަމަ އެމީހަކަށް އެއްވެސް ސްކޫލަކުން ފުރުސަތު ނެތް ކަމަށެވެ.