ads
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ
ޓީޗަރުންނަށް ލައިސެންސް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ: މިނިސްޓަރު
މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސެންސް ދޫކުރުމަށް ބޭނުންވާ ލިޔެކިއުންތައް މިހާރު ނިމިފަވާކަމަށާއި، ލައިސެންސް ދޫކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ދެއްވި ހިތޯބުގައި، މިނިސްޓަރު މިއަދު ވިދާޅުވީ، މިއަހަރު އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ތައުލީމީ ނިޒާމުގެ ފެންވަރު މަތިކުރުން ކަމަށާއި، އެކަމަށްޓަކައި އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސެންސް ދޫކުރުން ކަމަށެވެ.

"މިކަމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް މިހާރު ވަނީ ތައްޔާރުކުރެވިފަ، މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ، މިކަމުގެ ނަތީޖާއެއްގެ ގޮތުން އުންމީދުކުރެވެނީ މުދައްރިސްކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް، ދަރިވަރުންގެ ފެންވަރު ރަނގަޅުވާނެ ކަމަށް،" މިިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ، ޓީޗަރުންގެ މުސާރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންނެވި ހެޔޮ ބަދަލު، ސްކޫލުތަކުގައި ޓީޗަރުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރިކަމުން ދައްކާދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. 

އަލަށް ތަންފީޒުކުރެވޭ ތައުލީމީ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެން މި މަހުގެތެރޭގައި ފުރޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ގާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ގަވާއިދުތަކެއް މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. އަދި މި ފެށުނު ދިރާސީ އަހަރާއެކު އެ ގަވާއިދުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ، ތައުލީމީ ގާނޫނޫން ހަވާލުކުރެވިފައިވާ އެންމެ ބޮޑު މައްސޫލިޔަތަކީ، ދަރިވަރުންގެ ރައްކާތެރިކަން ކަމަށާއި، އެހެންކަމުން ސްކޫލުތަކުން ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ސްކޫލު މާހައުލުގަޔާއި، ބޭރުތެރޭގައި ވެސް ދޭން ވާނެ ކަމަށެވެ. 

"ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާއި މުއާމަލާތުކުރަނީ ކޮންބައެއްކަން ދެނެގަނެ އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސްކޫލުތަކުގެ އެންމެހާ މުވައްޒަފުންނާއި، ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދެއްވަންޖެހޭ. ޓިއުޝަނަށް ދަރިވަރު ފޮނުވުމުގަޔާއި، ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރާއިރު އެފޮނުވޭ ތަނަކީ މިނިސްޓްރީން އާއްމު ކުރެވިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ހިންގާ ތަންތަންކަން ބެލެނިވެރިން ކަށަވަރުކުރުން މުހިންމު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުދައްރިސުން ކުރައްވާ މަސައްްކަތްތަކީ މުޅި ގައުމަށް އަދި މުޅި ޖީލަށް އޭގެ އަސަރު ފޯރާ މަސައްކަތްތަކެއްކަމުން މުދައްރިސުން ވާންވާނީ އަމަލުތައް އިހުލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ ދަރިވަރުންގެ މައުސޫމު ކަމާއި އިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް