
ޝިއާއުގެ މަރާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝާހިލް ހައްޔަރުކުރުމަށްފަހު ކޮޓަރިތެރެއިން ހަމަލާދިނުމަށް ބޭނުންކުރި ހަތިޔާރުތައް ވެސް ހޯދިފަވާ ކަމަށެވެ.
އަދި ތަހުގީގަށް ބޭނުންވާ އިތުރު ހެކިތައްވެސް ލިބިފައިވާ ކަމަށާއި، ތަހުގީގު ޓީމުން ކްރައިމް ސީންގައި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޝާހިލް ކުށަށް މިހާތަނަށް އިއުތިރާފުވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝިފާއު ވިދާޅުވީ، މިހާތަނަށް ކުށަށް އިއުތިރާފުވެފަ ނުވާ ކަމަށެވެ.
ޝާހިލްގެ އެއްވެސް ކަހަލަ ކުށުގެ ރިކޯޑެއް މީގެ ކުރިން ނެތް ކަމަށްވެސް ޝިފާއު ވިދާޅުވި އެވެ. އަދި ޝާހިލް އާއި ގުޅިގެން އެފަދަ މައްސަލައެއްވެސް މީގެ ކުރިން ހުށަހެޅިފަ ނުވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި މަރާއި ގުޅިގެން ތަހުގީގަށް ޝާހިލް އާއި ގުޅޭ އެފަދަ ބަޔާންތަކެއް ލިބިފަވާކަމަށް ވިދާޅުވި އެވެ. ނަމަވެސް އެމައުލޫމާތު ހާމައެއް ނުކުރެ އެވެ.
ޝާހިލުގެ ބަންދާއިމެދު ގޮތް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ޝިއާއު މަރާލިކަމަށް ޝާހިލް އެއްބަސްވެފަ ނުވިނަމަވެސް ޝާހިލް ހައްޔަރުކުރިއިރު އެ ސަރަހައްދުގައި ތިބި މީހުންނާއި، ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފަވާ ގޮތުގައި، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޝާހިލުގެ އެޕާޓުމެންޓުގައި އުޅޭ މީހެކެވެ. އަދި ފުލުހުން ސީން އަށް އައިއިރުވެސް ޝާހިލް ހުރީ ލެއިން ތަތްތެޅިފަވާ ގަމީހާއެކު އެ ކޮޓަރިތެރޭގަ ކަމަށް ބުނެފަވެއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ އާއްމުންގެ މީހެއް ކަމަށާއި، ޝާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވަގުތީ ނަތީޖާތަކުން ދައްކާ ކަމަށެވެ.