ads
މީގެ ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި ފުލުހުން ހަރަކާތްތެރިވަނީ.. ފޮޓޯ ސީއެންއެމް
އީދު ދުވަހުގެ މާރާމާރީއާއި ގުޅިގެން 6 މީހެއްގެ މައްޗަށް ދައުވާ އިއްވައިފި
މި އަހަރުގެ ފިތުރު އީދު ދުވަހު މާލޭގައި ހިނގި މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރުކޮށް ދައުވާ ކޮށްފައިވާ އެންމެންގެ މައްޗަށް ދައުވާ އިއްވައިފި އެވެ.

އީދު ދުވަހު މާލޭގެ ދެ ސަރަހައްދެއްގައި ހިނގި މާރާމާރީ އާއި ގުޅިގެން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައި އެވެ. މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މި މީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް އިއްވާފަ އެވެ. 

އެގޮތުން ދައުލަތުގެ ފަރާތުން ވަނީ، ލޫތު އަހުމަދު އާސިފް އާއި، އަހުމަދު ސާތިއު އަދި މައުސޫމް މުހައްމަދު ދީދީގެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އެ ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމީހުންގެ މައްޗަށް އަންނާނެ އެވެ. 

މީގެ އިތުރުން އަހުމަދު ޝިމްހާޒު، އަހުމަދު ނާޒިހުގެ އިތުރުން ހަސަން ޒިޔާން އިބްރާހިމްގެ މައްޗަށް ދައުލަތުން ވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. މި ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލުހުކުމެއް އަންނާނެ އެވެ. 

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ހަބީބު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ދާނީ، ދައުވާއަށް ޖަވާބުދާރީ ވުން ކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާއި ގުޅިގެން ކޯޓުން ނިންމާ ގޮތްވެސް ނިންމާނީ ދެން އަންނަ އަޑުއެހުމުގައި ކަމަށެވެ. 

އީދު ދުވަހު މާލޭގައި ހިނގި މާރާމާރީ ތަކުގެ ތެރެއިން އެ ދުވަހުގެ ފަތިހު 05:48 ގައި ހިނގި މާރާމާރީގައި އުމުރުން 23 އަހަރުގެ ޒުވާނަކަށް ހަމަލާދީ ޒަހަމް ކޮށްލާފައި ވާއިރު، އެ ދުވަހުގެ ހެނދުނު 09:17 ގައި ހިނގި މާރާމާރީގައި ދެ މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް