ads
ވަގު ޑޮލަރުތަކެއް ތަހުލީލު ކުރަނީ
ވައިބާ މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކާތީ ސަމާލުވާން އެދިފި
މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ މިކަމަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ، 2021 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ ކަމަށެވެ.

ސައްހަނޫން ފައިސާގެ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގުތަކުން ފާހަގަވެފައި ވަނީ މި އަމަލު ދެ ގޮތަކަށް ހިންގާކަމަށާއި، މިފަދަ މުއާމަލާތްތަކާ ގުޅިގެން މިހާތަނަށް 272،000 އެއްހާ ދިވެހި ރުފިޔާ ރައްޔިތުންގެ އަތުން އޮޅުވާލައިގެން ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

"މި އަމަލު ހިންގާ ގޮތަށް ބަލާއިރު ވައިބާ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމް.އީ.އައި.އެލް އެކްސްޗޭންޖް މެދުވެރިކޮށް ޑޮލަރުވިއްކާ ކަމަށް އިޝްތިހާރުކުރޭ. މިގޮތުން ޑޮލަރު ގަންނަން ބޭނުންވާ ފަރާތާއި ޑޮލަރު ވިއްކާ ފަރާތާ ދެމެދު ޕްރައިވެޓްކޮށް މެސެޖު ބަދަލުކުރޭ. އެއަށްފަހު ފައިސާ ގަނެވިއްކުމަށް ގަޑިއާއި ތަނެއް ހަމަޖައްސާ. ތަހުގީގުތަކުން އެނގޭ ގޮތުގައި މިހާތަނަށް މިފަދަ ހުރިހާ މުއާމަލާތެއްވެސް ހިންގާފައި ވަނީ ރޭނގަޑުގެ ވަގުތުތަކުގައި. ޑޮލަރު ވިއްކާކަމަށް މިފަދަ ކޮމިއުނިޓީތަކުގައި އިސްތިހާރު ކުރާއިރު އެހެން މީހަކަށް ހެދިގެން ޝަހުސު އޮޅުވާލައިގެން އެހެންމީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެންވެސް މީހުންނަށް އޮޅުވާލާފައިވާކަން ފާހަގަކުރެވޭ." ފުލުހުން ބުންޏެވެ.

މިފަދަ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ ނަންބަރުތަކަކީ ވަކި މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކޮންމެވެސް ބިދޭސީއެއްގެ ނަންމަތީގައި ނަނގާފައިވާ ނަންބަރުތަކެއްކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން މިފަދަ މުއާމަލާތްތައް ކުރާއިރު، މުއާމަލާތްކުރެވޭ ނަންބަރަކީ ކޮން ފަރާތެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއްތޯ ޔަގީންކުރުމަށާއި، އެގޮތުން ހިދުމަތް ދޭ ކުންފުނިތަކަށް މެސެޖެއް ފޮނުވާލައިގެން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ބައެއް ނަންބަރުތަކުގެ ވެރިފަރާތް ބަލައިލެވޭނެ ކަމަށް ފުލުހުން ބުންޏެވެ. 

އަދި މިފަދަ މުއާމަލާތްތައް ދުވާލުގެ ވަގުތުގައި ހިންގުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މީގެއިތުރުން ޑޮލަރު ގަތުމަށް މުއާމަލާތްކުރެވޭ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަތުމާއި މިފަދަ މުއާމަލާތްތައް ހިންގާއިރު އިތުރު މީހަކާއެކު ދިއުމަކީވެސް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް