
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ އެ ބޯޑު އެކުލަވާލުމާއިއެކު، ބޯޑުގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފަ އެވެ. މި ބޯޑުގެ މަސްއޫލިއްޔަތަކީ، ފޮރިން ސާވިސްގެ ހިންގުމުގައި ބޭނުންވާ ލަފަޔާއި، ރާއްޖޭގެ ހާރިޖީ ސިޔާސާތު ހަރަދަނާކޮށް ރަނގަޅުކުރުމަށް، ބޭނުންވާ ލަފާ ހާރިޖީ ވަޒީރަށް އެރުވުމެވެ.
ފަސް މެމްބަރުންގެ މި ބޯޑުގައި ހިމެނެނީ:
- ބޯޑުގެ ޗެއަޕާސަންގެ ގޮތުގައި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު
- ހާރިޖީ ހިދުމަތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވާ، ރިޓަޔާކުރައްވާފައިވާ މެންބަރެއްގެ ގޮތުގައި، އަހުމަދު ރަޝީދު، ކަރަންކާގެ/ށ. މަގޫދޫ
- ފޮރިން ސާވިސް އެގްޒެކެޓިވް ސްޓާފް މެމްބަރެއްގެ ހައިސިއްޔަތުން، މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޝިފާނާ
- ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޯސިމް)ގެ ހެޑް އޮފް ޖޮއިންޓް ސެކްރެޓަރީގެ ގޮތުގައި ޖޮއިންޓް ސެކްރެޓަރީ، ހަދީޖާ ނަޖީހާ
- ފޮރިން ސާވިސް ޖެނެރަލް ސްޓާފްގެ ޑެސްކް އޮފިސަރުގެ ހައިސިއްޔަތުން އާމިނަތު ސަމްރާ
ފޮރިން ސަވިސްގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާ، "ދިވެހިރާއްޖޭގެ ފޮރިން ސާވިސް" ، ދިވެހި ސިވިލް ސާވިސް އިން ވަކިވެ، ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރެވުނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
މިއަދު އެކުލަވާލި އެޑްވައިޒަރީ ބޯޑަކީ އެގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ބޯޑެކެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސާވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.