
އެމަނިކުފާނު މިހެން ވިދާޅުވެފައިމިވަނީ ވ. އާ ރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން ލޯފާމެއް ކަމަށްވާ މޯލްޑިވްސް ލީގަލް ބިއުރޯ (އެމްއެލްބީ) އިން ޕީޖީ އޮފީހަށާއި ފުލުސް އޮފީހަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި ހެއްކަކަށް ނުފޫޒު ފޯރުވާބެ މީހެއް ނޫން ކަމަށާއި، ބަޔަކަށް ނުފޫޒު ފޯރުވާނަމަ އެބައެއްގެ އަތުގައި ހެކި ހުންނާނެ ކަމަށެވެ.
އަދި އާރަށުގެ މައްސަލަ ކުރިއަށް ދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެފައި ވާކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އާރަށު މައްސަލާގައި ހެއްކަކަށް ނުފޫޒު ފޯރުވާ ވަރުގެ ހެއްކެއް އޮތް ނަމަ އެ ހެކި ތަހުގީގު ކުރަންވެސް ހުށަހަޅާނެ ކަމަށާއި، އެހެންކަމުން އެމަނިކުފާނާއި ގުޅުވައިގެން މިހާރު ދައްކަމުން ދަނީ ބޭކާރު ވާހަކަތަކެއް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ، ހެކިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅޭ ބައެއް މީހުންނަށް ފިއްތުން ކުރިމަތިކޮށް، އެސައިލަމް ކެންސަލް ކުރުމުގެ ގޮތުން، ލޯފާމުތައް މެދުވެރިކޮށް ކަންކަން ކުރާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.