ލަދުވެތި ވާހަކައެކެވެ. އެހެން ނަމަވެސް މިއަދު މިވާހަކަތައް ނުދައްކާ މިއީ ނުވާކަމަކަށް ހަދައިގެން ތިބެއްޖެނަމަ ހަމަ ޔަގީނުންވެސް މާދަމާ ކަރުނަ އަޅާ ރޯންޖެހޭނެ އެވެ. ދިވެހިން، ދިވެހިންގެ ރީތި އަހުލާގު ދޫކޮށް މުޑުދާރު އެތައް ކަމެއް ކުރަމުން ދަނީ އެއްވެސް ފިކުރެއް ވިސްނުމެއް ނެތި އެވެ. ދުނިޔޭގެ މި ވަގުތީ މަންޒިލުގެ ފަހުން އޮތް ނިމުން ނުވާ އާހިރަތުގެ މަތިން ހަނދާން ނައްތައިލައިގެން ތިބެ ކަންކަން ކުރަމުން ދާއިރު، އެކަންކަމާއި މެދު ބަހެއް ބުނެލަން މިއަދު މިތިބީ ނުކެރިފަ އެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެންމެ ފަހުގެ އީޖާދުތައް ދިވެހިންވެސް ދަނީ ބޭނުން ކުރަމުންނެވެ. އެއްބަޔަކު އެ ބޭނުން ކުރަމުން ދަނީ ރަނގަޅު ގޮތުގަ އެވެ. އެހެން ނަމަވެސް އަނެއްބަޔަކު އޭގެ ބޭނުންވެސް ކުރަމުން ދަނީ ކުރެވެން އޮތް އެންމެ ނުބައި ގޮތުގަ އެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކޮށްގެން ރޯމާ ދުވާލު އެ ހިންގަމުން އަންނަ ބޮޑެތި ފާހިޝް ކަންކަމާއި، ނުބައި ކަންކަން ކުރަމުން ދަނީ އެއްވެސް ބިރެއް ނެތި އެވެ.
ދާދި ފަހަކުން އަޑުއިވިގެން ދިޔަ އެއް އަޑަކީ، ސޯޝަލް މީޑިއާގެ ވަސީލަތެއް ކަމަށްވާ ޓެލެގުރާމް ބޭނުން ކޮށްގެން ދިވެހިން ހިންގަމުން އަންނަ ބޮޑު ޖަރީމާއެއްގެ ވާހަކަ އެވެ. އެ ޓެލެގުރާމް ގުރޫޕަށް ވަދެ އެ ބަލާލުމުން މިއީވެސް ހަމަ ސައްތައިން ސައްތަ މުސްލިމުން ތިބި ގައުމެއްތޯ ހިތުގައި ސުވާލު އުފެދުނެވެ. އެ ގުރޫޕަށް ވަނީ ކިޔުންތެރިންނާއި ހަމައަށް އެ ކަމުގައި ހުރި ބިރުވެރި ކަމުގެ ވާހަކަ ތައް ހިއްސާ ކުރުމަށެވެ. އެ ގުރޫޕުން ނުވާ ހަމަ އެއްކަމެއްވެސް ނެތެވެ. ހިތަށް އެރީޔާ ހިތަށް އެރި ހުރިހާ ކަމެއް ކުރެވެން ހުރެ އެވެ.
ޖުވާ ކުޅުމާއި، ހަށި ވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެއްޗާއި، ވަގަށް ލައިސެންސު ހެއްދުމާއި، ނެވި ކަމުގެ ކޯސްތައް އެއްވެސް ވަރަކަށް ކުލާހުގައި ބައިވެރި ނުވެ ފައިސާ ދިނުމުން އެ ގުރޫޕުންވެ އެވެ. އުމުރުން 13 އަހަރުން ފެށިގެން އުމުރުން ދުވަސްވީ އެތައް ބައެއް މި ގުރޫޕު ބޭނުން ކުރަމުން ދާއިރު، އެކި ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުންވެސް އަންނަނީ މި ގުރޫޕު ބޭނުން ކުރަމުންނެވެ.
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ އިތުރުރުން ގުރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގަން ބޭނުންވާ ފަރާތްތަކުންވެސް އަންނަނީ ގުރޫޕުގައި އެމީހުން އެކަން ކޮށްދޭ އަގާއި މީހާ ހުންނަ ގޮތް ކިޔައިދީ ހަދަމުންނެވެ. އަދި އެ އަދަދަށް ފައިސާ ދީފިނަމަ އެކަން އެމީހުން ކޮށްދޭ ކަމަށް ގުރޫޕުގެ އެޑިމިން އަންނަނީ ގުރޫޕުގެ އެހެން މެމްބަރުންނަށް ޔަގީންކަން އަރުވަމުންނެވެ.
މި ގުރޫޕު ތެރެއިން ފެނިގެން ދަނީ އެތައް ލަދުވެތި މަންޒަރެކެވެ. ގައުމުގެ އަދުގެ ޖީލު ހަލާކުވެ ގެއްލިފައިވާ މަންޒަރެވެ. ބިރަކާއި ނުލާ މަޖާ ކުރަމުންދާ މަންޒަރެވެ. ފާހިޝް އަމަލުތަކަށް ހިތްވަރު ދެމުން އަންނަ މަންޒަރެވެ. އެކަމުގެ ތެރޭ ކުޑަކުދިން އުޅޭ ދެރަ މަންޒަރެވެ.
މިކަމާއި ގުޅިގެން އިދާރާތަކުން އަޅާ ފިޔަވަޅެއް ނެތެވެ. ހަ މަހުން އެއް ފަހަރު މިފަދަ ގުރޫޕު ތަކުގެ މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނުން ފިޔަވާ ކުރާ އިތުރު ކަމެއް އޮތް ހެނެއް ހިޔެއްނުވެ އެވެ. އިދާރާތަކުން ކަންކަން ކުރާނަމަ މިކަންކަން ކޮންމެސް ވަރަކަށް މަދުވާނެ ކަމީ ޔަގީންވާ ކަމެެކެވެ. އެހެން ނަމަވެސް ސައްތައިން ސައްތަ މުސްލިމު މި ދިވެހި ރާއްޖެއިން ފެނިގެން މިދަނީ މުސްލިމުންގެ އަހުލާގު ހުންނަަންވާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް މިކަމާއި އިދިކޮޅަށް ވާހަކަ ދައްކާ ނުވަތަ މިކަމަކީ ނުބައި ކަމެއް ކަމަށް ބުނާ މީހާ އަކީ މިއަދު ހަރުކަށި ފިކުރުގެ މީހުންގެ ކެޓެގަރީތެރޭގައި ހިމެނޭ ބައެކެވެ. އެހެން ބުނަން މިޖެހުނީ، އެކަމާއި ދެކޮޅަށް ވަކާލާތު ކުރާ ފަރާތަކުން އެހެން ބައެއްގެ ހައްގެއް ނަގައިގަންނަނީ ކަމަށް ބަޔަކު މީހުން ދެކޭތީ އެވެ.
އެހެން ނަމަވެސް ގައުމުގެ ދަރިފަސްކޮޅުގެ ސަލާމަތަށް ޓަކައިވެސް މި ނުބައި ފާހިޝް އަމަލުތަކުން މިއަދު ގައުމު މިވަނީ ސަލާމަތް ކުރަން ޖެހިފަ އެވެ. އެހެން ނޫން ނަމަ މީގެ ކުރިން ގައުމުތަކަށް ކުރިމަތިވި ވަރުގަދަ ކޯފާ ތައް މި ރާއްޖެއަށްވެސް ކުރިމަތި ވެދާނެ އެވެ.
މުސްލިމުންގެ ގޮތުގައި ތިބެ ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުން މިދާ ކަންކަމާއި، ގުޅިގެން މިއަދު ހިތައް އަރަނީ ދެންވެސް ހަމަ ކިޔަންވީ މުސްލުމުންބާ އެވެ.