
ޝިއާއުގެ އޮޓަޕްސީ ނަތީޖާ ލިބޭނެ ދުވަހަކާއި، ހަށިގަނޑު މާލެ ގެންނާނެ ތާރީހެއް އޮޅުފިލުވުމަށް އިއްޔެ ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން މިއަދު “ސީއެންއެމް”އަށް ބުނީ، ސީދާ ތާރީހެއް ބުނަން ދަތިކަމަށާއި، އެމައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްދެވޭނީ ފަހުން ކަމަށެވެ.
ޝިއާއުގެ މަރާއި ގުޅިގެން ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވަން ނިންމާފައި ވާކަމަށް ބުނެފަ އެވެ.
އޭގަފަހުން މިދިޔަ ބުރާސްފަތި ދުވަހު، ޕޯސްޓްމޯޓަމް ހެދުމަށް ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ވަނީ ފޮނުވާފަ އެވެ.
ޝިއާއު މަރާލާފައި އޮތްވާ ފެނުނު އިރު، ގިނަ ހަމަލާތަކެއް ދީފައިވީ ނަމަވެސް އެއީ ލާއިންސާނީ އަނިޔާތަކަކަށް ވުމުންނާއި، އާއިލާގެ އެދުމުގެ މަތިން އެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ނަމަވެސް ފުލުހުން ޝިއާއުގެ ޕޯސްމޯޓަމް ހަދަނީ، އަނިޔާތައް ދީފައިވަނީ މަރާލުމުގެ ކުރިންތޯ ނުވަތަ މަރާލުމަށްފަހުތޯ ޔަގީންކޮށް ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހޯދުމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އުމުރުން 23 އަހަރުގެ އަލީ ޝާހިލް އެ އެޕާޓްމަންޓުން ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ގައިގައި ގިނަ އަދަދެއްގެ ލޭ ހުރި އިރު، ޝިއާއު މަރާލުމަށް ބޭނުން ކުރި ހަތިޔާރުވެސް ހޯދާފައި ވާކަމަށް ވަނީ މީގެ ކުރިން ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ޝާހިލް ފުލުހުންގެ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.