މިއަދު އެމްއެންޑީއެފް އިން ބުނީ އެ ދެމަސްބޯޓު ފެނިފައިވަނީ، ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުންދިޔަ ޕެޓްރޯލެއްގެ ތެރެއިން ކަމަށެވެ.
ނަމަވެެސް އެއީ ކޮން ގައުމެއްގެ ދެބޯޓުކަމެއް މިހާތަނަށް ސާފުކޮށެއް ނުދެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް އެކިފަހަރުމަތިން ރާއްޖެ ސަރަހައްދުން އެމްއެންޑީއެފުން އެތައް ފަހަރަކު ވަނީ ހިފަހައްޓާފަ އެވެ.
ނަމަވެސް ގަވާއިދާ ހިލާފަށް ރާއްޖެކަނޑުން މަސްވެރިކަން ކުރާ ބޯޓުފަހަރުތައް މަދެއް ނުވެ އެވެ. މިދިޔަ ޖޫންމަހުގެ ތެރޭގައިވެސް މިގޮތަށް ބޯޓެއް ވަނީ ހިފަހައްޓާފަ އެވެ.
ބޭރުގެ އުޅަނދު ފަހަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމާއިބެހޭ ގާނޫނުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސް މިމަހުގެތެރޭގައި ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފަ އެވެ.
މިގަވައިދުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަން މަސައްކަތް ކުރާ ބޭރުގެ އުޅަނދެއް ނަމަ ފުތަމަ ފަހަރަށް ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދައަކާއި ނުލައި ވަދެފިނަމަ ނުވަތަ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފިނަމަވެސް ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކަށް ވަދެ މަނާ ކޮށްފައިވާ މަސްވެރިކަމުގެ ބާވަތެއް ކުރިކަން އެނގިއްޖެނަމަ އެފަރާތެއް ދެ މިލިއަން ރުފިޔާ އާއި ސާޅީސް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
ޖޫރިމަނާ ކުރެވޭ މިފައިސާ ތައް ޖޫރިމަނާ ކުރާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރަންޖެހޭއިރު، ސިފައިންގެ ކޯސްޓުގާޑުން ހިފެހެއްޓުމަށްފަހު ފުލުހުންނާއި ހަވާލުކުރާ އުޅަނދެއްގެ މައްސަލަ ބަލައި ނިމެންދެން ނުވަތަ އެ އުޅަނދަކަށް އިދާރީ ފިޔަވަޅެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރުމާއި ހަމައަށް އެއުޅަނދެއް އޮންނަން ޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.