ads
ފަރަށް އެރި ބޯޓު: ފޮޓޯ---އެމްއެންޑީއެފް
މާގުޅީ ފަރަށް އެރި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
އިންޑިއާއިން ހިލަ ބަރުކޮށްގެން ވ. ރަކިދޫ އަށް ދަތުރުކުރަމުން ދަނިކޮށް މާގުޅީ ފަރަށް އެރި އޭއެމް އާގަމް ނަމަކަށް ކިޔާ ބާޖެއް 100 މިލިއަން ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފި އެވެ.

މިކަމާއި ގުޅިގެން އެންވާރަމަންޓު ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޭއެމް އާގަމް ނަމަކަށް ކިޔާ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 100,000,000ރ. އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

އަދި ޖޫރިމަނާ ފައިސާ އެ ބާޖުގެ ރާއްޖޭގެ އެޖެންޓު މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

އީޕީއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި، އުޅަނދުގެ ވެރިފަރާތާއި އެއިދާރާއާއި ގުޅިގެން ހިންގި ސާވޭއިން 6،054 އަކަމީޓަރުގެ ސަރަހައްދަކަށް އުޅަނދު ފަރަށް އެރުމުން ގެއްލުން ވެފައި ވާކަން ދައްކާފައި ވާކަމަށެވެ. 

އެ ގެއްލުމުގެ ބަދަލުގައި 152،569،800 ދައްކަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް ގާނޫނުގައި ބުނެފައިވާގޮތުން އެންމެ ބޮޑަށް މިފަދަ މައްސަލައިގައި ޖޫރިމަނާ ކުރެވޭނީ 100 މިލިއަން ރުފިޔާ ކަމުން އެ ފައިސާ 30 ދުވަހުގެ ތެރޭ ދެއްކުމަށް އަންގާފައި ވާކަމަށެވެ. 

އީޕީއޭއިން އިތުރަށް ބުނީ، ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކު މިހާރު ފަށާފައި ވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް