ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ގާނޫނަށް ގެންނަން މަސައްކަތް ކުރައްވާ އިސްލާހުގެ ޑްރާފްޓު ހިއްސާ ކުރައްވާފަ އެވެ. އަދި ބަރުލަމާނީ ގެންނަން އެންމެންގެ ތާއީދުވެސް ބޭނުންވާ ކަމަށާއި، އެގޮތުން ފައްޔާޒްގެ ތާއީދުވެސް އެކަމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނިކޮށް ރާއްޖޭގެ ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރިޔާސީ ނިޒާމުގައި މިހާރުވެސް ރާއްޖޭގެ ވެރިކަން ކުރިއަށް ދާ ކަމަށާއި، ބޭނުންވާ ކަންކަން ކުރެވޭ ކަމަށެވެ. އަދި އަނިޔާވެރި ނުވާ ކަމަށާއި، އިމުގެ ތެރެއިން ބޭނުންވާ ކަންކަން ކުރެވޭ ކަމަށެވެ. އެހެން ކަމުން ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި ފައިސާ ދީގެން ވެރިކަން ބަދަލު ކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި މިކަމުގެ ސަބަބުން ގައުމަށް ގެއްލުން ކުރިމަތި ވާނެ ކަމަށެވެ.
ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާމެދު ގޮތެއް ނިންމަން އެމްޑީޕީގެ ކޮންގްރެހަށްވެސް ހުށަހަޅުއްވަން ނިންމަވާފަ އެވެ.