ސަރުކާރު ކެންޑިޑޭޓް ވައްޑޭގެ ނަމުން އަޅުގަނޑު މި މުޚާތަބުކުރީވެސް ކަމެއް ވެގެންނެވެ. ހަމަ ހަގީގަތުގައިވެސް ތިޔައީ ސަރުކާރު ކެންޑިޑޭޓްވީމައެވެ. އެކަމަކު އެއީ އިންތިހާބު ކާމިޔާބުވަންދެން ދެއްތޯއެވެ؟
ވައްޑޭ ހުއްޓާނުލައްވާ ތިޔަ ކުރައްވާ ޓްވީޓްތައް އަޅުގަނޑު އެބަ ބަލަމެވެ. ވަރަށްވެސް ފުރިހަމައެވެ. ވަރަށްވެސް ފުރިހަމައެވެ. ހަމަ ސާބަސް ދޭވަރުވެއެވެ. ވައްޑޭގެ ޓްވީޓްތަކުންވެސް އަޅުގަނޑަށް އަޅައިގެން އެއް ޓްވީޓެއްގައި ވިދާޅުވެފައި އެބައޮތެވެ.
ވަރަށް ބޮޑު ތެދެކެވެ. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ވައްޑޭއަށް އެކަން އެނގިވަޑައިގަތީ މަޖިލީހަށް އިންތިހާބުވީ ފަހުންތޯ ނުވަތަ ކުރިންތޯއެވެ؟ ނުވަތަ މިއަދު ތޯއެވެ؟
ވައްޑޭ މަޖިލީހަށް ހޮވީ ފަހަރުގައިވެސް ވައްޑޭއަކީ މާ މޮޅު މީހަކަށް ވެގެނެއް ނޫނެވެ. ވައްޑޭ ހަނދުމަފުޅު ނެތަސް، ވައްޑޭއާއެކު ތިޔަ ގޮނޑިއަށް ތައުލީމީ ގޮތުން ބެލިޔަސް، ތަޖުރިބާގެ ގޮތުންވެސް ބެލިޔަސް އަދި އަދަބު އިހްތިރާމަށް ބެލިޔަސް މާ ގާބިލު މާ މޮޅު ބޭފުޅަކު ވާދަކުރެއްވިއެވެ. އެކަމަކު އެ ބޭފުޅާގެ ބަދަލުގައި ރައްޔިތުން ވައްޑޭއަށް ވޯޓު އެޅީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި ހިފައިގެން ނުކުމެ ސަރުކާރު ކެންޑީޑޭޓޭ ވިދާޅުވީމައެވެ. ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކޮށް ސަރުކާރަށް އެއްބާރުލުން ދޭން ވައުދުވީމައެވެ. އެކަން މިއަދު ހަނދުމަފުޅު ނެތިއްޔާ އިސްތިއުފާ ދެއްވާށެވެ. އަޅުގަނޑުމެން ވޯޓު ދިނީ އިބްރާހީމް މުހައްމަދު ސޯލިހަށް އޮތް އިތުބާރަކާ ލޯތްބަކުންނެވެ.