ads
ހެނދުނު އަވަހަށް ހޭލުން
ހެނދުނު އަވަހަށް ހޭލުމުން ލިބޭ ބައެއް ފައިދާ
އަވަހަށް ހޭލުމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.

އަވަހަށް ހޭލުމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންވެސް މެއެވެ. އަޅުގަނޑުމެންގެ މާމައިންނާއި ކާފައިންގެ ދިރިއުޅުމަށް ބަލައިލުމުން، ޖިސްމާނީ ގޮތުން ހަށިހެޔޮކަން ވަރަށް ބޮޑަށް ފާހަގަކުރެވޭނެއެވެ. މިހާރާއި ހިލާފަށް އެދުވަސްވަރަކީ ޓެކްނޮލޮޖީ މިހާ ފަހި ދުވަސްވަރެއް ނޫނެވެ. އެއާއެކު އަވަހަށް ނިދުމާއި އަވަހަށް ހޭލުމަކީ އާންމު ކަމެކެވެ. ދިރިއުޅުމުގެ ގިނަ މަސައްކަތްތައް ވަރަށް ފަތިހާ ފަށައި މެންދުރަށް ނިންމާލައެވެ. އަންހެނެއް ފިރިހެނެއް ތަފާތެއް ނޯވެއެވެ.

ނަމަވެސް، ޓެކްނޮލޮޖީއާ އެކީ އަޅުގަނޑުމެންގެ މުހިންމު ވަގުތުތައް މިދަނީ ބޭކާރުކޮށްލަމުންނެވެ. ޚާއްސަކޮސް ޖީބަށްލައިގެން ގެންގުޅޭ މޮބައިލް ފޯނުން މިބައި އަދާކުރާލެއް ވަރަށްބޮޑެވެ. އަވަހަށް ނިދަން އެރިޔަސް ފޯނު އަތުގައި ޖެހުމުން، ގަޑި ދެގަޑި އިރުވެސް ފޯނާއި ކުޅެން އޮވެއެވެ. މިހެން ވުމުގެ ސަބަބުން އަވަހަށް ހޭލުމަކީ އަޅުގަނޑުމެންނަށް ވަރަށް ދަތިކަމަކަށްވަނީ ވެފައެވެ. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ތާވަލަށް ކުޑަ ބަދަލެއް ގެނެސްގެން މިފައިދާތައް ހޯދިދާނެއެވެ. ބޭނުންވަނީ ހިތްވަރެވެ. އަވަހަށް ހޭލުމުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި؛

  • ބަރަކާތާއި ރަޙުމަތުގެ ވަގުތަކަށްވުން: އަޅުގަނޑުމެންގެ ދީނުގައިވެސް އަވަހަށް ހޭލުމަށް ބާރު އަޅުއްވާފައިވެއެވެ. އެގޮތުން ފަރުޟު ކުރެއްވިގެންވާ ފަސް ނަމާދުގެ ތެރެއިން ފަތިސް ނަމާދަށް ބަލާލުމުންވެސް މިކަން ހާމަވެއެވެ. އަދި ހަމަ އެހެންމެ، ފަތިހުގެ ވަގުތަކީ ބަރަކާތާ ރަޙުމަތް ލެއްވިގެންވާ ވަގުތެއް ކަމުގައިވުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދުޢާ ކުރައްވައިފައެވެ.
  • ސިކުނޑިއަށް ހަމަޖެހުން ލިބުން: ދުވާލު މަސައްކަތާއި އެހެނިހެން ކަންކަމުގައި ވަގުތުތަށް ދަނީ ހަށިގަނޑާއި ސިކުނޑިއަށް އެއްވެސް އަރާމެއް ނުލިބިއެވެ. ރޭގަނޑުގެ ރަނގަޅު ނިންޖަކަށްފަހު އަވަހަށް ހޭލުމުން، ހަށިގަނޑާއި ސިކުނޑި އޮންނާނީ ތާޒާކަންމަތީގައެވެ.
  • ގިނަ ވަގުތު ލިބުން: އަވަހަށް ހޭލުމުން ދުވާލުގެ މަސައްކަތްތައް ފެށުމުގެ ކުރިން، ހަމަޖެހިލައިގެން ކަސްރަތު ކޮށްލަން ވަގުތު ލިބެއެވެ. އަވަސް އަރުވާނުލައި ހަށިގަނޑަށް ފައިދާ ހުރި ނާސްތާއެއް ތައްޔާރުކޮށްލަންވެސް ފުރުސަތު ލިބެއެވެ.
  • ގިނަ މަސައްކަތް ކުރެވުމާއި އޭގެ ފެންވަރު ރަނގަޅުވުން: ހެނދުނުގެ ވަގުތަކީ ހަމަހިމޭން ލުއި ވަގުތުކެވެ. އެވަގުތުގައި އެހެން މީހުންގެ އުނދަގުލެއް ކުރިމަތިވުން މަދުވާނެއެވެ. އަދި ދުވާލުގެ ކުރީކޮޅު ކަމަށްވުމުން އެއްވެސް ބަރުހެލިކަމެއް ހަށިގަނޑުގައި ނުހުންނާނެއެވެ. މިއާއެކު ގިނަ މަސައްކަތް ކުރުމަށް ބާރު ލިބެއެވެ. އަދި ކުރެވޭ މަސައްކަތުގެ ފެންވަރުވެސް ދުވާލުގެ އެހެނިހެން ވަގުތަށްވުރެ ރަނގަޅުކަން ފާހަގަވެއެވެ.
80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް