ads
ކޮވިޑުގެ ކަންކަން މެނޭޖްކުރަން ހެދި މަރުކަޒުގެ ތެރޭގައި އޭރުގެ މިނިސްޓަރު އަމީން ރައީސްއާއެކު
ވެންޓިލޭޓަރުގެ ބޮޑު ވައްކަން އެންމެ ފަހުން ފައިލުކޮށްފި
ކޮވިޑުގެ ނުރައްކާތެރި ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން ވެންޓިލޭޓަރުތަކެއް ހޯދުމަށް ހިންގި މުއާމަލާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ މީހުންގެ މައްޗަށް ދައުވާނުކޮށް އެ މައްސަލަތައް ފައިލުކޮށްފިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކުށުގެ އުންސުރު ހަމަ ނުވެގެން މައްސަލައިގައި ދައުވާ ކުރަން ފޮނުވި ކޮންމެ ފަހަރަކުވެސް އޭސީސީއަށް އެ މައްސަލަތައް އަލުން ފޮނުވާލިއެވެ. މި މަރުހަލާގެ ތެރޭގައި އޭސީސީގެ ހުރިހާ މެންބަރުން ވަކިކޮށް މުޅިން އަލަށް އޭސީސީއަށް މެންބަރުން އައްޔަންކޮށްފައިވާއިރު، މައްސަލަ ފައިލް ކުރީ އަލަށް އައްޔަން ކުރި އޭސީސީގެ މެންބަރުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ހިމެނޭ ގޮތުން ދިހަ މީހެއްގެ މައްޗަށެވެ.

އެކަމަކު އެ މައްސަލައަކީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޖިނާއީ ކުށެއްގެ އުންސުރުތައް ހަމަވާ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލައިގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ކުރެވެން ނެތް ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި ހަތްދިހަ ފަސް ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލު ކުރީ ތިރީހަކަށް މިލިއަން ރުފިޔާއަށެވެ. މި ފައިސާ ދޫކޮށްފައިވަނީ މާލިއްޔަތު ގާނޫނާ ޚީލާފަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހަތްދިހަ ފަސް ވެންޓިލޭޓަރު ހޯދަން ބޮޑު އަދަދެއް ހޭދަކޮށްފައިވާއިރު މިހާތަނަށް ލިބިފައިވަނީ އެންމެ ފަނަރަ ވެންޓިލޭޓަރު ކަމަށްވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ވެންޓިލޭޓަރު ގަތުމަށް، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ދޫކުރި ފައިސާ އަނބުރާ ނުދެއްކުމުން، އެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުންވަނީ ކުރިން ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް