ads
ރިސޯޓް މުވައްޒަފުން ކުރި މުޒާހަރާއެއްގެ ފޮޓޯއެއް
ރިސޯޓު މުވައްޒަފުނަށް "ނައިޓަށް" ރަށަށް ދެވޭކަމަށް ބުނުމުން ރައްދުދީފި
އެމްޑީޕީގެ އެެޖެންޑާ-19 ގައި ހޯދައިދޭން ވައުދުވެފައިވާ ރިސޯޓު މުވައްޒަފުންގެ ހައްގުތައް ހޯދައިދީ "ނައިޓަށް ރަަށަށް ދެވޭ ގޮތް ވެއްޖެ" ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ރައްދު ދީފި އެވެ.
Advertisement

އެމްޑީޕީގެ ކޮންގްރެސްގައި ރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެޖެންޑާ-19 ގައި ހިމަނާފައިވާ ރިސޯޓު މުވައްޒަފުންގެ ހައްގުތަކުގެ ތެރެއިން މިނިމަމް ވޭޖާއި، ސާވިސް ޗާޖާއި، އަނބިދަރިން ކައިރިއަށް ރަށަށް ދިއުމުގެ ހައްގުވެސް ހޯދައިދެވިފައިވާ ކަމަށެވެ.

"މިނިމަމް ވޭޖް ކަނޑައެޅިއްޖެ، ނައިޓަށް ގެއަށް ދެވޭ ގޮތް ވެއްޖެ، ރެސޯޓް ފަހަރުގައި މަސައްކަތްކުރާ މީހުނަށް އެމީހުންގެ ސާވިސްޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ. ހަތްސަތޭކަ ޑޮލަރު ގެއަށް ނުގެންދާ، އިރާދަކުރެއްވިއްޔާ އެންމެ ކުއްޖެއް ވެސް މިހާރު ނެތް،" ނަޝީދު ރޭގެ ކޮންގްރެސްގައި ވިދާޅުވި އެވެ.

މިހައްގުތައް ފުރިހަމަކޮށްދެވިފައިވާކަމަށް ބުނުމަކީ ހަގީގަތެއް ނޫންކަމަށް ފާހަގަކޮށް ޓީމް އިން ދީފައިވާ ރައްދުގައި ބުނެފައިވަނީ، ހަގީގަތަކީ ރިސޯޓް މުވައްޒަފުންގެ 90 އިންސައްތަ މަސައްކަތްތެރިންނަށް ޑިއުޓީ ނިންމާފައި ރަށަށް ނުދެވޭއިރު، އޮފްވެސް ނަގަން މަޖުބޫރު ކުރުވަނީ ރިސޯޓްގައި ކަން ކަމަށެވެ.

ބިދޭސީން މިނިމަމް ވޭޖުން މަހުރޫމް ކުރުމުން ރިސޯޓް މުވައްޒަފުންގެ އެތަށް ސަތޭކަ ވަޒީފާއަކަށް ބިދޭސީން ގެނެސް، އައުޓްސޯސްކޮށް މިނިމަމް ވޭޖް ނުދީ އަޅުންގެ ގޮތުގައި ގެންގުޅުން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި،
ސާވިސްޗާޖުން މަކަރުހެދުން ރިސޯޓް، ހޮޓާ، ސަފާރީ އަދި ގެސްޓް ހައުސް ތަކުގައި އިތުރުވެ ޓެކްސްއަށްވެސް މަކަރުހަދުން އިތުރުވެއްޖެ ކަންވެސް ފާހަގަކުރި އެވެ.

ހަގީގަތަކީ ރިސޯޓް މުވައްޒަފުންނަށް އަދި ޕްރައިވެޓް ސެކްޓާ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ހަ މަސްްދުވަސް ލިބެމުން ނުދާކަން ކަމާއި، 519 ޑޮލަރުން މަތީން މުސާރަ ލިބެމުންދިޔަ ފަރާތްތަކަށް މިނިމަމްވޭޖްގެ ކުރިއެރުން ނުލިބޭ ކަން ކަމަށްވެސް ޓީމް އިން ބުނެފައިވެ އެވެ. 

މީގެ އިތުރުން ދިހަ ބާރަ ގަޑި އިރު މަސައްކަތް ކުރުވާ އޯވަޓައިމް ފައިސާވެސް ގިނަ ރިސޯޓް ތަކުގައި ދެމުން ނުދާކަން ޓީމް އިން ފާހަގަކުރި އެވެ. ޓީމް އިން ބުނީ އެ ހުރިހާ ކަމެއްވެސް ކުރަނީ ޓޫރިޒަމް މިނިސްޓްރީއާއި އިކޮނަމިކް މިނިސްޓްރީން ކަމަށެވެ.

"މިހުރިހާކަމަކީ ސީދާ ޓޫރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާކަންކަން ކަންފާހަގަ ކުރަން!" ޓީމް އިން ފޭސްބުކުގައި އެކަމަށް ރައްދުދީ ކޮށްފައިވާ ޕޯސްޓުގައި ވެއެވެ.

ރިސޯޓު މުވައްޒަފުން ނިކަމެތި ނުވާނެ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރިސޯޓު މުވައްޒަފުންނެއްވެސް ނިދާނީ އެމީހުންގެ އަބިދަރިން ކައިރީގައި ކަމަށް ބުނެ، 2018ވަނަ އަހަރުގެ ތެރޭގައިވެސް ނަޝީދު ވާހަކަދައްކަވާފައިވެ އެވެ.

" ނިދާކަށެއް ނުޖެހޭ ފެކްޓްރީއަކު. ނިދާކަށެއް ނުޖެހޭ ރިސޯޓަކު. އެއީ ދުނިޔެ ހިނގާގޮތެއް ނޫން. މާކުރީ ޒަމާނެއްގައި 1900 މިގައުމު ފުރޮޅުނުއިރުގާ ގެންގުޅުނު މީހުން ގަދަބާރު އަޅާގެން. ދަނޑިބާރު އަޅާގެން އެތަން މިތަނުގައި ނިންދަވާގެން. ނޫޑްލްސް ޕެކެޓެއް ކާންދީގެން. ކޮންޓެއިނަރެއްގެ ތެރޭގައި ފާހާނާކުރުވާގެން. މިއީ އަނެއް ދިވެހިރާއްޖެއެއް ނޫން. ދިވެހި ރައްޔިތުންގެ ޑިޕޮކްރަޓިކް ޕާޓީ މިއަދު މިތެދުވަނީ ދިވެހި މަސައްކަތްތެރިންނާއިއެކުގާ. އަޅުގަނޑުމެން އެމީހުންގެ ހައްގުތައް ކަށަވަރުކުރާނަން. ރިސޮޓުތަކުގައި ރާއްޖޭގެ ޒުވާނުންނަށް ނިދާކަށެއް ނުޖެހޭނެ. އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރހާ، ހުރިހާ ރިސޯޓެއްގެވެސް މަސައްކަތްކުރާ މުވައްޒަފުން ނިދާނީ އެމީހުންގެ އަބިދަރިން ގާތުގަ. ރިސޯޓާއި ރަށާއި ދެމެދު އަބުވެސް ފެރީ ދަތުރުކުރާނެ. މިއީ ފުލެޓް ދޮންބެ. އަޅުގަނޑުމެން އެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން" 2018 ވަނަ އަހރުގެ ރިޔާސީ އިންތިހާބު ކެމްޕެއިންގެ ތެރެއިން ނަޝީދު އޭރު ވިދާޅުވި އެވެ.

 ނަމަވެސް ސަރުކާރާއި ހަވާލުވެވެސް ރިސޯޓު މުވައްޒަފުންގެ ހައްގުތައް ހޯދައިނުދީގެން އެ މުވައްޒަފުން ރިސޯޓުތަކުގައި އެކި ފަަހަރުމަތިން މުޒާހަރާކޮށްފައިވެސް ވެއެވެ. 

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް